ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

ޗައިނާ ވެކްސިން ނުގަންނާނެ ކަމަކަށް ނުބުނަން: މިނިސްޓަރު

ޗައިނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި އެއްވެސް ވެކްސިނެއް ނުގަންނާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އަށް ނަސީމް ދެއްވި އިންޓަވިއުއެއްގައި ރާއްޖެ މި ވަގުތަށް ވެކްސިނަށް ޖެހިފައި އޮތް ނަމަވެސް ޗައިނާއިން އެއްވެސް ވަރަކަށް ވެކްސިން ގަތުމުގެ ވިސްނުމެއް ނެތް ކަމަށް ރިޕޯޓް ކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާ އެފަދައިން ވިދާޅުވެފައި ނުވާނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ވަނީ އެގައުމުން ކޮވިޑާ ދެކޮޅަށް އުފެއްދި ސައިނޯފާމް ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެ ވެކްސިންގެ ފުރަތަމަ ޑޯޒް 78،000 އަށް ވުރެ މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް 45،000 އެއްހާ މީހުން ޖަހައިފައިވެ އެވެ.

"އެއީ ވަރަށް ދެރަކޮށް ޝާއިރުކޮށްފައިވާ ލިޔުމެއް. އެއީ އަޅުގަނޑެއް ނުބުނަން ޗައިނާ ވެކްސިން ހޯދަން މަސައްކަތް ނުކުރާނަމެކޭ. އަޅުގަނޑު ބުނީ މިހާތަނަށް ކުރެވިފައެއް ނެތޭ. ދެން އެތަންކޮޅު އުނިކޮށްފަ އޮތީމަ ލިޔުނު މީހާ އާއި ސުވާލުކުރިން. [އޭނާ] ބުނީ އެތަންކޮޅު ޖަހާނަމޭ. ކޮންމެއަކަސް [އޭނާ] އާއި އެ މައްސަލަ އަޅުގަނޑު ޖެއްސިން"

މިނިސްޓަރު ވިދާޅުވީ އެގޮތަށް އެތަންކޮޅު ޖަހައިފައި އެވަނީ އިންޑިއާގެ އަމިއްލަ އިންޓްރެސްޓްގައި ތަރުޖަމާކޮށްފައިވާ ގޮތަކަށް ކަމަށެވެ. އެ ލިޔުމުގައި އެވާ މައްސަލަ ހައްލުކުރިކަން ކަށަވަރު ނުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހައިފައިވަނީ އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި އުފައްދާފައިވާ ކޮވިޑް ޝީލްޑް ވެކްސިނެވެ. ނަމަވެސް ރާއްޖެއަށް އެކަށީގެންވާ އަދަދަށް ސިރަމްއިން ވެކްސިން ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފަ އެވެ.

ސިރަމްއިން ވެކްސިން ފޯރުކޮށް ނުދެވުމުން ރާއްޖެއިން މިހާރު ނިންމާފައިވަނީ އޮކްސްފޯޑް އެކްސްޓަރަޒެނެކާ ވެކްސިންގެ ފަސް ލައްކަ ޑޯޒް ސިންގަޕޫރުން ގެންނާށެވެ.