ކުޅިވަރު

ޔޫވީ މޮޅު ނުވުމުން، ފަހު ޖާގަ ގްރީން ސްޓްރީޓަށް

އީގަލްސް އަތުން ޔުނައިޓަޑް ވިކްޓަރީ މޮޅު ނުވެވުމުން، ދިވެހި ޕްރިމިއާ ލީގްގެ ފަހު ޖާގަ ގްރީން ސްޓްރީޓަށް ކަށަވަރު ވެއްޖެ އެވެ. ޔޫވީ އާއި އީގަލްސް މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

މި ނަތީޖާ އާއެކު ޔުނައިޓަޑް ވިކްޓަރީއަށް ދެން އޮންނާނީ މާލޭ ލީގް ކޮލިފިކޭޝަނެވެ. ކޮލިފިކޭޝަންގައި ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ނިކުންނާނީ މާލޭ ލީގް ފުލުގައި އޮތް ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޖޭޖޭ ސްޕޯޓްސް އެވެ.

ފުރަތަމަ ޑިވިޝަންގައި 2016 ވަނަ އަހަރު ވާދަ ކުރަން ފެށި، ޔުނައިޓަޑް ވިކްޓަރީ ވަނީ އެ އަހަރު ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގްގެ ހަތަރު ވަނަ ހޯދާފަ އެވެ. އެފްއޭކަޕުން މާޒިޔާ ކަޓުވާލީ ޔޫވީންނެވެ. ނަމަވެސް އޭގެ ފަހުން މި ދެ އަހަރު އެ ޓީމަށް އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކުނެވެ. މިއީ ދިވެހި ޕްރިމިއާ ލީގުން އެ ޓީމަށް ފުރުސަތު ގެއްލުނު ދެ ވަނަ އަހަރެވެ.

މި އަހަރުވެސް މާލޭ ލީގް ފަށައިގެން، ފުރަތަމަ ކޮޅު ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް ފަހުން މައްސަލަ ކުރިމަތި ވީ އެވެ. ނަމަވެސް ލީގްގެ ފަހުކޮޅަށް އެޅުނު ފަހުން ކުޅުން ރަނގަޅު ކުރި އެވެ.

ރޭ ގެ މެޗުގައި ފުރަތަމަ ލީޑް ނެގީ އީގަލްސްއިންނެވެ. މެޗު ފެށިގެން އަށް ވަނަ މިނެޓްގައި އެ ޓިމަށް ލީޑް ނަގައިދިނީ ޖުމައިލް ޖަމީލް އެވެ. އޭގެ ތިން މިނެޓް ފަހުން ސެމިއުލް ކޯޑެލް ވަނީ ޔޫވީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެ ވަނަ ހާފުގެ 73 ވަނަ މިނެޓްގައި، އީގަލްސްއަށް އަލުން ލީޑް ލިބުނެވެ. އެއީ ޔޫވީގެ ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ހަ މިނެޓް ފަހުން ބަދަލުގައި އައްޔަ ވަނީ ޔޫވީއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.