ރިޕޯޓް

އީދު ފާހަގަކުރަން އެންމެން އަތޮޅުތަކަށް

ޒަމާނުއްސުރެވެސް ދިވެހިން އަންނަނީ ކުލަގަދަކޮށް އީދު ފާހަގަކުރަމުންނެވެ. ދީނީ ގޮތުންނާއި ސަޤާފީ ގޮތުން އީދު ފާހަގަކުރުމަށް ތަފާތު އެކިކަންކަން ކޮށް އުޅެއެވެ. ކުރީއްސުރެ ކުރަމުން އައި ބައެއް ކަންކަން އުވި އަނެއް ބައި ކަންކަމުގައި ޒަމާނީ ކުލަވަރު ވަނީ ޖެހިފަ އެވެ. އީދު ސަލާންކުރުމާއި ބޮޑު ސަޔެއް ބޭއްވުމާއި، ތަފާތު ވައްތަރުގެ މާލި ތަކާއި ބޭންތައް ނެރުމާއި، ބޮޑު މަސްނެރުމާއި، ވާ ދެމުމާއި ކޯޑި ކެޑުމާއި، ބޮޑުބެރުގެ ހަރަކާތްތައް ބޭއްވުމާއި، ފެންޖެހުމާއި ސްޓޭޖް ޝޯ ބޭއްވުންފަދަ ކުޅިވަރުތަކަކީ މިހާރުވެސް ރަށްރަށުގައި ކުޅެމުން އަންނަ ކުޅިވަރުތަ ކެވެ. އެކިރަށްރަށުގައި މިކުޅިވަރުތައް ކުޅޭ ޅޭގޮތް ތަފާތުނަމަވެސް އީދު ފާހަގަކުރަން ކުޅެމުން އަންނަ ކުޅިވަރުތައް ހުރިހާ ރަށެއްގައިވެސް އޮވެއެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އީދު ފާހަގަކުރުމުގެ ހަރަކާތްތައް ބޮޑަށް ކުރިޔަށްދަނީ މާލެއަށްވުރެ ބޮޑަށް އަތޮޅު ތެރޭގައި ކަމެވެ.

އީދު ޗުއްޓީ އާ ދިމާކޮށް މާލޭގައި އުޅޭ ގިނަމީހުން އަތޮޅުތަކަށާއި އެހެންތަންތަނަށް ދެއެވެ. އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އުޅެމުންދާ މާލޭގެ ހަލަބޮލިކަމަށް ކޮންމެސް ވަރެއްގެ ލުޔެއް އަންނަނީ ހަމައެކަނި އީދު ޗުއްޓީގައެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ހިނގާބިގާވެ އުޅެލަން އެންމެ ފަސޭހަ ވަނީ އީދު ޗުއްޓީއާ ދިމާކޮށެވެ. ފަހަކާ ޖެހެންދެންވެސް އީދު ފާހަގަކުރުމަށް މާލޭގައި މައިގަނޑުގޮތެއްގައި ކޮށްއުޅުނު ކަމަކީ ދިރާގުން ބާއްވަމުން އައި ދިރާގު އީދު ޝޯވ އެކަންޏޭ ބުނެވިދާނެއެވެ. އީދު ދުވަހު ކޮންމެސް ވަރަކަށް ފެންކުޅީގެ ހަރަކާތްތައް މާލޭގެ އެކި ސަރަހައްދުތަކުން ފެނިދާނެއެވެ. އެހެންނަމަވެސް އީދެއް އައިސްއުޅޭ ކަމުގެ މާބޮޑު އިހުސާސެއް އީދުގައި މާލޭގައި އުޅޭ މީހަކަށް ނުކުރެވޭނެއެވެ. އީދުގެ މަޖާގަނޑު ނަގަން ބޭނުންނަމަ ޖެހޭނީ ހަމަ މާލޭން ފައިބާ ކޮންމެސް ތާކަށް ދާށެވެ.

މާލޭގައި ކިޔަވަން އައިސްއުޅޭ މެދު ރާއްޖެ ތެރެއަށް ނިސްބަތްވާ އަންހެން ކުއްޖަކު ބުނީ ކޮންމެހެން ހަދާފައިވެސް އީދު ޗުއްޓީއާ ދިމާކޮށް ރަށަށް ދާން ބޭނުންވާކަމަށެވެ. އީދުގައި މާލޭގައި ހުރެގެން ގޮވާނީ ބޯކަމުގައި އޭނާ ބުންޏެވެ. " އީދުގައި މާލޭގައި ހުރީމާ އެއްވެސް ވަރަކަށް އީދެއް އައިސްގެން އުޅޭ ކަމުގެ އިހުސާސެއް ނުކުރެވޭ. ޓީވީ ޗެނަލްތަކުން ރަށްރަށުގެ އީދުކުޅިވަރުތައް ގެނެސްދޭތަން ފެނުނީމާ ހަމަ ބޭނުންވަނީ ރަށަކަށްދާން. އެކުޅިވަރުތައް ހަމަލޮލަށް ބަލާލާ ބައިވެރިވެލަން." މާލެއަށް ނިސްބަތްވާ ކުއްޖަކު ބުންޏެވެ. ހަޤީޤަތުގައި އެމީހުން އެބުނަނީ އީދުގައި މާލޭގައި ހުރީމަ ކަންވާގޮތެވެ. އީދު ޗުއްޓީގައި މާލޭގައި ހުރެގެން އީދުގެ ފޯރިއެއް ނުނެގޭނެއެވެ. އާއިލާއާއި ރަހުމަތްތެރިންނާއެކު ރަށަކަށް ދިޔައީމާ ހިތްހަމެޖުހުން ލިބި ނެގޭ ފޯރި ބޮޑުވެ ފަހަށް ރައްކާކުރަން މާރީތި ހަނދާންތަކެއްވެސް ލިބިގެންދާނެއެވެ.

އީދު ފާހަގަކުރުމަށް މާބޮޑު ފޯރިއެއް މާލޭގައި ނުނެގިޔަސް ކޮންމެސް ވަރަކަށް އީދުގެ ފޯރި ނެގުމަށް މަސައްކަތްތަކެއްވެސް ކުރެ އެވެ. އެގޮތުން މިއަހަރު ފިތުރު އީދުގައި މާލޭގައި ތިބި ފަރާތްތަކަށް ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެން-ރޭންޖުން އިންތިޒާމުކޮށްގެން ބާއްވާ " ލިޔެލާ ރިޓްރީޓް އީދު ފެސްޓިވަލް " ނަމުގައި ހެންވޭރު ދަނޑުގައި ކުރިޔަށްދާ މި އިވެންޓުގައި ހިލޭ ބައިވެރިވެވޭނެ އެވެ. މިއިވެންޓްގައި ފެންބަޑި ބޭނުންކޮށްގެން ފެން ކުޅިކުޅުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު ވޯޓާ ސްލައިޑްސް އާއި ބައުންސީ ސާކަލް ފަދަ ކަންކަންވެސް މިފެސްޓިވަލް ތެރޭގައި ކުރިޔަށްދާނެއެވެ. މީގެއިތުރުން ހުޅުމާލޭގައިވެސް ފެންކުޅީގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް ވަނީ ރާވާފައެވެ. ލަޔާ ކެފޭއިން އުރީދޫއާ ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ފެންކުޅީގެ އިތުރުން ވާދެމުންވެސް ކުރިޔަށްދާނެ އެވެ. މީގެއިތުރުން އެކިއެކި ފަންނާނުންނާއި މިޔުޒިކް ގްރޫޕްތަކާއި ބޮޑުބެރު ގްރޫޕްތަކުން ކުރިޔަށްގެންދާ ޝޯވތައް މިއަހަރުގެ އީދުގައިވެސް މާލޭގައި ކުރިޔަށްދާނެ އެވެ. މިކަންތައްތަކަކީ މިއަހަރު ފިތުރު އީދުގައި މާލޭގައި ތިބި ރައްޔިތުންނަށް އީދު ފާހަގަކުރުމަށް ބައިވެރިވެވޭނެ އަދި ބަލާލަން ދެވޭނެ ކަންކަމެވެ.

އީދަކީ މުސްލިމުންނަށް އަންނަ އުފާވެރި މުނާސަބަތެކެވެ. އީދުގެ އުފަލުގައި ކުދިބޮޑު އެންމެން ބައިވެރިވެ އެވެ. އީދު ފާހަގަކުރުމުގެ އެކި ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިޔަށްދާއިރު އެކަންކަން ވެރިރަށް މާލެއިންވެސް ފެންނަން އެބަޖެހެ އެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އީދެއް އައިސްގެން އުޅޭކަމުގެ އިހުސާސް ކުރެވެން އެބަޖެހެ އެވެ. ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމާއި އީދު ސަލާން ކުރުމާއި ސްޓޭޖް ޝޯވއިން އީދު ފާހަގަކޮށް ނިންމާލުމުގެ ބަދަލުގައި އީދާ ދިމާކޮށް ގިނަކަންތައްތަކެއް ވެރިރަށް މާލޭގައި އީދު ފާހަގަކުރަން ކުރަން އެބަޖެހެ އެވެ. ކޮންމެ އީދެއްގައި މިހަރަކާތްތައްކުރިޔަށް ގެންދެވޭނެ ގޮތަކަށް ވިސްނަން އެބަޖެހެ އެވެ.