ދައުލަތުގެ މީޑިއާ -- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ނިއުސްރޫމް ވެރިޔަކަށް ހުންނެވި މުހައްމަދު އަފްޒަލް އެ މަގާމުން ވަކިކޮށްފި އެވެ.
ޕީއެސްއެމްގެ އާ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މަގާމަށް ހަވާލުވެވަޑައިގެން ފޮނުއްވާފައިވާ މެމޯއެއްގައި ބުނެފައިވަނީ އަފްޒަލް ދެކް ކުރައްވާނީ "މެނޭޖިން ޑިރެކްޓަރު އަންގަވާ މަސައްކަތްތައް" ކަމަށެވެ.
ނިއުސްރޫމުގެ ހިންގުން ހަވާލުކޮށްފައިވަނީ ޒީނާ އާއި އާއިލީ ގުޅުމެއް އޮތް އަދި އެއް ރަށަކަށް ނިސްބަތްވާ ގދ. ގައްދޫއަށް އުފަން ނޫސްވެރިޔާ ހުސައިން އަމީންއާ އެވެ.
އަމީންގެ ދަށުން މަސައްކަތް ކުރާނީ ސީނިއާ އެޑިޓަރު އަހްމަދު ޖަދުއާން އަދި މުހައްމަދު ޖިނާހް ކަމަށްވެސް އާ އެމްޑީގެ ނިންމުމުގައިވެ އެވެ.
ޕީއެސްއެމްގެ ނިއުސްރޫމުގެ ވެރިޔަކަށް ހުންނެވި އަދި ނޫސްވެރިކަމުގެ ރަން ގަލަންވެސް ލިބިވަޑައިގެންފައިވާ މުހައްމަދު އަފްޒަލް އަކީ 1999 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަމީން އާއި ޖަދުއާނަކީ ކުރިން ދިޓީވީގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އަމީން ޕީއެސްއެމްއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޖަދުއާން ޕީއެސްއެމްއާ ގުޅުނީ 2016 ވަނަ އަހަރު އެވެ.