އީރާނާއި އިޒްރޭލާ ދެމެދު ހަނގުރާމައެއްގެ ހުޅު ރޯވެއްޖެނަމަ ރަޝިއާގެ އިތުރުން ޕާކިސްތާނުން ވެސް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބެލެވެން ފަށައިފި އެވެ.
އީރާނުގެ ދައުވަތަކަށް އެ ގައުމުގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށް ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމުގައި އިޒްރޭލުން އިސް ދައުރެއް އަދާކުރިކަން ފަޅާއެރުމުން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވަނީ އިޒްރޭލަށް ހަމަލާ ދިނުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފަ އެވެ.
އެކަމުގެ ސަބަބުން މެދުއިރުމަތީގައިވެސް މިހާރުވެސްް ހިނގަމުންދާ ހަނގުރާމަތައް މުޅި މެދުއިރުމަށްޗަށް ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފަ އެވެ. ހަނގުރާމަ ފުޅާވެއްޖެނަމަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ވަންނާނެ ކަމަށް މުރާސިލުން ބުނެ އެވެ.
ޕާކިސްތާނުން އުފައްދާ އަސްކަރީ މިސައިލް ޝަހީދު-3ގެ އިރާނަށް ފޯރުކޮށްދިނުމަށް އެ ގައުމުން ނިންމާފައިވާ ކަމަށްވެ އެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެއްވެސް އަސްކަރީ އެހީއެއް ޕާކިސްތާނުން އިރާނަށް ދިން ކަމެއް ރަސްމީކޮށް އެނގިފައެއް ނުވެއެވެ. ރަޝިއާ އިން ގެންދަނީ ފާޅުގައި އީރާނަށް އަސްކަރީ އެހީ ދެމުންނެވެ.
ޕާކިސްތާނުގެ ބަންޑާރަ ނައިބު އަސަދު މަޖީދު ވިދާޅުވީ އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ، ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިވާހަކައެއް އޭނާ ވިދާޅުވީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވެފައިވާ އިރާނުގެ ކުރީގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާނާ ބައްދަލުކުރެއްވުމަށްފަހު ކަމަށްވެ އެވެ.
އަސަދު މަޖީދު ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފިނަމަ ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެ އެވެ. އަދި މިފަދަ ހާލަތެއްގައި ޕާކިސްތާނުގެ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނާ އެކު ގުޅިގެން މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.