ކުޅިވަރު

ބިދޭސީ ކީޕަރު ފޮނުވާލައި ޓީސީގެ އެއްވަނަ ކީޕަރަކަށް ރިކޫ

މި ސީޒަންގައި ޓީސީގެ ގޯލް ބަލަހައްޓަން އެ ޓީމުން ގެނައި ބެލަރޫސްގެ ކީޕަރު ޑިމިޓްރީ އަސްނިން ފޮނުވާލާން ޓީސީން ނިންމައިފި އެވެ.

ބެލަރޫސްގެ ޕްރިމިއާ ލީގްގައި ކުޅުނު އަސްނިން ޓީސީއާއެކު ކުޅުނީ އެންމެ މެޗެކެވެ. އެއީ އޭއެފްސީ ކަޕު ކޮލިފައިންގެ ޕްލޭއޮފް މެޗުގައި، ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ޑާކާގައި ކުޅުނު މެޗުގަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން އެރުވީ ޓީމުގެ ދެ ވަނަ ކީޕަރު އިބްރާހިމް ނަދީމް އާދަމް (ރިކޫ) އެވެ. އޭގެ ކުރިން އެ ވަރުގެ ޕްރެޝަރު މެޗެއްގައި ކުޅެފައި ނުވާ ޒުވާން ކީޕަރެކެވެ.

މާލޭ ލީގް ފެށުނު ތަނުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އޭރު ބުނީ އަސްނިން ޓީސީއާއެކު ކުރިއަށްދާނެ ކަމަށާއި އޭނާގެ އަނިޔާ ވަރަށް ބާރަށް ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަމަވެސް ނިޒާމް މިއަދު ބުނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަމުންދާތީ އަސްނިން ފޮނުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާ އެކު ޓީސީގެ އެއް ވަނަ ކީޕަރުގެމަގާމު ދާއިމިކޮށް ރިކޫއަށް ލިބިގެންދާނެ އެވެ. އިންޓަނޭޝަނަލް މެޗު ތަކުގެ ތަޖުރިބާ ނެތް ނަމަވެސް، އޭނާގެ ފުރަތަމަ އިންޓަނޭޝަން މެޗުގައިވެސް އޭނާ ހުނަރު ފާހަގަ ކުރެވުނެވެ. ސައިފް ސްޕޯޓްސް ކުލަބާ ދެކޮލަށް ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ވަނީ މުހިންމު ސޭވް ތަކެއްކޮށް ޓީސީ ސަލާމަތް ކޮށްދީފަ އެވެ.

ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗުގައި އޭނާގެ ކުޅުން ފެނުނީ ވަކިން ތަފާތު ކޮށެވެ. އޭނާ ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފް ކުރި އެވެ. މާލޭ ލީގްގައިވެސް އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން ވާނީ ބައެއް މެޗު ތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރިކޫ [ނަދީމް] އަށް ފުރުސަތު ދީފައި، ޓީސީއަށް ރަނގަޅު ލީޑެއް ލިބޭނަމަ ބައެއް މެޗުތުގައި މިދިޔަ އަހަރު ރިކޫ އަށް ފުރުސަތު ދެން،" ޓީސީގެ ގޯލްކީޕަރު ޓްރެއިނާ އަހްމަދު އަހްސަން (ބަރޯ) ކުރިން ބުނެފައި ވެއެވެ. "އެގޮތަށް މެޗު ތަކުން ފުރުސަތު ދެވިފައި ހުރީމަ ރިކޫއަށް އިތުބާރު ލިބުނީ."

ޓީސީގެ މިހާރު ދެ ވަނަ ކީޕަރަކީ ގައުމީ ޓީމުގެ ކުރީގެ ދެ ވަނަ ކީޕަރު އިބްރާހިމް އިފްރާހް އަރީފެވެ. އޭނާ ޓީސީ އާ ގުޅުނީ އެއް އަހަރު ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެވެ. ޓީސިގެ ކޯޗް ނިޒާމް ބުނީ އިފްރާހް ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށާއި ޕްރެކްޓިހު ގައި ބުރަކޮށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.