ކުޅިވަރު

ވެލެންސިއާ އިތުބާރު ބޮޑުކޮށްފި، އީގަލްސް ދެވަނައަށް

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކުލަބު ވެލެންސިއާއިން ބޮޑު އިތުބާރެއް ހޯދައިފި އެވެ.

މާލޭ ލީގަށް ފަހު އޮންނަ ކޮލިފައިންގައި، ވެލެންސިއާ އާ ދެކޮޅަށް ވާދަ ކުރާނީ، ޔުނައިޓަޑް ވިކްޓަރީ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޖޭޖޭ ސްޕޯޓްސް އެވެ.

ކޮލިފައިންގެ ކުރިން، ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް މޮޅެއް ހޯދުމަކީ ވެލެންސިއާ އަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް ކަމަށް އެ ޓީމުގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް ބުންޏެވެ.

މެޗުގައި ހުރިހާ ލަނޑެއްވެސް ކާމިޔާބު ކުރީ، ދެ ވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނެޓްގައި ވެލެންސިއާއިން ވަނީ ލީޑް ނަގާފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރި އަންސަރު އިބްރާހިމް (އަންކޮ) އެވެ.

އެގެ ހަތަރު މިނެޓް ފަހުން ޔުނައިޓަޑް ވިކްޓަރީގެ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކުޅުންތެރިޔާ ސެމިއުލް ކޯޑެލް އެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި ވެލެންސިއާގެ ޔޫކްރޭންގެ ފޯވަޑް ޑްރިގާ ސާޖިލް ވަނީ އެ ޓީމަށް ލީޑް ނަގައިދިފަ އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު މެޗުގެ 93 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހްރީޝީން ވެލަރީ އެވެ.

ރޭ ގްރީން ސްޓްރީޓް އަތުން މޮޅުވެ، ކުލަބު އީގަލްސް ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ. އީގަލްސް މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. މިރޭ ލީގްގެ އެންމެ ފަހު މެޗުގައި، ލީގް ޗެމްޕިއަން ނިއުރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗުން، މާޒިޔާ ބަލި ވެއްޖެ ނަމަ އީގަލްސް އަށް ދެ ވަނަ މަގާމު ޔަގީން ވާނެ އެވެ.

އީގަލްސްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރި ލިބުނު ދެ ޕެނަލްޓީންނެވެ. އެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑްއާޑޯ ޕްރުސިއާނޯ އެވެ. ފުރަތަމަ ޕެނަލްޓީ އޭނާ ކާމިޔާބު ކުރި މެޗުގެ ފަސް ވަނަ މިނެޓްގަ އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑަކީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި، ގްރީންގެ މުހައްމަދު ޖަޒްލާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެޑްއާޑޯ، ޕެނަލްޓީން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓްގަ އެވެ.