ދުނިޔެ

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ޕާކިސްތާނަށް

އީރާންގެ ރައީސް، އިބްރާހީމް ރައީސީ މި ހަފުތާގައި ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުން ރައީސީގެ ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން ތާޒާކުރުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް -- ޕާކިސްތާނުން ބުނި ނަމަވެސް، މިއީ އަދި ކަށަވަރު ދަތުރެއް ނޫނެވެ. ފަހަރެއްގައި މި ދަތުރު ކެންސަލުކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.

މެދުއިރުމަތީގައި، އީރާން އާއި އިޒުރޭލާ ދެމެދު ނުތަނަވަސްކަން އުފެދި ހަމަލާ ބަދަލުކުރަމުން ދާއިރު އީރާންގެ ރައީސަކު ގައުމު ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަތުމަކީ ނުވުން ގާތް ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް، މި ދަތުރު ތާފަލުކޮށްފައި އޮތް ގޮތަށް ކުރެވޭނެ ކަމަށް އީރާނުންގެ އޮފިޝަލުން ވެސް ވަނީ ބުނެފަ އެވެ.

އީރާނުން އިޒުރޭލަށް އަސްކަރީ ޑްނޯނުންނާއި މިސައިލުން ހަމަލާދިނެއް ކަމަކު އިތުރު ހަމަލާތަކެއް ދިނުމަކީ ރާވާފައި އޮތް ކަމެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

އިޒުރޭލުން ބަދަލު ހިފުމުގެ ގޮތުން އިތުރު ހަމަލާއެއް ދިނުމަށް ދާންދެން ހިމޭނުން އޮންނާނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިބްރާހީމް ރައީސް ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގައި އިންވެސްޓްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ޕާކިސްތާންގެ ބޮޑެތި ސިޓީތަކަށް ވަޑައިގެން ދެ ގައުމުގައި ހުރި ވިޔަފާރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

ޕާކިސްތާނާއި އީރާންއާ ދެމެދު، ދޭތެރެ ދޭތެރެއިން ކުނި ޖެހުނު ނަމަވެސް، މި ދެ ގައުމަކީ އާންމު ގޮތެއްގައި ގުޅުން ބަދަހި ދެ ގައުމެވެ.

އެހެނެއްކަމަކު، ސަރަހައްދީ މަސްލަހަތުގައި ދެ ގައުމުން ފުށުއަރާ ފަހަރު ވެސް އާދެ އެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރައްވައި އިތުބާރު އަލާކުރެއްވުމަކީ ވެސް ރައީސީގެ ދަތުރުގެ ބޭނުމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.