ދުނިޔެ

ޕާކިސްތާނުން ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާދީފި

މި ހަފްތާގެ އަންގާރަ ދުވަހު އީރާނުން ޑްރޯނާއި މިސައިލުން ޕާކިސްތާނަށް ހަމަލާދިން ހަބަރު ގިނަ ބަޔަކަށްވީ ބޮޑު ހައިރާން ކަމަށެވެ. އީރާންއާ ޕާކިސްތާނަކީ ބޯޑަރު ހިއްސާކުރާ އަދި ވަރަށް އެކުވެރި ދެ ގައުމު ކަމަށްވާތީ އެވެ.

ޕާކިސްތާނަށް ހަމަލާދޭން ޖެހުނު ސަބަބު އޮޅުންފިލުވައި ދިނުމަށް އެދުމުން އީރާނުން ބުނީ އެއީ ޕާކިސްތާންގެ މިނިވަން ކަމަށް އޮތް ބިރެއް ނޫން ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން އީރާނަށް ހަމަލާތަކެއް ދިން ހަނގުރާމަވެރި ޖަމާއަތަކަށް -- ޖައިޝް އަލްއަދީލްއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. ޕާކިސްތާނަށް އަރައިގަތުމުގެ އެއްވެސް ވިސްނުމެއް އީރާން ނުގެންގުޅޭ ކަމަށްވެސް ބުނި ކަމަށްވެ އެވެ.

އީރާނުން މިފަދައިން އޮޅުންފިލުވައި ދިން ނަމަވެސް މިނިވަން ދައުލަތަކަށް ހަމަ ކުއްލިއަކަށް ހަމަލާދޭން ޖެހުނު ސަބަބާ މެދު ޕާކިސްތާން އޮތީ ވަރަށް ކަންބޮޑުވެފަ އެވެ.

އީރާންގެ މިއަމަލަށް ސިޔާސީ ނުވަތަ އަސްކަރީ ޖަވާބެއް ނުދީފިނަމަ ޕާކިސްތާން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި ސަރުކާރަށް ޕްރެޝަރުކޮށްފާނެ ކަމަށްވެސް ޕާކިސްތާން ވިސްނި އެވެ.

މި ސަބަބަށްޓަކައި ޕާކިސްތާނުން އަސްކަރީ ޑްރޯން ބޭނުންކޮށްގެން ވަނީ އީރާނަށް ހަމަލާ ދީފަ އެވެ.

އީރާނުން ޕާކިސްތާނަށް ދިން ހަމަލާގައި ދެ ކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަހަމްވި އެވެ. ޕާކިސްތާނުން އީރާނަށް ދިން ހަމަލާތަކުގައި ހައެއްކަ މީހުން މަރުވި ކަމަށް އީރާންގެ ނޫސްތަކުން ބުނެ އެވެ.

އީރާންއާ ޕާކިސްތާންއާ ދެމެދު ބަދަލުކުރި މި ހަމަލާތަކަށްފަހުވެސް ދެ ގައުމުގެ ހާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި މަޝްވަރާކުރެއްވި ކަމަށް ހަބަރުތައް ބުނެ އެވެ.

އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ޕާކިސްތާނަށް އަސްކަރީ ގޮތުން ހަމަލާތަކެއްދީ ޖެއްސުން ކުރުމުގެ ވިސްނުމެއް ނެތެެވެ.

އޭނާ އަދި ވިދާޅުވީ ޕާކިސްތާން ބޯޑަރުގައި ދިރިއުޅޭ ހަނގުރާމަވެރި ގުރޫޕްތަކުން އިރާނަށް ނުރައްކާކުރާ ކަމަށާއި ހަމަލާދިނީ އެ ގުރޫޕްތަކަށް ކަމަށެވެ.

ދެ ގައުމުގެ ބޯޑަރު ގުޅޭ ސަރަހައްދަކީ އެކި ނަން ނަމުގައި ހަނގުރާމަވެރި ގުރޫޕްތައް ގިނަ ސަރަހައްދެކެވެ. މި ގުރޫޕްތަކަށް ސަރުކާރުގެ އެއްވެސް ބާރެއް ނޯވެ އެވެ. އެ މީހުން ހަރަކާތްތެރިވަނީ އެ ބަޔަކަށް ފެނުނު ގޮތަކަށެވެ.

މި ހަނގުރާމަވެރި ގުރޫޕްތަކުގެ މައިގަނޑު މަސައްކަތަކީ ސަރަހައްދީ ގައުމުތަކުގައި ހަމަނުޖެހުން އުފެއްދުނެވެ. އީރާންއާ ޕާކިސްތާން އަދި އަފްޣާނިސްތާންގައިވެސް މި ގުރޫޕްތަކުން ހަމަލާތައް ރާވައި ހިންގަ އެވެ.