ހަބަރު

މިސްކިތްތައް މަރާމާތު ކުރަން 30 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި

ރޯދަ މަހާ ދިމާކޮށް މިސްކިތްތައް މަރާމާތު ކުރުމަށް 30 މިލިއަން ރުފިޔާގެ މަޝްރޫއެއް އިސްލާމިކް މިނިސްޓްރީ އިން ފަށައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރޯދަ މަހާ ދިމާކޮށް މާލޭގެ 23 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ. އެގޮތުން މާލޭގެ މިސްކިތަށް މަރާމާތު ކުރުމަށް 2.4 މިލިއަން ރުފިޔާ ހަރަދު ވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅުތަކުގެ މިސްކިތަށް އެއްކޮށްލުމުން މިސްކިތަށް މަރާމާތު ކުރަން ހިނގާ ހަރަދު 30 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ރޯދަ މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ. މިސްކިތްތައް ބަލަހައްޓާ މަރާމާތު ކުރުން އަޅުގަނޑުމެން އެބަ އިސްކަމެއް ދެން،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެން ފަހުން އަލަށް މީޑިއާޔާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ހުޅުމާލެ މިސްކިތުގެ ގުއްބުން މިސްކިތަށް ފެންވެރޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ވެސް ރޯދަ މަހުގެ ކުރިން ހައްލު ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހަރަދު ކުރާނެ ކަމަށް ވެސް ބާގިރު ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި 18 މިސްކިތެއް ރާއްޖޭގައި މުޅިން އަލަށް އެޅުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން މި އަހަރު 10 މިސްކިތެއް ރާއްޖޭގައި އަޅަން ނިންމާފައިވާ ކަމަށާއި ދައުލަތުން ހަރަދުކޮށްގެން 15 މިސްކިތެއް އިމާރާތް ކުރާނެ ކަމަށެވެ.