ދުނިޔެ

އީރާންގެ ޚާރިޖީ ވަޒީރު މަޝްވަރާއަށް ޕާކިސްތާނަށް

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް ވަޑައިގެންފި އެވެ.

މިއީ ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި -- މަޝްވަރާއިން ސުލްހަވުމަށް ކުރެއްވި ދަތުރެކެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓްރީން ބުނި ގޮތުން ހުސައިން އަމީރުގެ މި ދަތުރުގައި ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީ އަދި ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުއާ ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވުން ހުރި މައްސަލަތަކާ ސައްލާކުރައްވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަން ހުރި މައުލޫތަކުގެ ތެރޭގައި އިގުތިސާދީ އަދި އަސްކަރީ ގުޅުން ހިމެނެ އެވެ. ދެ ގައުމުގެ ގުޅިގެން ހިންގަން އެއްބަސްވެފައި ހުރި އިގުތިސާދީ ބައެއް މަސައްކަތްތަކަށް ހުއްޓުންއަރާފައި ހުރި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އީރާންގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް މި ވަޑައިގަތީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އަސްކަރީ ހަމަލާތަކެއްގެ ސަބަބުން ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.

ޕާކިސްތާނަށް ކުރިއާލައި އެންގުމެއް ނެތި އީރާނުން ވަނީ ޕާކިސްތާންގެ ބޯޑަރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކަށް ހަމަލާދީފަ އެވެ. މި ހަމަލާއާ ގުޅިގެން އަރައިގަތް ރުޅީގައި ޕާކިސްތާނުން ވެސް ވަނީ އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފަ އެވެ.

ދެ ގައުމުގެ ދެ ގައުމަށް ބަދަލުކުރިި މި ހަމަލާތަކުގައި ބަޔަކު މަރުވެ އަދި އިތުރު ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

އީރާނުން ބުނާ ގޮތުން ހަމަލާދިނީ ޕާކިސްތާން ބޯޑަރަށް މުގޫލައިގެން ތިބި ޓެރަރިސްޓް ގުރޫޕަކަށެވެ. ޕާކިސްތާނުން ވެސް ބުނީ ހަމަލާދިނީ އީރާންގައި ހަރަކާތްތެރިވާ ޓެރަރިސްޓުންގެ ޖަމާއަތަކަށް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އީރާންގައި ހުންނަވާ ޕާކިސްތާންގެ ސަފީރު ވަނީ ގައުމަށް ގެންގޮސްފަ އެވެ. އަދި ޕާކިސްތާންގައި ހުންނަވާ އީރާންގެ ސަފީރު، އީރާންގައި މަޑުކުރެއްވުމަށް ޕާކިސްތާނުން ވަނީ އަންގާފަ އެވެ. ނަމަވެސް ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ކުރެދުނު ފޯނުކޯލުތަކަކަށް ފަހު ދެ ގައުމުގެ ގުޅުން މިހާރު ވަނީ އާދައިގެ ހާލަތަށް ބަދަލުވެފަ އެވެ.

ހުސައިން އަމީރު އަބްދުއްލާހިޔާންގެ މި ދަތުރަކީ ދެ ގައުމުގެ ގުޅުން އަދި އިތުރަށް ބަދަހިކުރުމަށް ކުރެއްވި ދަތުރެކެވެ.

އީރާންގެ ޚަބަރުތައް ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި ޚިލާފުތަކެއް ހުރި ނަމަ، ވަޒީރުންގެ ފެންވަރުގައި މަޝްވަރާކޮށް ހައްލުކުރާނެ އެވެ.