ރޯދަ މަހުގެ މިހާތަނަށް 30،000 ޓަނުގެ ކުނި މާލެއިން އުކާލާފައިވާކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ރޯދަ މަހު ދުވާލެއްގެ މައްޗަށް 850 ޓަނާއި 1050 ޓަނުގެ ކުނި މާލެއިން އުކާލާ ކަމަށެވެ. ނަމަވެސް އެހެން މަސްމަހު މިއަދަދު އުޅެނީ 700 އާއި 1000 ޓަނާ ދެމެދުގައި ކަމަށެވެ. މި ކުންޏަކީ ވެމްކޯގައި މިހާތަނަށް ރަޖިސްްޓްރީކޮށްފައިވާ 17،570 ގޭބިސީއަކުން އުކާލާ ކުންޏެވެ.
މި ރޯދަމަހު އުކާލާ ކުނީގެ ބާވަތްތަކުގެ ތެރޭގައި ގިނައީ ކުނިވާ ޒާތުގެ ތަކެއްޗާއި ކޮންސްޓްރަކްޝަން ސައިޓްތަކުން އުކާލާ ކުނި ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން މާލޭގެ ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދާއިރު މާލޭގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައި ހުންނަ މަންޒަރު ފެންނަލެއް މަދެއްނޫނެވެ. ރޯދަމަސް ފެށުނު އިރު ވެމްކޯއިން ކުނި އުކާލުމަށް ނިންމާފައިވާ ގަޑި ފަހުންވަނީ އިތުރު ކޮށްފަ އެވެ.
ދެލައްކައެއްހާ މީހުން ދިރިއުޅޭ މާލެއިން ކުނި އުކާލާ ކުނި މެނޭޖް ކުރުމުގެ މަސައްކަތް 2017 ވަނަ އަހަރުގެ އޯގަސްޓްމަހުން ފެށިގެން ރަސްމީކޮށް ވެމްކޯއިން ވަނީ ފަށާފައެވެ. ކުރިން ބިދޭސީން ލައްވާ ކުނިއުކަމުން އައި އައުން ނިމުމަކަށް ގެނެސް ވަކި ނިޒާމެއްގެ ތެރެއިން މިމަސައްކަތް ވެމްކޯއިން ދަނީ ކުރަމުންނެވެ.