ޗައިނާ އިން ދިވެހި ރާއްޖޭގެ 16 ރަށެއްގައި އަސްކަރީ ބޭސް ހަދާފާނެ ކަމަށާއި އެ ރަށްތަކަކީ ޗައިނާއިން ހިފާފައިވާ ރަށްތަކެއް ކަމަށް ސިފަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވުމާއެކު ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވާހަކަފުޅު ދައްކައިފި އެވެ.
މިފަދަ މޭރުމަކުން އޭނާ ވާހަކަފުޅު ދައްކަވާފައި ވަނީ އާދަވެ އޭނާ އިންޓަވިއުތައް ދެއްވާ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޓްރައިބިއުން" އަށެވެ. އެ ނޫސް މެދުވެރިކޮށް ޗައިނާ އާއި ރާއްޖެ އާއި ގުޅުވައި އަދި ރާއްޖެ އާއި އިންޑިއާ ގުޅުވައިގެން މީގެ ކުރިން ވެސް އޭނާ ގިނަ ވާހަކަތަކެއް އާންމު ކުރައްވާފައި ވެއެވެ.
ރައީސް ޔާމީން ޓްރޭޑް މިނިސްޓަރު ކަމުގައި ހުންނެވި އިރު، އޮތް ފޮރިން އިންވެސްޓްމެންޓް ބިއުރޯގައިގައި ހުންނެވި ނަސީމްގެ ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޗައިނާ އިން ބޭނުންވާ ގުޅުމެއް ކަމަށާއި ޗައިނާ އިން ރާއްޖޭގެ ރަށްތަކެއް ހިފާފައިވާ ކަމަށާއި އެ ގޮތުން 16 ރަށެއް ހިފާފައިވާ ކަމަށެވެ.
އެ އިންޓަވިއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮރިން މިނިސްޓަރު ވިދާޅުވެ އެވެ: "ރާއްޖޭގެ 16 ރަށް މިހާރު ވަނީ ޗައިނާއިން ހިފާފައި. އެރަށްތައް ޗައިނާގެ އަސްކަރީ ބޭސްތަކަކަށް ބަދަލުކޮށްފާނެ! އެއީ އިންޑިއާ އަށާއި އިންޑިއާ ކަނޑުގެ ސަލާމަތައް އޮތް ނުރައްކަލެއް،"
ރާއްޖޭގެ 16 ރަށް މިހާރު ވަނީ ޗައިނާއިން ހިފާފައި. އެރަށްތައް ޗައިނާގެ އަސްކަރީ ބޭސްތަކަކަށް ބަދަލުކޮށްފާނެ! އެއީ އިންޑިއާ އަށާއި އިންޑިއާ ކަނޑުގެ ސަލާމަތައް އޮތް ނުރައްކަލެއް،އަހުމަދު ނަސީމް | ކުރީގެ ފޮރިން މިނިސްޓަރު
ދިވެހި/އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެގޮތުން އަނބުރާ ފޮނުވާލަން ނިންމާފައިވާ އިންޑިއާ ހެލިކޮޕްޓަރުތައް، ދޫކޮށްލަނީ ވެސް ޗައިނާ އެދުމަށް ކަމަށާއި ޗައިނާ މީހުން ވެސް މިހާރު ރާއްޖޭގައި ތިބޭ ކަމަށެވެ. އަދި އެމީހުން ތިބެނީ އިންޑިއާގެ ހެލިކޮޕްޓަރުތައް ހިމެނޭ ސަރަހައްދުތަކުގައި ކަމަށެވެ. އަދި އެކަން ކަމަށް ބަލައި ރާއްޖެއަށް އަލުން ޑިމޮކްރަސީ ގެނައުމުގައި އިންޑިއާ މަސައްކަތް ކޮށްދޭން އެދިވަޑައިގެންފައި ވެ އެވެ. -- ހެލިކޮޕްޓަރު އޮންނަނީ އައްޑޫގަ އާއި ލ. ކައްދޫގަ އެވެ.
އިންޑިއާގެ މީހުންނަށް ވޯކް ޕާމިޓް ނުދޭ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ވެސް ނަސީމް ވަނީ އެއީ އިންޑިއާއަށް ކުރި މަލާމާތެއް ކަމަށް ސިފަ ކުރައްވާފަ އެވެ.