ދުނިޔެ

އީރާންއާ ކުރިމަތިލައި ދެކޮޅުވެރިވުމެއް ނެތް: ޕާކިސްތާން

އީރާންއާ ޕާކިސްތާންއާ ދެމެދު އިތުރު ކުރިމަތިލުމެއް ދެން ނޯންނާނެ ކަމަށް ޕާކިސްތާނުން ބުނެފި އެވެ. ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

އީރާނުން ވެސް ވަނީ މި މޭރުމުން ވާހަކަދައްކާފަ އެވެ. އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ވިދާޅުވީ ގޮތުގައި، ބޯޑަރު ހިއްސާކުރާ އެކުވެރި ދެ ގައުމުގެ ގުޅުން ޚާރާބުވާން ދޫކޮށްލުން ބުއްދިވެރިއެއް ނޫނެވެ.

ޕާކިސްތާންއާ އީރާންއާ ދެމެދު ހަމަ ކުއްލިއަކަށް ހަމަނުޖެހުން އުފެދުނީ، ޕާކިސްތާނަށް އީރާނުން ދިން ކުއްލި ހަމަލާތަކާކާ ގުޅިގެންނެވެ. އީރާނުން ބުނީ ޕާކިސްތާންގެ ވައިގެ ސަރަހައްދަށް އަސްކަރީ ޑްރޯންތަކެއް ފޮނުވަން ޖެހުނީ ދެ ގައުމު ގުޅޭ ބޯޑަރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕަކަށް ހަމަލާދިނުމަށް ކަމަށެވެ.

އީރާނުން ޕާކިސްތާނަށް ދިން ހަމަލާއަށް ބަދަލުހިފުމަށް ޕާކިސްތާނުން ވެސް ވަނީ އީރާންގެ އިމުގެ ތެރެއަށް އަސްކަރީ ޑްރޯނާއި މިސައިލުން ހަމަލާދީފަ އެވެ. ޕާކިސްތާނުން ވެސް ބުނީ ހަމަލާދިނީ ހަނގުރާމަވެރި ގުރޫޕަކަށް ކަމަށެވެ.

އެކުވެރި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކާ ގުޅިގެން ޕާކިސްތާން ވަރަށް ބޮޑަށް ސީރިއަސްވި އެވެ. އީރާން ދެކެ އަރައިގަތް ރުޅީގައި، އީރާންގައި ހުންނަވާ ޕާކިސްތާން ސަފީރު ގައުމަށް ވަޑައިގަތުމަށް ދެންނެވި އެވެ. އަދި ޕާކިސްތާންގައި ހުންނަވާ އީރާންގެ ސަފީރު ގައުމުގައި މަޑުކުރެއްވުމަށް ވެސް ދެންނެވި އެވެ.

ޕާކިސްތާންގައި ހުންނަވާ އީރާންގެ ސަފީރު މި ވަގުތު ވަޑައިގެން އުޅުއްވަނީ ޗުއްޓީއެއްގައި އީރާންގަ އެވެ.

ޕާކިސްތާންގެ ޚާރިޖީ ވަޒީރު ޖަލީލު އައްބާސް ޖިލާނީއާ އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ފޯނުން މަޝްވަރާކުރައްވައި މިހާރު ވަނީ ގުޅުން ފިނިކުރުމަށް މަސައްކަތް ފައްޓަވާފަ އެވެ.

ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އިތުރު ހަމަލާތަކެއް އެއްވެސް ބަޔަކު ދެން ނުދޭނެ އެވެ. ނަމަވެސް، ދެ ގައުމު ގުޅިގެން ޓެރަރިސްޓުން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ސަރަހައްދީ ބޯޑަރުގައި ތިބި ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ޓަކައި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ރޭވުންތަކެއް ރާވަން ވެސް ވަނީ އެއްބަސްވެފަ އެވެ. ސަރަހައްދީ މަސްލަހަތަށްޓަކައި ހަނގުރާމަވެރިން ޓެރަރިސްޓުންގެ ގޮތުގައި ހަރަކާތްތެރިވުން ހުއްޓުވަން ވެސް ވަނީ އެއްބަސްވެފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އިންޓެލިޖެންސް ބަދަލުކުރުމާއި ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށް ވެސް މަޝްވަރާކުރެވުނެވެ.