ދުނިޔެ

އީރާންގެ ރައީސް އިބްރާހީމް ރައީސީ ލަންކާއަށް

އީރާންގެ ރައީސް އިބްރާހީމް ރައީސީ ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ލަންކާއަށް ފުރާވަޑައިގެންފި އެވެ. މިއީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.

އިބްރާހީމް ރައީސީގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ރައްކާތެރިކަމާ ބެހޭ މަޝްވަރާތައް ބާއްވާނެ އެވެ.

ރައީސީ ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި އީރާންގެ ވިޔަފާރިވެރިންގެ ވަފުދެއްވެސް ގެންދެވި އެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވެން ހުރި ވިޔަފާރި އާއި ހިންގެން ހުރި ޕްރޮޖެކްޓްތައް ބަލައި އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް އިރާންގެ ރަސްމީ ނޫސްތަކުން ބުނެ އެވެ.

އީރާންގެ ރައީސްގެ ހައިސިއްޔަތުން އިބްރާހީމް ރައީސީ ގައުމުން ބޭރަށް ވަޑައިގެން މި އުޅުއްވަނީ މެދުއިރުމަތީގެ ހާލަތު ވަރަށް ނުރައްކާ ފައްތަރެއްގައި އޮއްވަ އެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ދިން ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިޒުރޭލަށް ހަމަލާ ދީފަ އެވެ.

އިޒުރޭލުން ބުނާ ގޮތުން އިރާނުން ދިން ހަމަލާއަށް ރައްދު ދިނުން ޒަޔަނިސްޓުންނަށް އޮތީ ވާޖިބުވެފަ އެވެ. އަދި އިރާނަށް އެކި ގޮތް ގޮތުން ދަތިކުރާނެ ކަމަށްވެސް ޔަހޫދީން އޮތީ ބުނެފަ އެވެ.