އަހުމަދު ނަސީމް

ރާއްޖެއިން ޗައިނާ ވެކްސިން ނުގަންނާނެ: ނަސީމް

ޗައިނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި އެއްވެސް ވެކްސިނެއް ނުގަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އަށް ނަސީމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ މި ވަގުތަށް ވެކްސިނަށް ޖެހިފައި އޮތް ނަމަވެސް ޗައިނާއިން އެއްވެސް ވަރަކަށް ވެކްސިން ގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޗައިނާއިން ވެކްސިން ގަތުމުގެ ޕްލޭނެއް ނެތްކަމަށް ވިދާޅުވި ނަމަވެސް ޗައިނާ ސަރުކާރުން ވަނީ އެގައުމުން ކޮވިޑާ ދެކޮޅަށް އުފެއްދި ސައިނޯފާމް ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެ ވެކްސިންގެ ފުރަތަމަ ޑޯޒް 78،000 އަށް ވުރެ މީހުން ޖަހައިފައިވާއިރު ދެވަނަ ޑޯޒް 45،000 އެއްހާ މީހުން ޖަހައިފައި ވެެއެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހައިފައިވަނީ އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި އުފައްދައިފައިވާ ކޮވިޑް ޝީލްޑް ވެކްސިނެވެ. ނަމަވެސް ރާއްޖެއަށް އެކަށީގެންވާ އަދަދަށް ސިރަމްއިން ވެކްސިން ފޯރުކޮށްދޭގޮތް ވަނީ ނުވެފަ އެވެ. އެކަމުގެ ކަންބޮޑުވުން މިނިސްޓަރުވެސް ހިއްސާ ކުރެއްވި އެވެ.

" ކޮވިޑް ޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ބައެއް މީހުންނަށް ދެވަނަ ޑޯޒް ނުދެވި 12 ހަފްތާވެސް ވެއްޖެ. މިހާތަނަށް ކޮވިޑް ޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް 228،653 މީހުންނަށް ވަނީ ދެވިފައި. އަދި ދެވަނަ ޑޯޒް 117،342 މީހުންނަށް ދެވިއްޖެ. އަދި ބާކީ އެބަތިބި 109،737 މީހުންނަށް ދެވަނަ ޑޯޒް ދޭން ޖެހޭ" މިނިސްޓަރު ވިދާޅުވި އެވެ.

ސިރަމްއިން ވެކްސިން ފޯރުކޮށް ނުދެވުމުން ރާއްޖެއިން މިހާރު ނިންމާފައި ވަނީ އޮކްސްފޯޑް އެކްސްޓަރަޒެނެކާ ވެކްސިންގެ 700،000 ޑޯޒް ސިންގަޕޫރުން ގެންނާށެވެ. އެ ވެކްސިން މި މަހު ކުރީކޮޅު ލިބޭނެކަމަށް އުއްމީދުކުރެވޭ ކަަމށް މިނިސްޓަރު ކުރިން ވިދާޅުވެފައި ވެއެވެ.

"ކޮވިޑާ ޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަަކަށް އެސްޓްރެޒެނިކާ ވެކްސިން ދެވަނަ ޑޯޒްއެއްގެ ގޮތުގައި ދެވިދާނެ" މިނިސްޓަރު ޓައިމްސް އޮފް އިންޑިއާއަށް ވިދާޅުވި އެވެ.

ރާއްޖެއަށް އެކަށީގެންވާ އަދަދަށް ވެކްސިން ނުލިބޭއިރު ރަޝިއާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ސްޕަޓްނިކް-ވީ ގެ 200،000 ޑޯޒް ގެނައުމަށްވެސް މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ. އެ ވެކްސިން ރާއްޖެ އަށް ވީހާވެސް އަވަހަށް ލިބޭނެ ކަމުގެ ޔަގީން ކަން ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ މިދިޔަ ހަފްތާގައި ވަނީ ދެއްވައިފަ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް ޝީލްޑާއި ސައިނަފޯމް ހިމެނޭގޮތަށް 166،490 މީހުން ވަނީ ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.