ރިޕޯޓް

އަމާ ބުނީތީއެއްނޫން، އަނާ ބުނީތީ ފަރަށް!

އަލަށް ހަދައިގެން އުޅޭ މުހާވަރާއެއް ނޫނެވެ. ގެނައި ބަދަލެއް ނޫނެވެ. މިއީ މި ދުވަސްކޮޅު "ޓޯކް އޮފް ދަ ޓައުން" އެވެ. މިއީ ވީޓީވީގެ އެންމެ މަގްބޫލު އެއް މޫނު، އާމިނަތު އަމީނާ ނައީމް (އަނާ) މޭކަޕްގެ ކުލަތަކާއި ރީތި ހެދުންތަކުގެ ތެރެއިން، ނެއްޓި، ފަރާއި ފަޅުތަކުގެ ތެރެއަށް ފޭބި ވާހަކަ އެވެ. ތަފާތު ނަމަކާއެކު އަނާ ވަރަށް ތަފާތެވެ. ނަމަވެސް މި ވާހަކަ ފެށުމުގެ ކުރިން އެހެން ވާހަކައެކެވެ.

އަނާ ހާއްސަވަނީ ވީޓީވީން ފެން ރީތި ޕްރެޒެންޓަރެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ނޫސްވެރިކަމުގެ ދާއިރާގައި އަށެއްކަ އަހަރުވީ އިރު އަނާ ވަނީ ބެސްޓް ވީޑިއޯ ޖާނަލިސްޓްގެ އެވޯޑް ހޯދާފަ އެވެ. އޭނާގެ އަޑަކީ ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު އެއް އަޑެވެ. އެ ސިފަތަކާއެކު އަނާ ވަނީ އާންމުންގެ ތެރޭގައި މެދުގައި މަގްބޫލުކަން ހޯދާފަ އެވެ.

ދެން އޮތީ އަނާގެ ޑޮކިއުމެންޓްރީ، "އަނާ ބުނީތީ ފަރަށް ދިއުމު" ގެ ވާހަކަ އެވެ. އަނާ ބުނާ ގޮތުންނަމަ މިއީ މާ ވަރުގަދަ ސްކްރިޕްޓެއް ލިޔެގެން ދިހަ ބާރަ މީހުންގެ ކްރޫއަކުން ކުރި ބިޔަ ބޮޑު މަސައްކަތެއް ނޫނެވެ. މިއީ އޭނާގެ އުފަން ރަށް، ލ. ކުނަހަންދޫއަށް ކޮންމެ އަހަރަކު އާދަކޮށް ކުރާ ޗުއްޓީ ދަތުރުގެ ވާހަކަތަކާއި ފޮޓޯތައް ފެނި ވީޓީވީގެ ސީއީއޯ، މުހައްމަދު އާސިފް (މޮންދު) ދެއްވި ހިޔާލެކެވެ. ޕްރޮގްރާމަށް "އަނާ ބުނީތީ ފަރަށް" ކިޔުމުގެ ހިޔާލު އުފެދުނީ މޮންދު ކޮށްލެއްވި އިޝާރާތަކުންނެވެ. އެއާއެކު ބައްޕަގެ ދޯނީގައި އަނާ ފެށި ދަތުރު ކުނަހަންދޫގެ ފަޅުތަކާއި ފަރުތަކަށް ފޭބީ އެވެ. އަނާމެންގެ އޮޑި ބީއްސާލި ފަރެއް ވިއްޔާ އެތަނެއްގެ ރީތިކަމާއި މުއްސަނދިކަން މުޅި ރާއްޖެވެސް ހިއްސާ ކުރީ އެވެ.

ފަސް އެޕިސޯޑްގެ މި ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަންޖެހޭ ސަބަބަކީ މިއީ އެވެ. އާންމުކޮށް ބޭރުގެ ޓްރެވަލް ޗެނަލްތަކުން ޑޮކިއުމެންޓްރީ ދައްކާ ސްޓައިލަށް ގެނެސްދީފައިވާ މި ޕްރޮގްރާމަކީ ރާއްޖޭގެ ޓީވީއަކުން ނުފެންނަ ތަފާތު ޕްރޮގްރާމެކެވެ.

މަންޒަރުތަކާއި ޝޮޓްތައް ތަރުތީބުކޮށްފައިވާ ގޮތާއި ކޮންސެޕްޓަށް ބަލާއިރު އަނާ ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެކެވެ. އޭނާގެ ކެރުންތެރިކަމާއި ބެލުންތެރިންނަށް ތަފާތު ނެޗުރަލް ކޮންޓެންޓެއް ގެންނަން ކޮށްފައިވާ މަސައްކަތަކީ ރީތި މަސައްކަތެކެވެ.

"އަނާމެން މި ޕްރޮގްރާމް ފެށި އިރަކު ހިއެއް ނުކުރަން މީހުންގެ ތަރުހީބު މިހާ ބޮޑަށް ލިބޭނެ ކަމަކަށް. ޖުމްލަ ހަތަރު ވަރަކަށް މީހުން ޕްރޮގްރާމް ކްރޫގަ ހިމެނެނީ. ދެން އަނާއާއެކު ފަރަށް އެދާ ކުދިން ކޮޅު. އެކަމަކު ނަތީޖާ ވަރަށް ކާމިޔާބު. ބެލުންތެރިންވެސް ވަރަށް މެސެޖް ފޮނުވާ އަނާއަށް. ގިނަ ބަޔަކު ވަރަށް އުފާވެފަ ފާހަގަކޮށްލާ ތަންކޮޅަކީ އަނާ އަކީ އަންހެން ކުއްޖަކަށް ވެފަ، ހަމަ އެކަނި ހުށަހަޅައިދިނުމުގެ ބަދަލުގައި ފަރަށް ގޮސް ފީނަން ގޮސް މި ކަމުގެ ތެރޭގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅޭތީ،" އަނާ ބުންޏެވެ.

މި ޑޮކިއުމަންޓްރީގައި ދައްކާލާފައިވަނީ ކުނަހަންދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ. މޫދާއި ފަރުން ނަގާ ސީފުޑްގެ ބާވަތްތައް ކުނަހަންދޫގެ ރައްޔިތުން ކެއުމުގައި ބޭނުންކުރާ ތަފާތު ގޮތްތައް އެންމެ ތާޒާ ގޮތުގައި ގެނެސްދީފައިވެ އެވެ. ރާކަންޏާއި ކަކުންޏާއި ގޮނު މަސް، ބޯވަ ފަދަ ތަކެތި ނަގާ ގޮތާއި ކައްކާ ގޮތް ވަރަށް ޝައުގުވެރި ގޮތަކަށް ގެނެސްދީ އަނާ ވަނީ ބެލުންތެރިންގެ ކުޅު ދިޔާކޮށްލާފަ އެވެ. މި މަންޒަރުތަކެއް ފެނި ކޮންމެ މީހަކު ވެސް އަހާލަނީ ބޮޑު ސުވާލެކެވެ. ފަރަށް ފީނައިގެން ބޯވަ ރާކަނި ދަމައިގަންނަ އިރު އަނާ ބިރެއްވެސް ނުގަނޭ ހެއްޔެވެ؟

"އަނާ ބިރެއް ނުގަނޭ. ބިރު ގަންނަން ޖެހޭ ސަބަބެއްވެސް ނެތެއްނު. އަނާމެން ކުޑައިރު އުޅެ ބޮޑުވީ އެހެން. ފަރަށް ގޮސް ކުދި އަނގަ ހޮވައި، ކަކުނި ނަގައި، މިކަހަލަ ކަންކަން މިއީ އަނާމެންގެ ކުޑައިރުގެ ވަރަށް ބޮޑު ބައެއް. ދެން އަނެއް ކޮޅުން މިފަދަ ތަޖުރިބާއެއް ކުރެވެން އޮއްވައި ދޫކޮށްލުމަކީ ހަމަ ކޮށްގެންވާނެ ކަމެއް ނޫން. އެއްގަމަށްވުރެ އަހަރެމެން ރާއްޖޭގެ ފަރުތައް މާ ރީތި. އަނާގެ އެދުމެއް އެއް ފަހަރު ނަމަވެސް އަހަރެމެންގެ މުއްސަނދިކަން އަހަރެމެންގެ ލޮލުން ތަޖުރިބާ ކޮށްލަން ކޮންމެ މީހަކުވެސް މިފަދަ ދަތުރެއް ކޮށްލުމަކީ،" އަނާ ބުންޏެވެ.

އަނާގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ޔޫޓިއުބްގައިވެސް ލިބެމުން އަންނަ އިރު ގިނަ ބައެއްގެ ނަޒަރުގައި މި ފަދަ ޕްރޮގްރާމްތަކުގެ ބޭނުން މިހާރު ރާއްޖެއަށް ވަރަށް މުހިއްމެވެ. މިފަދަ ޕްރޮގްރާމްތަކުން ދިވެހިންގެ ރަށްފުށުގެ ރީތި ދިރިއުޅުމާއި އާދަކާދައާއި ރަށްތަކުގެ ރީތިކަން ވަރަށް ބޮޑަށް ފެނި ޕްރޮމޯޓްވެގެންދެ އެވެ. އަނާމެންގެ ޓީމަށްވެސް ދަނީ އެކި ރަށްރަށުން މިފަދަ ރިކްއެސްޓްތައް ލިބެމުންނެވެ. ނަމަވެސް ކުރިއަސް އޮތްތަނުގައި އެހެން ރަށަކުން އަނާ ފެންނާނެ ކަމަށް ބެލުންތެރިން ކުރާ އުންމީދުގެ ކުރިމަރާލަން ބޭނުން ނުވާތީ އެކަން ބާއްވާނީ ސަޕްރައިސްއެއް ގޮތުގައި ކަމަށް އަނާ ބުންޏެވެ.