އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އުންްގެ މަންދޫބެއްގެ ގޮތުގައި އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޖެނެރަލް ކިމް ޔޮން ޗޯލް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއާ ބައްދަލު ކުރައްވައިފި އެވެ.
ކިމްޔޮން ޗޯލް އަކީ އުތުރުކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ އަދި އެގައުމުގެ ލީޑަރަށް އަސްކަރީ ކަންކަމުގައި ލަފާ އަރުވާ އިސް ޖެނެރަލެކެވެ.
އަލްޖަޒީރާ ބުނީ ކިމްޔޮންޗޯލްއާއި ޕޮމްޕޭއޯ ބައްދަލު ކުރެއްވީ ނިއުޔޯކް ސިޓީގައި ކިމް ހުންނެވި ހޮޓަލުގައި ކަމަށެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގެ ބޭނުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އުން ބާއްވަވަން އުޅުއްވާ ސަމިޓަށް ދެ ގައުމުން ވެސް ތައްޔާރުވުމެވެ. މުރާސިލުން ދެކޭ ގޮތުގައި އެ ބައްދަލުވުން ބޭއްވޭނެކަން ނުވަތަ ނޫން ކަން ވެސް ކަނޑައެޅޭނީ ޕޮމްޕޭއޯ ކުރައްވާ މަޝްވަރާތަކުގެ ނަތީޖާ އަންނަ ނުކުންނަ ގޮތަކުން ކަމަށެވެ.
އުތުކޮރެއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކިމް ޔޮން ޗޮލްއަކީ އާއްމު ހާލަތުގައި އެމެރިކާއަށް ދަތުރުކުރެއްވޭނެ ބޭފުޅެއް ނޫނެވެ. އުތުރުކޮރެއާގެ ނިއުކްލިއަ މަޝްރޫއަށް އެހީތެރިވާ ބޭފުޅަކަށް ވާތީ އޭނާ އެމެރިކާއަށް ވަޑައިގަތުން 2010 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް އެމެރިކާއިން މަނާކޮށްފައި ވެއެވެ. އެހެންވީމާ އޭނާ އެމެރިކާއަށް މިހާރު ވަަޑައިގެން އެ އުޅުއްވަނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
ކިމްް-ޓްރަމްޕް ސަމިޓު އޮންނާނީ ޖޫންމަހުގެ 12 ވަނަ ދުވަހު ކަމަށް އިއުލާނުކުރިތާ އެތައް ދުވަހެއް ފަހުން މިދިޔަ ހަފުތާގައި ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުން ނުބޭއްވޭނެ ކަަމަށެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ޓްރަމްޕް ވިދާޅުވީ ސަމިޓު އަދިވެސް ބޭއްވިދާނެ ކަމަށާއި ކަނޑައެޅި ތާރީހުގައި ވެސް ބޭއްވިދާނެ ކަމަށެވެ