ކުޅިވަރު

ޓީސީގެ ވިސްނުން ބަދަލުކޮށް، ކީޕަރަކަށް އަލުން ކިރަން

ބިދޭސީ ކީޕަރުން ނުގެންނާނެ ކަމަށް ކުރިން ބުނުމަށް ފަހު، އެކަން ބަދަލު ކޮށް މިދިޔަ އަހަރު ޓީސީގެ ގޯލް ބެލެހެއްޓި ނޭޕާލްގެ ގައުމީ ޓީމުގެ ކިރަން ޝެމްޝޮންގް، އަލުން ޓީސީއަށް ގެނެސްފި އެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ކުރިން ބުނެފައި ވަނީ، މި އަހަރު ސީޒަންގެ ބާކީ އޮތް ބަޔަށް ބިދޭސީ ކީޕަރަކު ނުގެންނާނެ ކަމަށާއި، އެ ޓީމުގެ އެއް ވަނަ ކީޕަރެއްގެ ގޮތުގައި ހުންނާނީ އިބްރާހިމް ނަދީމް އާދަމް (ރިކޫ) ކަމަށެވެ.

ކުރިން އެ ގޮތަށް ނިންމައި، ޓީސީން ވަނީ މިއަހަރު އެ ޓީމަށް ގެނައި ބެލަރޫސްގެ ކީޕަރު ޑިމިޓްރީ އަސްނިން ފޮނުވާ ވެސް ލާފަ އެވެ. އޭނާ ފޮނުވާލީ ސީޒަންގެ އެންމެ ކުރީކޮޅު ލިބުނު އަނިޔާ ރަނގަޅުވުމަށް ގިނަ މުއްދަތެއް ހޭދަ ވާތީ ކަމަށް ނިޒާމު ބުނެފައި ވެއެވެ. އަދި އޭނާގެ ބަދަލުގައި ބިދޭސީ ކީޕަރެއް ނުގެންނާނެ ކަމަށް އޭރު ނިޒާމް ބުނެފައި ވެ އެވެ.

ބެލަރޫސްގެ ޕްރިމިއާ ލީގްގައި ކުޅުނު އަސްނިން ޓީސީއާއެކު ކުޅުނީ އެންމެ މެޗެކެވެ. އެއީ އޭއެފްސީ ކަޕު ކޮލިފައިންގެ ޕްލޭއޮފް މެޗުގައި، ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ޑާކާގައި ކުޅުނު މެޗުގަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާއަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން އެރުވީ ރިކު އެވެ. އޭގެފަހުން، މާލޭ ލީގް ނިމެންދެން ޓީސީގެ އެއް ވަނަ ކީޕަރެއްގެ ގޮތުގައި ހުރީ ރިކޫ އެވެ. ނަމަވެސް މިހާރު ސީޒަންގެ ބާކީ އޮތް ބައިގައި ޓީސިގެ އެއް ވަނަ ކީޕަރަކަށް ވާނީ ކިރަން އެވެ.

މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތް ޓީސީއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކިރަން އެވެ.

އެ މުބާރާތް އޭނާ ކާމިޔާބު ކުރުމުން، ނޭޕާލްގައި ދޭ ކުޅިވަރުގެ އެންމެ ޝަރަފުވެރި އެވޯޑް ހޯދުމަށް އޭނާއަށް އިތުރަށް ފަހި ވެގެން ދިޔަ އެވެ.

ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި، މި އަންނަ ހުކުރު ދުވަހުގެ ރޭ ނިކުންނާނީ ފ. ނިލަންދުއާ ދެކޮޅަށެވެ. ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ޓީސީން ވަނީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެ ޓީމަށް ގެނެސްފަ އެވެ.