މި ރަށުގައި "މި ސައި" ނުބާއްވާ ދުވަހެއް ރަށު މީހުން ހަނދާނަކު ނެތެވެ. އީދު ސައި ވެފައި އޮންނަނީ ރަށުގެ ސަގާފަތުގެ މުހިންމު ބަޔަކަށެވެ. ބޮޑު އީދަސް ކުޑަ އީދަސް ނަމާދުން ފައިބައިގެން އެންމެ މި ސަޔަށް ޖަމާވުމަކީ އީދުގެ ފެށުމެވެ. ކޮވިޑް-19 ގެ ބޮޑު ބަންދަށްފަހު ކުލަގަދަކޮށް އައި ފުރަތަމަ އީދުގައި މި އާދަ އަނެއްކާ ވެސް މިވަނީ އަނބުރާ އިހުހުރި ފޯރީގައި އައިސްފަ އެވެ.
"މި ރަަށުގައި އީދުގައި އޮންނަ އެންމެ ހާއްސަ އެއް ކަންތައް މިއީ. މިކަމުން ރަށުގެ ރައްޔިތުންގެ ގުޅުން އެނގިގެންދޭ،" ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އޮންނަ އީދުގެ ސައި މިރަށުގައި އޮންނަ ގޮތާ ބެހޭ ގޮތުން އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
އެންމެންގެ ޖަމާއަތެއް، ގުޅުމުގެ ރަމްޒެއް
މި އަހަރުގެ ކުޑަ އީދު މި ރަށުގައި ކުލަގަދަކޮށް ފާހަގަ ކުރުން ފެށިގެން މި ދިޔައީ މިއަދު އޮތް އީދު ނަމާދުގެ ބޮޑު ޖަމާއަތުންނެވެ. ސްޓޭޑިއަމްގައި ބޭއްވި އީދުގެ ބޮޑު ޖަމާއަތުގައި ރަށުގެ ގިނަ ބަޔަނާއި ރަށަށް އީދު ފާހަގަ ކުރަން ރަށް އަރާތިބި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އީދު ނަމާދަށްފަހު އޮތީ އީދުގެ ބޮޑު ސަޔެކެވެ. ރަށު ސްކޫލުގައި ބޭއްވި މި ސަޔަކަށް ގިނަ ބަޔަކު ޖަމާވި އެވެ. މި ސައި ވަނީ އީދުގެ އެންމެ މުހިންމު އެއް "އައިޑެންޓިޓީ" އަށެވެ.
ސަޔަށް ތަކެތި ތައްޔާރުކޮށްފައިވަނީ ކައުންސިލްގެ އިސް ނެގުމާއެކު ރަށުގެ އެކި ގޭގެއިންނާއި ބައެއް ގެސްޓްހައުސްތަކުންނެވެ.
އަންހެނުންގެ ބޮޑު އިސްނެގުމެއް
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވި ގޮތުގައި މި ސަޔަކީ އަންހެންގެ ބޮޑު މަސައްކަތެކެވެ.
"މިއީ ޑަބްލިއުޑީސީ އާއި އެހެން ބޭފުޅުންގެ ބޮޑު މަސައްކަތެއް. އަބަދު ވެސް މިކަން އޮންނަނީ މިގޮތަށް. މިއީ ހާއްސަކަމެއް،" ސޮލާހު ވިދާޅުވި އެވެ.
ސައިގެ ސުފުރާގައި ދިވެހިންގެ މެދުގައި މަގުބޫލު ހެދިކާގެ ގިނަ ވައްތަރުތައް އަތުރާލާފައިވެ އެވެ. މި ރަށުގެ ރައްޔިތުން ދެކޭ ގޮތުގައި މި ސަޔަކީ އެ ރަށުގެ އެއް ސިފަ އެވެ. އެހެންވެ ރައްޔިތުން ބޭނުން ވަނީ މިކަން ކުރި އަށް އޮތް ޖީލުތަކަށް ވެސް ގެންދާށެވެ.
"މި ކުދިންނަށް ވެސް މި ރީތި އާދަ ދައްކަން އަޅުގަނޑުމެންގެ މަސައްކަތް މި ކުރަނީ. މިއީ ކޮމިއުނިޓީގެ ގުޅުން
ވަރުގަދަ ކުރަން ވެސް މުހިންމު ކަމެއްގެ ގޮތުގައި މި ދެކެނީ،" ކުޑަ ދެ ކުދިންނާއެކު އީދު ނަމާދުން ފައިބައިގެން ސަޔަށް ސްކޫލަށް ގޮސްހުރި އަހުމަދު އަންވަރު ކިޔައިދިނެވެ.