ޝުޝްމީތާ ސެންއާއި އައިޝްވާރިޔާ ރާއީ ބައްޗަންއަކީ ދުނިޔޭގެ ރީތީގެ ރާނީންނެވެ. ޝުޝްމީތާއަށް 1994 ވަނަ އަހަރު މިސް ޔުނިވާސްގެ ލަގަބު ލިބުނެވެ. އެއީ އިންޑިއާ މީހަކަށް މި ލަގަބު ލިބުނު ފުރަތަމަ ފަހަރު ވެސް މެއެވެ. ހަމަ އެ އަހަރު އައިޝްވާރިޔާއަށް މިސް ވޯލްޑްގެ ލަގަބު ލިބުނެވެ.
އިންޑިއާގެ މީހަކަށް ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގެ ލަގަބު ލިބުމުން ޝުޝްމީތާއަށް ގިނަ ބައެއް ތަރުހީބާއި ލޯބި ލިބުނު އެވެ. މި ލަގަބު އޭނާ ލިބުނުތާ މި އަހަރަށް 24 އަހަރުވީ އެވެ.
މިސް ޔުނިވާސްގެ މުބާރާތައް ދިޔުމުގެ ކުރިން ޝުޝްމީތާ އާއި އައިޝްވާރިޔާ ވާދަކުރީ ހަމަ އެ އަހަރު ޖެނުއަރީގައި ބޭއްވި ފެމިނާ މިސް އިންޑިއާގެ މުބާރާތުގަ އެވެ. އެ މުބާރާތުން ވަނަވަނައަށް ދިޔަ ބައިވެރިން މިސް ވޯލްޑާއި މިސް ޔުނިވާސްގެ މުބާރާތައް ފޮނުވި އެވެ.
އެ އަހަރުގެ މުބާރާތުން މިސް އިންޑިއާގެ ލަގަބު ލިބުނީ ޝުޝްމީތައަށެވެ. ޝުޝްމީތާއަށް މި ނަސީބު ލައްވާލީ އެ ދެ މީހުނަށް ފަހު ރައުންޑުގައި ކުރި ސުވާލަކަށް ދިން ޖަވާބުގެ ސަބަބުންނެވެ. ދެ މީހުނަށް ކޮށްފައި ވަނީ ތަފާތު ދެ ސުވާލެކެވެ. ގިނަ ބަޔަކު ހީކުރީ މިސް އިންޑިއާގެ ލަގަބު ގެންދާނީ އައިޝްވާރިޔާ ކަމަށެވެ.
އައިޝްވާރިޔާއާއި ކުރި ސުވާލަކީ، "ފިރިއެއްގެ ހުންނަޖެހޭ ޝަރުތުތަކަށް ބަލާނަމަ، އައިޝްވާރިޔާ ބަލާނީ ދަ ބޯލްޑް އެންޑް ބިއުޓިފުލް ފިލްމުގައި ފިރިއެއްގެ ރޯލު ކުޅޭ ކެރެކްޓާ ރިޖް ފޮރެސްޓާއަށް ހެއްޔެވެ؟ ނޫނީ ސެންޓަ ބާބްރާ ފިލްމުގައި ފިރިއެއްގެ ރޯލު ކުޅޭ ކެރެކްޓާ މޭސޮން ކެޕްވެލްއަށް ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުނީ، "މޭސޮން. އެ ދެ މީހުންގެ ވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ހުރޭ. އެކަމަކު މޭސޮންއަކީ ވަރަށް ހިތްހެޔޮ އަދި މަޖާ މީހެއް. އޭނާއާއި އަހަންނާ ދެ މީހުން ވަރަށް ގުޅޭނެ."
ޝުޝްމީތާއާއި ކުރި ސުވާލަކީ، "އިންޑިއާގެ ފޭރާން ވިޔުމުގެ ތާރީހާއި ބެހޭގޮތުން އެނގެނީ ކޯއްޗެއް؟ އެ ތާރީހާށް ކިހާ ދުވަހެއް ވެދާނެ؟ އަދި އެންމެ ލާހިތްނަވީ ކޮންކަހަލަ ހެދުމެއް؟"
އޭނާ ދިން ޖަވާބަކީ، "އަހަންނަށް ހީވަނީ އެ ހުރިހާ ކަމެއް ފެށުނީ މަހަތްމާ ގާންދީ ލާ އުޅުނު ފޭރާމާއި ހިސާބުންހެން. އޭގެ ކުރިންވެސް ބޮޑު ތާރީހެއް އެބަ އޮތް އެކަމަކު އެކަމަށް ހާއްސަ ސަމާލުކަމެއް ލިބުނީ އެހިސާބުންހެން ގަބޫލުކުރެވެނީ. އެންމެ ލާހިތްވަނީ އިންޑިއާގެ ސަގާފީ ހެދުންތައް." މި ޖަވާބާއެކު 0.2 އިންސައްތައިގެ ތަފާތަކުން ޝުޝްމީތާ މޮޅުވީ އެވެ.