ބޮލީވުޑް

"މުލްކް" ޓްރެއިލާ: އިންޑިއާގައި މުސްލިމުންނަށް އޮތް ގޮންޖެހުންތައް ގެނެސްދެނީ

"މުލްކް" ގެ ޓްރެއިލާ.

އަންނަ މަހު ރިލީޒް ކުރާނެ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ ފިލްމަކަށް ވާނީ މި ފިލްމެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ މި ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ބެލުންތެރިން އުއްމީދުކުރި ވަރަށްވުރެ ޓްރެއިލާވެސް ފުރިހަމަ އެވެ.

"މުލްކް" ގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ރިޝީ ކަޕޫރް އާއި ރަޖަތް ކަޕޫރް، ތާޕްސީ ޕަންނޫ، ޕަރްތީކް ބާބާރް އަދި އަޝުތޯޝް ރަނާ އެވެ. ކޯޓްރޫން ޑްރާމާ މި ފިލްމުގައި އިންޑިއާގައި މުސްލިމުންނާއި މެދު ގެންގުޅޭ އިޖުތިމާއި އަދި ސިޔާސީ ތަފާތު ކުރުންތަކާއި މުސްލިމުންނަށް އެ ގައުމުގައި އޮތް ތަފާތު ގޮންޖެހުންތައް ގެނެސްދޭނެ އެވެ.

ދެ މިނެޓާއި 40 ސިކުންތައް ދެމިގެންދިޔަ މި ޓްރެއިލާ އިން ފެންނަނީ އިންޑިއާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ބޮމުގެ ހަމާލާއެއްގެ ތުހުމަތުގައި، މުރަދް އަލީ މުހައްމަދު (ރިޝީ) ގެ ދަރިފުޅު ޝާހިދު މުހައްމަދު (ޕަރްތީކް) ހައްޔަރުކުރުމަށް އުޅޭ ތަނެވެ. ޝާހިދު އުޅެނީ ފުލުހުންނަށް ފިލައިގެންނެވެ.

މި ޓެރަރިސްޓު ހަމަލާގެ ފަހަތުގައި ޝާހިދުގެ އިތުރުން އޭނާގެ ބައްޕަ، މުރަދް އާއި އާއިލާގެ ހުރިހާ މެމްބަރުންވެސް ޝާމިލުވާކަމަށް ތުހުމަތުކޮށް އާއިލާގެ ހުރިހާ މެމްބަރުންވެސް ހައްޔަރުކުރެ އެވެ. މުރަދްއަކީ ގައުމަށް ގައްދާރުވެފައިވާ މީހެއް ކަމަށް ބުނެ އޭނާގެ އާއިލާ ގޮވައިގެން ޕާކިސްތާނަށް ދިއުމަށް މި އާއިލާއާއި ދެކޮޅު މީހުން ބުނަމުންދެ އެވެ.

މި ފިލްމުގައި ތާޕްސީ ފެނިގެންދަނީ މި އާއިލާގެ ދިފާއުގައި ކޯޓުގައި ވާކާލާތުކުރާ ވަކީލު (އާރްތީ) ގެ ރޯލުންނެވެ. މިއީ ކޯޓް ރޫމް ޑްރާމާއަކުން ތާޕްސީ ފެނިގެންދާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ފެނިގެންދިޔައީ ފިލްމު "ޕިންކް" އިންނެވެ.

"މުލްކް" ގެ މަންޒުތައް ނަގާފައި ވަނީ ލަކްނައު އާއި ބާނާރަސްގަ އެވެ. އިތުރު މުހިންމު ރޯލުތަކުން މި ފިލްމުގައި ކުމުދް މިޝްރާ އާއި މަނޯޖް ޕަހްވާ އަދި ނީނާ ގުޕްތާ ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރީ އަނޫބަވް ސިންހާ އެވެ. އޭނާއާއެކު މި ފިލްމުގެ ޕްރޮޑިއުސްކުރީ ދީޕާކް މުކުތު އެވެ.