ދުނިޔެ

ޓްރަމްޕާއި ކިމް ބައްދަލު ކުރެއްވީ މީހަކު މިނިވަންކުރަން

އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކާޑޭޝިއަން ވެސްޓް އިއްޔެ ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ބައްދަލު ކުރައްވާފަ އެވެ. ޓްރަމްޕާއި ކިމް ބައްދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ 63 އަހަރުގެ އަންހެނަކަށް މައާފު ދިނުމަށް އެދުމަށެވެ.

އެލައިސް މެރީ ޖޯންސަން ކިޔާ އެ އަންހެން މީހާ ޖަލުގައި އިންނަތާ މިހާރު ވިއްސަކަށް އަހަރުވެއްޖެ އެވެ. އޭނާ ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

މި މައްސަލައާއި ގުޅޭގޮތުން ޓްރަމްޕުގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާވެސް ކިމްއާއި މަޝްވަރާ ކުރަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. ކިމްއާއި ބައްދަލު ކުރެއްވުމަށްފަހު ޓްރަމްޕް ވަނީ ޓުވީޓެއް ވެސް ކުރައްވާފަ އެވެ.

ކިމްއާއި ބައްދަލުކުރެއްވުމަށްފަހު ރައީސް ޓްރަމްޕް ކުރެއްވި ޓުވީޓް.

މި މައްސަލައާއި ކިމްއާއި އޮތް ގުޅުމަކީ ކޮބާ؟

އެލައިސްގެ ވާހަކަ ކިމްއަށް އެނގުނީ ޓުވިޓާގައި ދައުރުވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި އެލައިސް އޭނާ ޖަލަށް ލެވުނު ގޮތާއި ޖަލުން މިނިވަންވެ އޭނާގެ އާއިލާ ކަރިއަށް ދިއުމަށް ކުރާ އުއްމީދުތަކުގެ ވާހަކަތައް ކިޔައިދެ އެވެ.

އެލިސަންގެ ވީޑިއޯ ބަލާފައި ކިމް ކުރި ޓުވީޓް.

އެ ވީޑިއޯ ބެލުމަށްފަހު ކިމް ވަނީ އޭނާގެ އަމިއްލަ ލޯޔަރު ކައިރީގައި ބުނެގެން އެ އަންހެން މީހާއަށް އިންސާފު ހޯދާދިނުމަށް ގާނޫނީ ޓީމެއް ހޯދުމަށް އެދިފަ އެވެ. ހުރިހާ ހަރަދެއް ބެލެހެއްޓީ އޭނާ އެވެ.

ގާނޫނީ ޓީމެއް ހޯދަމުން އަންނަނިކޮށް އެމީހުނަށް ލައްވާލީ ރައީސް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް އެވެ. ޖެރެޑްއަކީ ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އޭނާއަކީ އެމެރިކާގެ ޖަލުތަކުގެ ގާނޫނުތައް ބަދަލުކުރުމަށް ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

މިދިޔަ ހަފްތާގައިވެސް ޖަލުތަކުގެ ގާނޫނަށް އޭނާ ހުށަހެޅި ބިލެއް ވަނީ ފާސްކޮށްފަ އެވެ. "ފަސްޓް ސްޓެޕް އެކްޓް" ކިޔާ އެ ބިލުގެ ދަށުން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ މީހުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ރިހެބިލިޓޭޝަން ޕްރޮގުރާމްތައް ހިންގުމަށް 50 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

އެލައިސްގެ އާއިލާއިން ބުނާގޮތުގައި މި މައްސަލާގައި ކިމްގެ އެހީތެރިކަން ލިބެން ފެށުމާއެކު އޭނާ މިނިވަންކުރުމަށް ކުރާ މަސައްކަތައް އިތުރު ފަސޭހަތަކެއް ވަނީ ލިިބިފަ އެވެ.

އެލައިސް މެރީ ޖޯންސަންއަކީ ކާކު؟

ޑްރަގުގެ މައްސަލައެއްގައި 1996 ވަނަ އަހަރު އެލައިސް އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ ޕެރޯލްއެއް ނެތި އެވެ. އެ މައްސަލައިގެ ކުރިން އޭނާއަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫނެވެ. އޭނާގެ މައްޗަށް ސާބިތުވީ ޑްރަގު ވިއްކާ މީހުނާއި ގަންނަ މީހުންގެ ދެމެދުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމެވެ.

އެލައިސްގެ އާއިލާއިން ބުނީ ގިނަ އަހަރުތަކެއް އޭނާ ޖަލުގައި ވޭތުކޮށްފައިވާއިރު، އޭނާއަކީ ކިޔަމަންތެރި އަދި ޖަލުގައި ހިންގާ ގިނަ ރިހެބިލިޓޭޝަން ޕްރޮގުރާމުތަކާއި ގަވާއިދުން ބައިވެރިވާ މީހެއް ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި ގައިދީންނަށް މައާފުދިނުމަށް ފެށި "ކްލެމެންސީ ޕްރޮޖެކްޓް 2014" ގެ ކަނޑައަޅާފައިހުރި ހުރިހާ ޝަރުތެއް އޭނާގެ ހަމަވާކަމަށް ބުނެފައިވެ އެވެ. ނަމަވެސް އޮބާމާގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އޭނާ މިިނިވަން ނުކުރަން ނިންމި އެވެ.

އެލިސަންގެ މައްސަލަ 2014 ވަނަ އަހަރު ފެށިގެން ބަލަމުން އަންނަ "ކޭން-ޑޫ ކްލެމެންސީ" ގެ ފައުންޑާ އެމީ ޕޯވާ ބުނީ އޭނާއަށް މައާފު ހޯދާދިނުމަށް 60 ޖަމިއްޔާއެއްގެ ސޮއިވެސް ހޯދިމަކަށެވެ. އަދި އެލައިސް ގައިދުކޮށްފައި ހުރި ޖަލު އޭރު ބެލެހެއްޓި މީހާގެ ސިޓީއެއްވެސް ހޯދިކަމަށް ބުނެފައިވެ އެވެ.

ދެން ވާނީ ކިހިނެތް؟

ގައިދީންނަށް މައާފުދިނުމަކީ ރައީސްގެ އަތްމަތީގައި އޮތް ކަމެކެވެ. ޓްރަމްޕްގެ އަރިހަށް ކިމް ޒިޔާރަތްކުރުމާއެކު މި މައްސަލާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބައެއް ފަރާތްތަކުން ލާފަކުރެ އެވެ.

ބައެއް ފަރާތްތަކުން އަންނަނީ ކިމްއަށްވެސް ފާޑުކިޔަމުންނެވެ. އެއީ ގައިދީއަކު މިނިވަންކުރަން މަޝްހޫރު ފަރާތަކުން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ. އަދި އެލިސަން ފަދަައިން މި ގޮތަށް މިނިވަންކުރެވެންޖެހޭ އެތަށް ބަޔަކު ތިބޭނެ ކަމަށާއި އެމީހުންގެ ވާހަކަ ނުދައްކާއި ހަމައެކަނި އެންމެ މީހެއްގެ ވާހަކަދެއްކުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އެލިސަންގެ އާއިލާއިން އަނެއްކާވެސް ތިބީ އޭނާ މިނިވަންކުރާނެ ކަމަށް އުއްމީދުކޮށްގެންނެވެ.