ޕީއެސްއެމް

ހަނީފް ވަކިކުރީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ އެތައް ކަމަކާ ގުޅިގެން: ޒީނާ

ޕީއެސްއެމްގެ ފައިނޭންސް ހެޑް އަހްމަދު ހަނީފް މަގާމުން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ޑޮލަރު މާރުކުރުމުގެ މުއާމަލާތްތަކެއް ހިންގާފައިވާތީއާއި އޭނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރެގެން ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.

ހަނީފް މަގާމުން ވަކިކުރި މައްސަލަ މިއަދު އަވަސްގައި ރިޕޯޓްކުރި އެވެ. އެކަމަކު ހަނީފް މަގާމުން ވަކިކުރި ސަބަބެއް ކަމަށް އަވަސްގައި ހުރި ރިޕޯޓް ކުރި މައުލޫމާތު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވަނީ ދޮގުކުރައްވާފަ އެވެ.

ހަނީފްގެ ހަބަރު އަވަސްގައި ޖެހިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒީނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރު އަމިއްލަ ފަރާތަކަށް ފައިސާ ޖަމާކޮށްގެން ޑޮލަރު މާރުކުރުމުގެ މުއާމަލާތްތައް ހަނީފް ކުރިއަށް ގެންދިޔައީ އެއްވެސް އެއްބަސްވުމެއް ނެތި، ކުންފުނީގެ އުސޫލުތަކާއި ހިލާފަށް އަދި އޭރުގެ މެނޭޖުމަންޓަށްވެސް ހިއްސާކުރަން ޖެހޭ މައުލޫމާތު ހިއްސާ ނުކޮށް ކަމަށެވެ.

ޒީނާ މިއަދު ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރުމަށް ހަނީފް ވަނީ އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ފަރާތަކަށް ޖަމާކޮށްފަ އެވެ.

"ޝައްކު އުފުދޭ ގޮތަކަށް މުއާމަލާތްތަކެއް ހިންގިކަން ފާހަގަވުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ އަޅާފައި،" ޒީނާ ވިދާޅުވި އެވެ.

ކުރީގެ ނޫސްވެރިޔާ ޒީނާ ވިދާޅުވީ އޭނާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ ކުންފުނީގެ ތިޖޫރީގައި ފައިސާ ނެތް ކަމަށެވެ. އަދި ޑޮލަރު ގަތުމުގެ މުއާމަލާތްތަކެއް ހިންގާފައި ހުރި ޑޮލަރުވެސް އެކައުންޓްގައި ނެތް ކަމަށެވެ. ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ހިންގާ ގޮތް ހަރުދަނާ ކުރުމަށްޓަކާއި އިންޓާނަލް އޮޑިޓަރެއް ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ހަނީފްގެ މައްސަލަތައް ފާހަގަވުމާ އެކު 2017 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްގެ ތެރޭގައި މާލީ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ އޮޑިޓެއް ހަދައިދިނުމަށް ޕީއެސްއެމް އިން މިހާރު ވަނީ އޮޑިޓާ ޖެނަރަލް އޮފީހުގައި އެދިފަ އެވެ. އަދި ހަނީފްގެ މައްސަލަ ޕީއެސްއެމް އިން ވަނީ ފުލުހަށްވެސް ހުށަހަޅާފަ އެވެ.

ޕީއެސްއެމްގެ އިސްވެރިން މިއަދު ވިދާޅުވީ އެ ކުންފުންޏަކީ ބޭރުގެ ބައެއް ކުންފުނިތަކަށް ޑޮލަރުން ފައިސާ ދައްކަންޖެހޭ ކުންފުންޏެއް ކަމަށްވެފައި ޑޮލަރުން ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ރުފިޔާ ނެގުމަށްފަހު ބޭރުގެ ކުންފުނިތަކަށް ފައިސާ ނުދައްކާ ހުރިކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕީއެސްއެމްއަށް ލިބެންޖެހޭ ފައިސާގެ އަދަދު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ހަނީފްގެ މައްސަލަތައް ޕީއެސްއެމް އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބަލަން ފެށީ އޭނާ ސަސްޕެންޑް ކުރުމަށްފަހު އެވެ. އެކަމަކު މިހާރު ވަނީ ހަނީފް މަގާމުން ވަކިކޮށްފަ އެވެ.