ދުނިޔެ

އިޒްރޭލްގެ ކުރީގެ ބޮޑުވަޒީރު އޮލްމާޓަށް އަނެއްކާވެސް ޖަލު ހުކުމެއް އަތުވެއްޖެ

May 25, 2015

ހަ އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އިޒްރޭލްގެ ކުރީގެ ބޮޑުވަޒީރު އިހޫދު އޮލްމާޓަށް އިތުރު އަށް މަހުގެ ޖަލު ހުކުމެއް މިއަދު އަތުވެއްޖެ އެވެ.

ރިޝްވަތު ހިފުމުގެ ކުށުގައި ހަ އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނިކޮށް އޮލްމާޓްގެ މައްޗަށް އަށް މަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން މިއަދު އިއްވީ މަކަރާއި ހީލަތް ހެދުމުގެ ކުށުގަ އެވެ. އެ ދެ ހުކުމް އައި ނަމަވެސް އޮލްމާޓް އަދިވެސް ހުރީ މިނިވަންކޮށެވެ.

އިޒްރޭލް ގާނޫނުތައް އޮންނަ ގޮތުން އިސްތިއުނާފް މަރުހަލާ ނިމުމުގެ ކުރިއަކުން ޖަލު ހުކުމެއް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ.

އޮލްމާޓް ހަ އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއްތޯ ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅާނެ ކަމަށް ރިޕޯޓްތައް ބުނާއިރު އެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އޮލްމާޓް ވެގެން ދާނީ އިޒްރޭލްގެ ތާރީޚުގައި ވެސް އެ ގައުމުގައި ވެރިކަން ކުރި ބޭފުޅުންގެ ތެރެއިން ޖަލަށްދާން ޖެހޭ ފުރަތަމަ ބޭފުޅާއަށެވެ.

އޮލްމާޓަކީ 2006 އިން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އިޒްރޭލްގެ ބޮޑުވަޒީރުކަން ކުރި ބޭފުޅާ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ވެސް ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތުތަކާ ހެދި އެވެ.