ސްޓާ ޕްލަސްއިން މީގެ އަށް އަހަރު ކުރިން ގެނެސްދިނުން ހުއްޓާލި ޑްރާމާ ސިލްސިލާ "ކިއުކީ ސާސްބީ ކަބީ ބަހޫ ތީ" ގައި ލީޑުން ފެނިގެންދިޔަ ބަތަލާ އަދި މިހާރު އިންޑިއާގެ ސަރުކާރުގެ މިނިސްޓަރެއްގެ މަގާމު އަދާކުރާ ސްމްރިތީ އިރާނީ (ތުލްސީ)، ރާ ތައްޓަކާ އެއްވަރުކޮށްފި އެވެ.
ތުލްސީ އާއި ރާ ތައްޓަކާ އެއްވަރު ކުރީ އެ ޑްރާމާގެ ޕްރޮޑިއުސަރު އަދި ހިންދީ މެލޮޑްރާމާގެ ރާނީ އެކްތާ ކަޕޫރް އެވެ. އެކްތާ މިހެން ބުނީ ތުލްސީ އޭނާގެ އިންސްޓަގުރާމްގައި ޝައިއުކުރި ފޮޓޯއެއް ރިޕޯސްޓްކުރުމަށްފަހު އެވެ. އެ ފޮޓޯއަކީ އެ ޑްރާމާ ކުޅުނު ދުވަސްކޮޅު ތުލްސީ އެކްތާއާއެކު ނަގާފައިވާ ފޮޓޯއެކެވެ.
މި ފޮޓޯ އެކްތާގެ އޭނާގެ އިންސްޓަގުރާމްގައި ރިޕޯސްޓުކުރުމަށްފަހު ކެޕްޝަންގައި ޖަހާފައި ވަނީ، "ބައެއް މީހުންނަކީ ހަމަ ފައިން ވައިން (ރާ). ގިނަ ދުވަސްވި ވަރަކަށް ރަނގަޅުވޭ. އަހަރެމެން މުސްކުޅީއަކީ ނޫން. މި އަންހެން ބޭފުޅާގެ ޖޯޝާއި ހިތްވަރަށް ހަމަ ސާބަސް." ރާވެސް ގިނަ ދުވަސްވުމުން މީރުވާ ކަމަށް އިޝާރާތްކުރަމުން އެކްތާ ބުނެފައިވެ އެވެ.
ތުލްސީއަކީ އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ މެމްބަރެކެވެ. އޭނާ އަދާކުރަނީ މިނިސްޓާ އޮފް ޓެކްސްޓައިލްސްގެ މަގާމެވެ.
ރާ ތައްޓަކާ އެއްވަރުކުރުމުން އެކްތާގެ ޕޯސްޓަށް ތުލްސީ ކުރި ކޮމެންޓުގައި ބުނެފައި ވަނީ، "މާތް ރަސްކަލާކޯ. އަހަންނަކީ ސިޔާސީ މީހެއް. އަހަންނާއި ރަލާއި އެއްވަރެއް ނުކުރެވޭނެ. އެހެން ބުއިމެއް ހޯދަން އުޅޭ." ކަމަށެވެ. މި ފޮޓޯ ފުސް ކަމަށް ބުނެ ފޭނަކު ކުރި ކޮމެންޓަށްވެސް ތުލްސީ ވަނީ ޖަވާބުދީފަ އެވެ. ޖަވާބުގައި އޭނާ ބުނީ، "އެއީ މާޒީ ފެންނަ ގޮތް... ފުސްވެފަ." ކަމަށެވެ.
އެކްތާއާއެކު ތުލްސީ ޑްރާމާއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވާހަކަދެކެވެނުވެ. ނަމަވެސް މި ހަބަރު ކަށަވަރުވެފައެއް ނުވެ އެވެ. ސްމިތީ ފުރަތަމަ އެކްޓިންގެ ދާއިރާއަށް ނިކުތީ 2001 ވަނަ އެކްތާގެ ޑްރާމާ "ކިއުކީ ސާސް ބީ ކަބީ ބަހޫ ތީ" އިންނެވެ. އެ ޑްރާމާއަށްފަހު އޭނާ މަޝްހޫރުވެފައި ވަނީ އެ ޑްރާމާގައި އޭނާއަށް ކީ ނަން ތުލްސީ އިންނެވެ.