ދުނިޔެ

ޕާކިސްތާނާއި އީރާންގެ ސަފީރުން ޑިއުޓީއަށް ފޮނުވަން އެއްބަސްވެއްޖެ

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ޖެނުއަރީ 29 ގައި ޕާކިސްތާނަށް ވަޑައިގަންނަވާނެ އެވެ. އެއީ ޕާކިސްތާންގެ ހާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީގެ ހާއްސަ ދައުވަތަކަށެވެ.

އީރާންއާ ޕާކިސްތާންގެ ޚާރިޖީ ވަޒީރުން އެއްމޭޒު ދޮށުން ބައްދަލު ކުރެއްވުމުގެ ކުރިން މި ދެ ގައުމުގެ ސަފީރުން އަލުން -- ޖެނުއަރީ 26ގެ ކުރިން -- އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް އެ ބޭފުޅަކު އައްޔަން ކުރެވިފައި އޮތް ގައުމަކަށް ވަޑައިގަންނަވާނެ އެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ޖެނުއަރީ 16 ގައި، އަސްކަރީ ޑްރޯނާއި މިސައިލުން ޕާކިސްތާނަށް ހަމަލާދިން މައްސަލާގައި އީރާންގައި ހުންނަވާ ޕާކިސްތާންގެ ސަފީރު ވަނީ ގައުމަށް ގެންގޮސްފަ އެވެ.

މި ދަނޑިވަޅުގައި ޕާކިސްތާންގައި ހުންނަވާ އީރާންގެ ސަފީރު ހުންނެވީ ޗުއްޓީއަކަށް ވަޑައިގެން އަމިއްލަ ގައުމު -- އީރާން ގައެވެ.

ޕާކިސްތާން އަރައިގެންފައި އޮތް ރުޅީގައި، ޗުއްޓީގައި ހުންނެވި އީރާންގެ ސަފީރު އެނބުރި ޕާކިސްތާނަށް ވަޑައިނުގަތުމަށްވެސް އޮތީ ދަންނަވާފަ އެވެ. އަދި ޖެހިގެން އައި ދުވަހު، އަސްކަރީ ޑްރޯނުންނާއި މިސައިލުން އިރާނަށް ހަމަލާދީ ހައެއްކަ މީހުން ވަނީ މަރާލާފަ އެވެ.

އީރާންއާއި ޕާކިސްތާން އަކީ ބޯޑަރު ހިއްސާކުރާ ދެ ރަހުމަތްތެރިންނެވެ. ވަރަށް ގާތްކޮށް އުޅެފައި ކުއްލިއަކަށް ބަދަލުކުރި ހަމަލާތަކުގައި އެންމެ ބޮޑު އުފަލެއް ލިބުނީ އެމެރިކާ އަށާއި ހުޅަނގަށެވެ.

ނަމަވެސް ދުޝްމަނުން އުފާކުރިއަ ނުދިނުމަށް ދެ ގައުމުން ވިސްނައި -- ދެ ގައުމުގެ ހާރިޖީ ވަޒީރުން ފޯނުން މަޝްވަރާކުރައްވައި އަނެއްކާވެސް ވަނީ "ބްރަދާސް"ގެ ދަރަޖައަށް ރުޖޫއަވެފަ އެވެ.

މިގޮތުން ދެ ގައުމުގެ ސަފީރުން ރަސްމީ ހައިސިއްޔަތުން އޮފީހަށް ނުކުމެ ވަޑައިގެން މަސްއޫލިއްޔަތު -- ކުރިއެކޭ އެއްގޮތަށް އަދާކުރެއްވުމަށް، ދެ ގައުމުގެ ހާރިޖީ ވުޒާރާ އިން ވަނީ އަންގަވާފަ އެވެ.

އީރާންގެ ހާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގެން ސަރަހައްދީ ހަމަޖެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ދެ ގައުމު ގުޅޭ ބޯޑަރަށް މުގޫލައިގެން ތިބި ޓެރަރިސްޓުން އެ ތަނުން ފައްސާލާނެ ގޮތެއް -- ދެ ގައުމު ގުޅިގެން ރާވާނެ އެވެ. އަދި ފަލަސްތީން މައްސަލައާ ބެހޭ ގޮތުންނައި ރަތް ކަނޑުގައި ހޫސީންގެ ހަރަކާތްތަކާ ބޭހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ އެވެ.