ވިޔަފާރި

އާރަންވޭ ނިމުމާ ގާތަށް: ތާރުގެ އެންމެ ފަހު ފަށަލަ އަޅަން ފަށައިފި

Jun 17, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭގެ އެންމެ ފަހު ތާރު ފަށަލަ އަޅަން ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެންމެ ފަހުގެ ތާރު ފަށަލަ އަޅަން ފެށީ އިއްޔެ ކަމަށެވެ. އަދި މި މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މި މަސައްކަތް ނިމުމާއެކު ދެން ކުރާނީ ލައިޓްތައް ހަރުކުރުމުގެ މަސައްކަތްކެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު ބައި ކަމަށްވާ، އާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކުން ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ. ދުނިޔޭގެ އެންމެ ބޮޑު ބޯޓެތި "އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ އާ ރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މިތަން ހަދަމުން ދަނީ ކުރިން ފަޅެއްގެ ގޮތުގައި އޮތް ސަރަހައްދު ހިއްކައިގެންނެވެ.

އާ ރަންވޭގެ މަސައްކަތް މި އަހަރު ނިންމަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ 300 މިލިއަން ޑޮލަރަށް ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ފެށުމުގެ ގޮތުން 1200 ޕައިލް ޖަހާނެ އެވެ. އަދި މި ޕައިޕްތައް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އާ ޕެސެންޖަރު ޓާމިނަލްގެ އިމާރާތަކީ ބޭރުގައި ހަދައިގެން ގެނެސް ރާވާލާ އިމާރާތެކެވެ. އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ހަދާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތުގެ ބޮޑު ބައެއް މި އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.