މާފުށި

މާފުށި އޮތީ ކުޑައީދުގައި ހިންގާލަން ތައްޔާރަށް: ރައީސް

Apr 18, 2022

ކ. މާފުށީގައި މި އަހަރު ކުޑައީދު ފޯރިގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

މާފުށީގައި މި އަހަރުގެ ކުޑައީދުގައި ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ދޭން އިއްޔެ އެ ރަށުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވިދާޅުވީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެސްޓިވަލެއްގެ ގޮތުގައި މުޅި ދުވަހަށް ބަހާލައިގެންނެވެ.

"ދުވަހުގެ ޕްރޮގްރާމް ފަށަން ނިންމާފައި ވަނީ ބޮޑު ޖަމާއަތުގައި އޮންނަ އީދު ނަމާދުން. ނަމާދުން ފައިބައިގެން އީދު ސައެއް ވެސް އޮންނާނެ. އަދި ވަރަށް ހާއްސަ މެންދުރުގެ ފަރިއްކޮޅެއް ވެސް ރަށުގައި އޮންނާނެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ހުރިހާ އުމުރު ފުރާއަކަށް ހާއްސަކޮށްގެން މިއުޒިކް ޝޯއެއް ބާއްވަން ވެސް ވަނީ ނިންމާފަ،" ސޮލާހު ވިދާޅުވި އެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާފުށީ ކައުންސިލުން ދައުވަތު ދެ އެވެ. އެ ރަށަށް އަރާ މީހުންނަށް ހާއްސަ އިންތިޒާމުތަކާއެކު މަރުހަބާ ކިޔާނެ އެވެ.

"އީދު ދުވަހުގެ ހަރަކާތްކުގައި މާފުށީގެ ރައްޔިތުންނާއި ފަތުރުވެރިން އަދި މި ރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ބައިވެރިވާނެ،" ސޮލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދަށް ދާން ބޭނުންވާ މީހުން ކޮޓަރި ނަގައި ލޯންޗުން ކުރީ ބައިގައި ޖާގަ ހޯދުމަކީ ކައުންސިލްގެ އެދުމެއް ކަމަށާއި ބެލެވޭ ގޮތުގައި ރަށަށް 5،000 މީހުން އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަންނަ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ފެރީ ކުރާ ފަރާތްތަކާއި ވާހަކަ ދައްކަމުން މިދަނީ. ފެރީ ކުރާ އައިކޮމް އިން މިހާރު މިވަނީ ޔަގީންކަން ދީފަ މިއުޒިކް ޝޯ ނިންމާފަ ވެސް ފެރީއެއް ބާއްވައި ދޭނެ ކަމަށް. ރޭގަނޑު އެކެއް ޖަހާއިރު މި ލޯންޗް މި ބާއްވަނީ،" ސޮލާހު ވިދާޅުވި އެވެ.