ހަބަރު

ޕީއެސްއެމް އިން ވޯލްޑްކަޕް ރައިޓްސް ގަތް ގޮތް ތަހުގީގު ކުރަން އެތަނުގެ ޗެއާމަން ގޮވާލައިފި

Jun 13, 2018
15

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރާއްޖޭގައި އެކްސްކްލޫސިވްކޮށް ވޯލްޑް ކަޕް ރައިޓްސް ދެއްކުމުގެ ހުއްދަ ގަނެފައިވާ ގޮތް ތަހުގީގު ކުރަން ޖެހޭ ކަމަށް އެ ކުންފުނީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ލެޓާ ހެޑްގައި އޭނާ ސޮއި ކުރައްވާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯލްކަޕް މުބާރާތް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް ގަތުމުގެ ހުއްދަ ޕީއެސްއެމްގެ ގަވަނިން ބޯޑުން މެނޭޖްމަންޓަށް ދީފައިވާ ކަމަށާއި އެ ރައިޓްސް މެނޭޖްމަންޓުން ގަނެފައި ވަނީ މިހާތަނަށް އެ ރައިޓްސް ނުގަންނަ ވަރުގެ ބޮޑު އަގެއްގައި ކަމަށެވެ. އެގޮތުން 9.25 މިލިއަން ރުފިޔާއަށް އެ ރައިޓްސް ގަތުމަށް މީގެ ހަ މަސް ކުރިން ޕީއެސްއެމްގެ ގަވަނިން ބޯޑުން ވަނީ ހުއްދަ ދީ ރާއްޖޭގެ ސަރަހައްދުގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ހަމައެކަނި ޕީއެސްއެމްއަށް ލިބޭ ގޮތަށް ހަދާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގައި ވޯލްޑްކަޕް ދެއްކޭނީ ޕީއެސްއެމް އާއި އެ ކުންފުންނިން ހުއްދަ ދޭ ފަރާތަކަށް އެކަނި ކަމަށް ބޯޑަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ޗެއާމަން އިބްރާހިމް އުމަރު މަނިކުގެ ބަޔާނުގައިވެ އެވެ. ނަމަވެސް ރީބްރޯޑްކާސްޓް ކުރާ ފަރާތްތަކަށް ވެސް ވޯލްޑްކަޕް ދެއްކޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވާތީ އެ ހުއްދަ ގަނެފައި ވަނީ ބޯޑުން ހުއްދަ ދިން ގޮތާ ހިލާފަށްތޯ ބަލައި ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި ޕީއެސްއެމް ގަވަނިން ބޯޑުން ހުއްދަ ދިން ގޮތާ އެއްގޮތަށް އެއްބަސްވުން ހަދާފައިވާ ނަމަ އެ އެއްބަސްވުމާ ހިލާފަށް ރީ ބްރޯޑްކާސްޓު ކުރާ ފަރާތްތަކަށް އެ ހުއްދަ ދިނުން ވެސް ކަމާ ބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.