ހަބަރު

ހުރަސްއެޅުންތަކާ އެކުވެސް އެމްޑީޕީ ރިޔާސީ ޕްރައިމަރީ ނިންމާލައިފި

އިދިކޮޅު އެމްޑީޕީން މިއަދު ފެށި އެޕާޓީގެ ރިޔާއީ ޕްރައިމަރީ ހުއްޓުވަން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށް އެކި ފިއްތުންތައް ކުރިމަތި ކުރަމުން ދިޔަ ނަމަވެސް، ދާދި ދެންމެއަކު އެ ޕްރައިމަރީގައި ވޯޓުލައި ނިންމާލައިފި އެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވަން ފުލުހުން ދެފަހަރެއްްގެ މަތިން މަސައްކަތްކުރި ނަމަވެސް މާލެއާއި އަތޮޅުތަކުން ވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިވި ކަމަށެވެ. އަދި ބުނީ ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ވޯޓް ފޮށިތައް ބަންދު ކުރީ މިރޭ ދަންވަރު 12 ޖެހުމާ އެކު އެވެ. ވޯޓްލުން ފެށީ މެންދުރު 2:00ގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގިނިކަންޏާ ވާދަކުރެއްވި ޕްރައިމަރީގައި ވޯޓުލުން މިއަދު ކުރިއަށް ގެންދިން ޖެހުނީ ފުލުހުންގެ ހުރަސް އެޅުންތަކާ އެކު އާދަޔާ ހިލާފު ގޮތަކަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ވޯޓުފޮށި ހިފައިގެން މީހުންގެ ގާތަށް ގޭގެއަށް ވެސް ދިޔަ އެވެ. އަދި ބޮޑެތި ކަޅުހަމާއި ޑަބިޔާ އަދި ސިމެންތި ގަށާ މެޝިން ވެސް ވޯޓް ފޮށިތަކުގައި ގޮތުގައި ބައެއް ރަށްރަށުގައި އެންމެ ފަހު ވަގުތު ބޭނުން ކުރި އެވެ.

އެމްޑީޕީ އިން ވަނީ މާލޭގެ ހަ ސަރަހައްދެއްގައި ވޯޓްލުން ބާއްވައިފަ އެވެ. އަދި ސްރީލަންކާގެ ދެ ސަރަހައްދަކާއި އިންޑިއާ އަދި މެލޭޝިޔާގައި ވެސް ވޯޓް ފޮށްޓެއް ބެހެއްޓި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީ ފުލުހުން ހުއްޓުވި ނަމަވެސް ޕްރައިމަރީގައި ކުރިމަތިލެއްވި ހަމަ އެކަނި ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ރިޔާސީ ޓިކެޓް ހޯއްދަވަން ބޭނުންވާ އަދަދަށް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާ ކަމަށް ކެމްޕޭން ޓީމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަޝީދުގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހަވީރު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ މިއަދުގެ 4:30 އާ ހަމައަށް ނަޝީދަށް 11000 އަށް ވުރެ ގިނަ ވޯޓުލިބި ވަޑައިގެންފައިވާ ކަމަށް އެގްޒިޓް ޕޯލް އިން ދައްކާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދުގެ 23 ޕަސެންޓް ކަމަށާއި އެހެންވީމާ ބޭނުންވާ އަދަދަށް ވުރެ މާ އިތުރަށް ވެސް ނަޝީދަށް ވޯޓު ލިބިވަޑައިގެންފައިވާ ކަމަށެވެ.

" އަޅުގަނޑު މިދެންނެވި 11697 ވޯޓަކީ ޕާޓިގައި މިވަގުތު ތިބި ޖުމްލަ މީހުންގެ އަދަދުގެ 23 ޕަސެންޓް. ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި އެއް ކެންޑިޑޭޓު އޮތަސް 10 ޕަސެންޓް ހޯދަން ޖެހޭ. ކުރިމަތިލައްވާފައި ވަނީ ރައީސް ނަޝީދު އެކަނި. އެހެން ކެންޑިޑޭޓަކު ކުރިމަތިލައި ވާދައެއް ނުކުރޭ. މިހާރުވެސް އެ 10 ޕަސެންޓަށް ވުރެ އިތުރަށް، މާ ބޮޑަށް ވެސް އިތުރަށް މިވަނީ ވޯޓު ލިބިފައި،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބޭއްވި އިންތިހާބު ފުލުހުން ވަނީ ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. އެގޮތުން އެމްޑީޕީގެ ޕޯލިން ސްޓޭޝަންތަކަށް ފުލުހުން ވަދެ، އެ ތަންތަނުގައި ހުރި ވޯޓް ފޮށިތަކާއި ވޯޓުލުމަށް ބޭނުންކުރި ކަރުދާސްތައް ވަނީ ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެމީހުން ތަންފީޒުކުރީ ސިވިލް ކޯޓުުން ނެރުނު އަމުރެއް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ އަމުރުގައި އެމްޑީޕީގެ ނަން ނުބައިކޮށް އޮތުމުން އެޕާޓީން ބުނީ އެއީ އެޕާޓީއަށް އޮތް އަމުރެއް ނޫން ކަމަށެވެ. އެހެން ކަމުން އެ އަމުރުން އެ ޕްރައިމަރީގެ ވޯޓްލުން ހުއްޓުވިދާނެ ކަމާ މެދު އެމްޑީޕީ އިން ދިޔައީ ސުވާލު އުފައްދަމުން އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އެމްޑީޕީއަށް އަންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޝަރުއީ ހުކުމެއްގައި ހުރި ބޭފުޅަކަށް ވާތީ، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭތީ އެމަނިކުފާނު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ނުބޭއްވުމަށެވެ. އަދި އީސީއިން އެދިގެން އޭޖީ އިން ވަނީ ސިވިލް ކޯޓަށް ގޮސް ޕްރައިމަރީގެ ވޯޓުލުން ހުއްޓުވަން މިއަދު އަމުރެއް ވެސް ނެރެފަ އެވެ. އިލެކްޝަންސް އިން ބުނެފައި ވަނީ އެމްޑީޕީގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށެވެ.