ދުނިޔެ

ރަޝިއާ އެ އޮތީ ހާލުގައި ޖެހިފައި، ކޮންމެ ބަޔަކު ގާތުވެސް ކަމުކިޔާ ފާނެ: އެމެރިކާ

ރިޕޯޓްތައް ބުނާ ގޮތުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މިހާރު އުޅުއްވަނީ ރަޝިއާއަށް ކުރައްވާ ރަސްމީ ދަތުރެއްގަ އެވެ. މިއީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ވަރަށް ހާއްސަ ދައުވަތަކަށް ކިމް ކުރައްވާ ދަތުރެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ދުނިޔޭގައި މި ވަތުގު ތިއްބެވި އެންމެ ނުރައްކާތެރި ދެ ލީޑަރުން އެއްފަސްގަނޑެއްގައި ބައްދަލުކުރައްވައި، އެމެރިކާއާ ދެކޮޅަށް ސައްލާކޮށް މަލާމާތްކުރާ އަޑުއަހަން ކެތްނުވެފައި އޮތް އެމެރިކާ -- މި ދެ ލީޑަރުންގެ ބައްދަލުވުމަށް ވަރަށް ބޮޑަށް ފާޑުކިޔައި ވަނީ ކުށްވެރިކޮށްފަ އެވެ.

އެމެރިކާ ބުނާ ގޮތުން ރަޝިއާ މިހާރު އެ އޮތީ ހާލުގައި ޖެހި ކޮންމެ ބައެއްގެ ކިބައިންވެސް މަދަދަށް އެދެން ޖެހިދާނެ ހާލަތެއްގަ އެވެ.

އެމެރިކާ އިން ބުނާ ގޮތުގައި ޔުކްރޭން ހަނގުރާމަ ފަށައިގަތީ ރަޝިއާއަށް ވަރަށް މޮޅުތަކެއް ވާނެ ކަމުގެ އުންމީދު ގައެވެ. ނަމަވެސް ރަޝިއާ މިހާރު އެ އޮތީ ހަދާނެ ގޮތް ހުސްވެ އަދި ފިލަން ދުވާނެ ތަނެއް ވެސް ނޭނގިފައި ކަމަށް އެމެރިކާ ބުނެ އެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި ގޮތުގައި މުޖުރިމުން ކަމުކިޔާނީވެސް މުޖުރިމުން ގާތު ކަމަށެވެ.

ކިމް ޖޮން އުން އަކީ ވެސް ދުނިޔެއަށް ނުރައްކަލެއް ކަމަށް ވިދާޅުވެ ތަރުޖަމާން ވިދާޅުވީ އެ ވަރުގެ މީހަކާ ބައްދަލު ކުރެއްވުމަށް ޕޫޓިން ހުންނެވީ ފުރާނަދޭ ވަރުގައި ކަމަށެވެ.

ޕޫޓިންގެ އުއްމީދަކަށް ވެފައި އޮންނާނީ، ތަރުޖަމާން ވިދާޅުވި ގޮތުގައި ޔުކްރޭނާ ދެކޮޅަށް ބޭނުންކޮށްލާނެ ހަތިޔާރު ކޮޅެއް އުތުރު ކޮރެއާއިން ހޯދުމެވެ. އެހާ މުހިއްމު ކަމެއް ނެތް ނަމަ ޕޫޓިން އަކީ ކޮންމެ ކޮންމެ މީހަކާ ބައްދަލުކުރައްވާ ލީޑަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިފަދައިން ޕޫޓިންއަށް ފާޑު ވިދާޅުވާއިރު މެތޫ މިލާ ފަދަ އިސް މަގާމުތަކުގައި ތިއްބެވި ވެރިންނަށް އެނގިވަޑައިގެންފައި ނެތް ކަމަކީ، ރަޝިއާ ކޮންމެ ކަމަކަށް އެދުނަސް، އުތުރު ކޮރެއާ އެކަމަށް ކޮށްދޭނެ ކަމަށް ކިމް ޖޮން އުން އަމިއްލަ ފުޅަށް ވިދާޅުވެފައި އޮތް ކަމެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އުތުރު ކޮރެއާ އޮތީ ރަޝިއާއާ އެކުގައި ކަމަށް ކިމް ކިތަންމެ ފަހަރަކު ވަނީ ވިދާޅުވެފަ އެވެ. އަދި ރަޝިއާއަށް ދަތުރެއް ކުރެއްވުމަށް އަމިއްލައަށް ރާއްވަވައި އިންތިޒާމު ކުރެއްވީ ވެސް ކިމްގެ އަމުރަށެވެ.

ހަބަރުތައް ބުނާ ގޮތުން ކިމް ޖޮން އުން ރަޝިއާއަށް ވަޑައިގަންނަވާނި އެއްގަމު މަގުން، ރޭލުގަ އެވެ. މި ދަތުރަށް ހާއްސަ އުޅަނދުފަހަރު ވަނީ ދުރާލާ ތައްޔާރުކޮށްފަ އެވެ.