ދުނިޔެ

ކިމް މިނިވަންކޮށްދޭން އެދުނު މީހާ ދޫކޮށްލައިފި

އެމެރިކާގެ ރިއަލީޓީ ޓީވީގެ ރާނީ ކިމް ކާޑޭޝިއަން ވެސްޓް، އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އަރިހުން މައާފުދީ މިނިވަންކޮށްދިނުމަށް އެދުނު އެލައިސް މެރީ ޖޯންސަން މިނިވަންކޮށްފި އެވެ. އެލައިސް އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 1996 ވަނަ އަހަރު އުމުރު ދުވަހުގެ ޖަލު ލުމަށް ހުކުމްކޮށްފައިވާ އަންހެނެކެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ޓަރަމްޕާއި ބައްދަލުކުރައްވާ ކިމް ވަނީ އެލިސަން މިނިވަންކޮށްދިނުމަށް އެދިފަ އެވެ.

އުމުރު ދުވަހަށް ޖަލަށް ލުމަށް އެލައިސްއަށް ހުކުމް އިއްވީ ޕެރޯލްއެއް ނެތި އެވެ. އެ މައްސަލާގެ ކުރިން އޭނާއަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫނެވެ. އޭނާގެ މައްޗަށް ސާބިތުވީ މަސްތުވާތަކެތި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ދެމެދުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ކަމެވެ.

އެލައިސް މިނިވަންކުރުމަށްފަހު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެލައިސްއަކީ ޖަލުގައި ވަރަށް ކިޔަމަންތެރިކޮށް އުޅުނު މީހެއް ކަމަށާއި އަދި ޖަލުގައި ހިންގި ހުރިހާ ރިހެބިލިޓޭޝަން ޕްރޮގުރާމުތަކެއް ބައިވެރިވެ ގައިދީންނަށް މިސާލު ދައްކާފައިވާ މީހެއް ކަމަށެވެ.

އެލައިސްގެ ވާހަކަ ކިމްއަށް އެނގުނީ ޓުވިޓާގައި ދައުރުވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި އެލައިސް އޭނާ ޖަލަށް ލެވުނު ގޮތާއި ޖަލުން މިނިވަންވެ އޭނާގެ އާއިލާ ކަރިއަށް ދިއުމަށް ކުރާ އުއްމީދުތަކުގެ ވާހަކަތައް ކިޔައިދެ އެވެ.

އެ ވީޑިއޯ ބެލުމަށްފަހު ކިމް ވަނީ އޭނާގެ އަމިއްލަ ލޯޔަރު ކައިރީގައި ބުނެގެން އެ އަންހެން މީހާއަށް އިންސާފު ހޯދާދިނުމަށް ގާނޫނީ ޓީމެއް ހޯދުމަށް އެދިފަ އެވެ. ހުރިހާ ހަރަދެއްވެސް ބެލެހެއްޓީ ކިމް އެވެ.