ޖުމްހޫރީ ޕާޓީ ވުޖޫދަށް އައީ ވެރިކަން ކުރަން ކަމަށާއި މިފަހަރުގެ އިންތިހާބު ކާމިޔާބުކޮށް މިއީ ޖުމްހޫރީ ޕާޓީގެ އަހަރަށް ހަދާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އަލީ ވިދާޅުވީ، ޖަރުމަނުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖެޕީގެ ކޮންގްރެސްގެ ނިންމުންތައް ދުރާ ގާތުން ބަލަމުންދިޔަކަމީ ރައްޔިތުންނަށް މި ކޮންގްރެސްގެ މުހިންމުކަން ސާބިތުކޮށްދިން ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، މި ކޮންގްރެސްއިން މުހިންމު ނިންމުންތަކެއް ނިންމިފައިވާ ކަމަށާއި ޖޭޕީން އާފެށުމަކަށް މިސްރާބު ޖަހާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
"މިއީ އާ ފެށުމެއް، އާ ފެށުން ފަށައިގަތުމަށް ރޭ ހޮވުނު މީިހުންގެ އަދާ ކުރަންޖެހޭ ޒިންމާ ވަރަށް ބޮޑު،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަލި ހުސެއިން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް މިވަނީ ހަގީގީ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ނުކުރެވި ކަމަށާއި މިއަހަރުގެ އިންތިހާބު ކާމިޔާބުކޮށް އެކަން ޖުމްހޫރީ ޕާޓީން ރައްޔިތުންނަށް ދައްކުވައިދޭނެ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކާއި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރައްވަން ތިއްބައިވައިފިނަމަ މިފަހަރު މިއީ ޖުމްހޫރީ ޕާޓީގެ ފަހަރަށް ހައްދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެކުގައި މަސައްކަތް ކުރައްވަން ތިއްބައިވައިފިނަމަ މިފަހަރު މިއީ މިއީ ޖުމްހޫރީ ޕާޓީގެ ފަހަރަށް ހައްދަވާނަން، މިއީ ޖުމްހޫރީ ޕާޓީގެ ފަހަރުު މިއީ އާންމު ރައްޔިތުންގެ ފަހަރު،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ، ޖޭޕީން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް "ޖުމްހޫރީ ލަޝްކަރު"ގެ ފަރާތުން ވާނެ ކަމަށެވެ. އަދި އެކަން އޮންނާނީ ސާބިތު ކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ، ރައްޔިތުންގެ ކިބައިން އެދެން އޮތީ އެންމެ އެދުމެއް ކަމަށާއި ނިިންމާ ކޮންމެ ނިންމުމެއް ނިންމަން ޖެހޭނީ މާޒީން އިބްރަތް ހާސިލްކޮށްގެން ކަމަށެވެ. އަދި ތާރީހު ކިޔައިދިން ސޮފުހާތަކުން ތާރީހުގައި ލިޔެވިފައިވާ ފަތްފުއްތަކުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށްވެސް އެނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުން 2008 ގައި ނިންމުމެއް ނިންމި ކަމަށާއި އަދި 2013ގައި ވެސް ނިންމުމެއް ނިންމި ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ރައްޔިތުން ނިންމަން ޖެހޭ ނިންމުމަކީ މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށް ހެދުން ކަމަށްވެސް އަލީ ވިދާޅުވި އެވެ.