މިހާރު ގިނަ ބަޔަކު އެންމެ އިންތިޒާކުރާ ބޮލީވުޑްގެ ފިލްމުތަކުގެ ލިސްޓުގެ ކުރީގައި އޮތް ފިލްމު "ފަންނޭ ޚާން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ފިލްމުގެ ލީޑުން ކުޅަދާނާ ތިން ސްޓާރުން ކަމަށްވާ އައިޝްވަރްޔާ ރާއީ ބައްޗަން އާއި ރާޖްކުމާރް ރާއޯ އަދި އަނިލް ކަަޕޫރް ފެނިގެން ދާނެ އެވެ. ތަފާތު ރޯލަކުން މި ތިން ތަރިން މި ފިލްމުގައި ފެނިގެންދާއިރު، އަނިލް އާއި އައިޝްވަރްޔާ އެކުގައި ފިލްމަކުން ފެނިގެން މި ދަނީ 17 އަހަރު ފަހުންނެވެ.
ދެ މިނެޓަށް ދެމިގެންދާ ޓްރެއިލާގައި މި ތިން ތަރިންގެ މި ފިލްމުގައި ކުޅޭ ރޯލުގެ ތައާރަފެއް ދިފާއިވެ އެވެ. އައިޝްވަރްޔާ ފެނިގެންދަނީ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. އަނިލް ކަޕޫރް ފެނިގެންދަނީ ލަވަކިޔުމަށް ލޯބިކުރާ މީހެއްގެ ރޯލުންނެވެ. އަދި އޭނާގެ މަގުސަދަކަށް ވާނީ އޭނާގެ ދަރިފުޅު މިއުޒިކީ ދާއިރާއިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމެވެ.
އަސަރުގަދަ ވާހަކައަކާއެކު ގެނެސްދޭ މި ފިލްމުގައި ކޮމެޑީގެ ބައިތައް ވެސް ހިމެނޭނެ އެވެ. އައިޝްވަރްޔާގެ ލޯބިވެރިޔާގެ ރޯލުން ރާޖްކުމާރް ފެނިގެންދާނެއިރު، މި ފިލްމަކީ އެ ދެ މީހުންގެ އޮން ސްކްރީން ކެމިސްޓްރީ ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އާ ދެ ޕޯސްޓަރެއް ވެސް ވަނީ ޓްރެއިލާއާއެކު އާންމުކޮށްފަ އެވެ.
މިއުޒިކަލް ކޮމެޑީ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ މިއުޒިކީ ދާއިރާއިން ކުރިއަށްދާން ބޭނުންވި ބައްޕައަކު އޭނާގެ ހުވަފެން ހަގީގަތަކަށް ނުވުންމުން އެ ހުވަފެން އޭނާގެ ދަރިފުޅަށް ހަގީގަތަކަށް ހައިދިނުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.
އަތުލް މަންޖީރްކަރްގެ އަލަތު ޑައިރެކްޝަން ކަމަށްވާ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ އޮގަސްޓު މަހުގެ ތިނެއްގަ އެވެ.