ހަބަރު

މަޝްވަރާ ކުރާނީ ވަޑައިގެންނެވޭނެ ބޭފުޅުންނާއެކު: ތަރުޖަމާން

May 24, 2015
2

ސަރުކާރުން ޕާޓީތަކާއެކު މަޝްވަރާ ކުރާނީ އެފަދަ މަޝްވަރާތަކަކަށް ވަޑައިގެންނެވޭނެ ބޭފުޅުންނާ އެކުގައި ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މަޝްވަރާ ކުރުމަށް ރައީސް ދެއްވި ދައުވަތު ހުރިހާ ޕާޓީތަކުން ގަބޫލު ކޮށް، އެ މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް މިއަދުގެ ނިޔަލަށް ރައީސް އޮފީހަށް ފޮނުވާފައިވާ އިރު، އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ދެންނެވުމުން މުއާޒު ވިދާޅުވީ ސަރުކާރާ މަޝްވަރާ ކުރުމަށް ބައެއް ޕާޓީތަކުން ހުށަހެޅި މަންދޫބުންގެ ތެރޭގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ބައެއް ފަރާތްތައް ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޖަލު ހުކުމެއް ތަންފީޒު ކުރާ ފަރާތަކަށް ލިބޭ ފުރުސަތުތައް އެނގި ތިބެ، އެފަދަ ފަރާތްތަކެއްގެ ނަން ފޮނުވުމަކީ، މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކުގެ ނިޔަތް އޮތް ގޮތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް މުއާޒު ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތަކީ ސުލްހަވެރި ހައްލު ހޯދުމަށް މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފެށުން ކަން ފާހަގަ ކުރައްވަމުން މުއާޒު ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ "އެ މަޝްވަރާތަކަށް ވަކި ބޭފުޅަކަށް ވަޑައިނުގެންނެވޭ ގޮތެއް މެދުވެރިވެފައި އޮތުމަކީ" މަޝްވަރާ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް މުއާޒު ވިދާޅުވި އެވެ.

"ސަރުކާރުގެ އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް މަޝްވަރާ ކުރަން ހުށަހެޅި މަންދޫބުންގެ ތެރޭގައި ވަކި ބޭފުޅެއްގެ ނަން އޮތުމަކުން. މަޝްވަރާތަކަށް ވަޑައިގެންނެވޭ ކޮންމެ ބޭފުޅަކާ އެކު ވެސް ސަރުކާރުން މި އޮތީ މަޝްވަރާ ކުރަން މަރުހަބާ ކިޔައިގެން. ނަމަވެސް ޖަލުގައި ޝަރުއީ ހުކުމެއް ތަންފީޒު ކުރާ ފަރާތަކަށް ނޫނީ ގާނޫނީ ބަންދެއްގައި ހުރި ފަރާތަކަށް ނޫނީ އެހެން ވެސް ސަބަބަކާ ހުރެ މަޝްވަރާއަށް ނާދެވުމަކީ އެއީ މަޝްވަރާތައް ކުރިއަށް ދާން ނުޖެހޭ ސަބަބެއް ނޫން. އަދި އެއީ އެކަމަށް އޮތް ހުރަހެއް ވެސް ނޫން. އެއީ ޕާޓީތަކުން ވިސްނަން ޖެހިވަޑައިގަންނަވާ ކަމެއް މަޝްވަރާއަށް އާދެވޭނެ ބޭފުޅުންގެ ނަންތަކެއް މަޝްވަރާ ކުރާ މަންދޫބުންގެ ގޮތުގައި ފޮނުއްވުމަކީ،" މުއާޒު ވިދާޅުވި އެވެ.

  ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު

  ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލި ޗެއާޕާސަން، އަލީ ވަހީދު

  ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

  ފުލުހުން ހައްޔަރުކޮށްފައިވާ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

  ނައިބު ރައީސް ޑރ. މައުރޫފް ހުސައިން

  ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދު

  ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ދީދީ އަދި އަދި ޝިދާތާ ޝަރީފް

  ނައިބު ލީޑަރު އަމީން އިބްރާހިމް

  ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

  ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު

  ކަޑިތީމު ދާއިރާގެ މުހައްމަދު ހުސެއިން

ތަރުޖަމާން ވިދާޅުވީ، ސަރުކާރުން މަޝްވަރާ ކުރާނީ ގާނޫނީ ގޮތުން ރައީސްއަށް ކުރެވެން ހުރި ކަންތައްތަކާ މެދުގައި ކަމަށެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ރައީސްއަށް ގާނޫނީ ގޮތުން ކޮށްދިނުމުގެ ހުއްދައެއް ނެތް ކަންކަމާ މެދު މަޝްވަރާ ކުރި ނަމަވެސް، އެކަމުން ނަތީޖާއެއް ނިކުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. މިފަދަ ކަންކަމަކީ ޑިމޮކްރަޓިކް ވެއްޓެއްގައި ޕާޓީތަކުން ވެސް ގަބޫލު ކުރަން ޖެހޭނެ ކަންކަން ކަމަށް މުއާޒު ވިދާޅުވި އެވެ.

ޕާޓީތަކުން މާ ލަސްތަކެއް ނުވެ މަޝްވަރާއަށް މަރުހަބާ ކިޔާފައި ވާތީ އެކަން ފާހަގަ ކުރައްވަމުން މުއާޒު ވިދާޅުވީ ސަރުކާރުން މި އޮތީ މަޝްވަރާ ކުރުމުގެ ރަނގަޅު ނިޔަތުގައި ކަމަށެވެ. އަދި މަޝްވަރާތަކާ މެދު ސަރުކާރުން ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. މިހާރަށް ބަލާއިރު މަޝްވަރާތައް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން މަޝްވަރާއަށް ގޮވާލާފައި މި ވަނީ. މިއަދާ ހަމައަށް ވެސް ސަރުކާރުން މި އޮތީ ހެޔޮ ނިޔަތުގައި މަޝްވަރާ ކުރަން. ހާއްސަކޮށް ޝަރުތެއް ނެތި ޖޭޕީ އިން މި މަޝްވަރާތަކަށް އައުމަކީ ސަރުކާރުން އުފާ ކުރާ ކަމެއް. މިއީ އޮށްޓަރު ހުރި އުފެއްދުންތެރި ގޮތުގައި ކުރިއަށް ގެންދެވިދާނެ މަޝްވަރާތަކެއް ކަމަށް ދެގެން،" މުއާޒު ވިދާޅުވި އެވެ.

  ސިޔާސީ ނުތަނަވަސްކަމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުތަކެއް ހޯދުމަށް.

  އެއްބައިވަންތަކަން އިތުރުކޮށް ޑިމޮކްރަޓިކް ނިޒާމް ހަރުދަނާ ކުރުމަށް.

  އިގްތިސާދީ އިޖްތިމާއީ ކަންކަމުގައި ޕާޓީތަކުގެ އެއްބާރުލުން ހޯދުން.

މުއާޒު ވިދާޅުވީ މަޝްވަރާތަކަށް ޕާޓީތަކުން ހުށަހަޅާފައިވާ ކަންތައްތައް ބެލުމަށް ފަހު ރައީސް އެކަންކަމަށް ވަރަށް އަވަހަށް ޖަވާބު ދެއްވާނެ ކަމަށެވެ.