ބޮލީވުޑް

ކަންގަނާ ހަނގުރާމައިގެ މައިދާނަށް

"މަނިކަރްނީކާ: ކުއީން އޮފް ޖާންސީ" ގެ ޓްރެއިލާ.

ކަންގަނާ ރަނާއުތުގެ ކުޅަދާނަ އެކްޓިންނުން އެތައް ބަޔަކު ވަނީ އާޝޯހުކޮށްފައި އެވެ. ފިލްމު "ކުއީން" އިން ބޮލީވުޑްގައި ރަނިކަންކުރަން ފެށި ކަންގަނާ މިފަހަރުވެސް ހިތްތަކުގައި ރަނިކަންކުރާނީ "ކުއީން" އެއްގެ ރޯލުންނެވެ. އުތުރު އިންޑިއާގެ ދިގު ތާރީހުގައި ފާހަގަކޮށްލެވުނު ހިތްވަރުގަދަ ރާނީއެއް ކަމުގައިވާ، ރާނީ ލަކްޝްމީ ބާއީގެ ރޯލުންނެވެ.

"މަނިކަރްނީކާ: ކުއީން އޮފް ޖާންސީ" ގެ ނަން ދީފައިވާ މި ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފައި އެވެ.

ހަނގުރާމައިގެ މައިދާނުގެ ތަފާތު މަންޒަރުތައް މި ޓީޒާއިން ފެނިގެންދާއިރު، އިނގިރޭސިންގެ އަޅުވެތިކަމުން ސަލާމަތްވުމަށް، ރާނީ ލަކްޝްމީ ބާއީ އާއި އޭނާއަށް ތަބާވާ މީހުން ކުރާ ހިތްވަރު ދައްކުވައިދެ އެވެ. އާމީތާބް ބައްޗަންގެ އަޑު ޓީޒާއަށް އަޅާފައިވާއިރު، އަމީތާބް ވަނީ ރާނީ ލަކްޝްމީ ބާއީގެ ތައާރަފެއް ދީފައި އެވެ.

ޓީޒާއަށްފަހު ކަންގަނާއަށް ތައުރީފުތައް ވަނީ އޮހެން ފަށާފައި އެވެ. ކަންގަނާގެ ހަތަރު ފަރާތެއް މި ފިލްމުގައި ފެނިގެންދާނެ އެވެ. އެއީ ރަސްދަރިކަނބަލެއްގެ ރޯލާއި ރާނީއެއްގެ ރޯލާއި މަންމައެއް އަދި ހަނގުރާމަވެރިއެއްގެ ރޯލެވެ.

ޒީ ސްޓޫޑިއޯސްގެ ކުޑައިގެ ދަށުން ކަމަލް ޖައިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ، ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރެއް ކަމުގައިވާ ރާދާ ކްރިޝްނާ ޖަގަރްލަމަޑް އެވެ. މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ "ބާހުބަލީ" އަދި "ބާގް މިލްކާ ބާގް" ގެ ލިޔުންތެރިންނެވެ.

އަންހެން އެކްޓަރަކަށް ބޮލީވުޑްގައި ކުރި އެންމެ ބޮޑު ހަރަދު

މި ފިލްމުގެ ޕޯސްޓަރާއި ޓީޒާ، ސަންޖޭ ލީލާ ބަންސާލީގެ ފިލްމުތައް ކަމުގައިވާ "ޕަދުމާވަތު" އަދި "ބަޖިރާއޯ މަސްތާނީ" އާއި ވައްތަރުވެގެން ފާޑުކިޔުންތައް އަމާޒުވި އެވެ. ނަމަވެސް ގަބޫލުކުރެވެން އޮތް ހަގީގަތަކީ ހަމައެކަނި އަންހެން އެކްޓަރަކަށް އެހާ ބޮޑު ހަރަދެއްކޮށްގެން ބޮލީވުޑް ފިލްމެއް ނެރޭނެ މިއީ އަދި ފުރަތަމަ ފަހަރެވެ.

މި ފިލްމު ތައްޔާރުކުރީ ދެ ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. އެއީ އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ އާމިރް ޚާންގެ "ތަގްސް އޮފް ހިންދުސްތާން" ގެ ބަޖެޓާއި ދާދި އެއް އަދަދެކެވެ. އެ ފިލްމު ތައްޔާރުކުރީ 2.1 ބިލިއަންގެ ބަޖެޓަކުންނެވެ.

"މަނިކަރްނީކާ" ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރު، ޖެނުއަރީ މަހު 25 އިން ފެށިގެންނެވެ.