ދުނިޔެ

އައިއެސްއާ ހެދި، ހިމާޔަތްކޮށްފައިވާ ދޫންޏެއް ސީރިއާ އިން ނެތުމުގެ ބިރު ހީވެއްޖެ

May 26, 2015
5

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ ހިފުމުގެ ސަބަބުން، ހިމާޔަތްކޮށްފައިވާ ދޫނީގެ ވައްތަރެއް ސީރިއާ އިން ނެތުމުގެ ބިރު ހީވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.

ނޮދަން ބޯލްޑް އައިބިސްގެ ނަން ދީފައިވާ ހިޖުރަކުރާ މި ދޫންޏަކީ ދުނިޔެ އިން ނެތިދިއުމުގެ ބިރު ހީވެފައިވާ ދޫންޏެކެވެ. މި ވައްތަރުގެ ދޫނި ބައިގަނޑެއް ޕަލްމައިރާ ކައިރިން 2002 ވަނަ އަހަރު ފެނިފައިވެ އެވެ. އެހެން ނަމަވެސް، 2013 ގެ ހޫނު މޫސުމުގައި އެހެން ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އައިސްފައި ވަނީ އެންމެ އަންހެން ދޫންޏެކެވެ.

އެހެންވެ، ސީރިއާގެ ހޫނު މޫސުމުގައި އިތިއޮޕިއާ އަށް ހިޖުރަކުރާނެ މަގުތައް އެނގޭ މި ވައްތަރުގެ ހަމައެކަނި ދޫންޏަކަށް މިހާރު ސީރިއާގައި އުޅެނީ އެ އަންހެން ދޫންޏެވެ. ކޮށީގައި ބޮޑުކުރާ ދޫނިތަކަށް އެ މަގުތަކެއް ނޭނގެ އެވެ.

ލުބުނާންގެ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ދަ ޕްރޮޓެކްޝަން އޮފް ނޭޗާ އިން ވަނީ ޒެނޯބިއާގެ ނަމުން ނަން ދީފައިވާ އެ އަންހެން ދޫނި މިހާރު ވީ ތަނަކާ ބެހޭ މައުލޫމާތު ދިން ފަރާތަކަށް 1،000 ޑޮލަރު ދިނުމަށް ހުށަހަޅާފަ އެވެ. އެ ދޫނި ނުފެނިއްޖެ ނަމަ، ކޮށީގައި ބޮޑުކުރާ މި ވައްތަރުގެ ދޫނިތަކަށް ހޫނު މުސުމުގައި ހިޖުރަކުރެވޭނެ މަގުތައް އަންގައިދޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންވެއްޖެ ނަމަ މި ވައްތަރުގެ ދޫނި ސީރިއާ އިން ނެތުމުގެ ބިރު އެބައޮތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

މި ވައްތަރުގެ ދޫނި މުޅި މެދުއިރުމަތިން ވެސް ނެތިގެން ގޮސްފައިވާ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް، ޕަލްމައިރާ ކައިރިން 2002 ގައި ފެނުނު ބައިގަނޑުގައި ހަތް ދޫނި ހިމެނެ އެވެ. އެކަމަކު އެ އަދަދު މަދުވަމުން ގޮސް މިހާރު ވަނީ އެންމެ ހަތަރަކަށް ވެފަ އެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ޕަލްމައިރާ އައިއެސްގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހަފުތާގަ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.