ބޮލީވުޑް

ދަޅަކް ޓްރެއިލާ: އިޝާނާއި ޖާންވީއަށް ކުރެވޭ އުންމީދު ބޮޑު

"ދަޅަކް" ގެ އޮފިޝަލް ޓްރެއިލާ.

ދިގު އިންތިޒާރަކަށްފަހު މަޝްހޫރު ޕްރޮޑިއުސަރު ބޯނޭ ކަޕޫރާއި ސުޕަސްޓާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމު "ދަޅަކް" ގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ.

މި ފިލްމުގައި ދެން ލީޑުން ފެނިގެންދާނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރު އެވެ. މި ފިލްމަކީ އޭނާއަށްވެސް ހާއްސަ ފިލްމަކަށް ވާނެ އެވެ. ބޮލީވުޑްގެ ފިލްމަކުން އޭނާ ލީޑު ނަގާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިޝާން ވަނީ ދެ ފިލްމެއް ކުޅެފަ އެވެ.

މިއާއެކު ޖާންވީ އަދި އިޝާންއަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. ޓްރެއިލާއިންވެސް މި ދެމީހުންގެ ހުނަރު ފެނިގެންދެ އެވެ. ހާއްސަކޮށް ޖާންވީއަށް ކުރެވޭ އުންމީދު ބޮޑުވަނީ، އޭނާއަކީ ބޮލީވުޑް ހިލުވާލި ސުޕަސްޓާ ބަތަލާ ސްރީދޭވީގެ ދަރިފުޅަށްވުމުން، މަންމަގެ ލެގަސީ ހިފެހެއްޓުމަށް އޭނާގެ ހުރި ހުނަރު ދައްކާލާނެ ކަމަށް އުންމީދުކުރެވޭތީ އެވެ.

ޝާހިދުގެ ކޮއްކޮއަށް ވުމުން އިޝާންއަށްވެސް ބެލުންތެރިންގެ އުންމީދު ބޮޑެވެ. ބައެއް ބެލުންތެރިން މިހާރުވެސް ވަނީ ޝާހިދުއާއި އިޝާންގެ އެކްޓިން މިނެކިރަން ފަށާފަ އެވެ.

އަންނަ ޖުލައި މަހު 20 ގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމަކީ މަރާތީ ސުޕަހިޓް ފިލްމެއް ކަމަށްވާ "ސައިރަތް" ގެ އެޑަޕްޓޭޝަނެކެވެ. ނަމަވެސް އެ ފިލްމާއި އަޅާ ބަލާއިރު، މި ފިލްމުގައި ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ޝަޝަންކު ކައިތަން ވަނީ ބުނެފަ އެވެ. މި ފިލްމުގެ ސްކްރީޕްލޭ ތައްޔާރުކުރީވެސް އޭނާ އެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރީ ޒީ ސްޓޫޑިއޯސް އާއި ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް، ހީރޫ ޔަޝް ޖޯހަރް އަދި އަޕޫރްވާ މެހެތާ އެވެ.