ދިވެހި ސިނަމާ

ޑާކް ރެއިންއަށް ދެން އަންނަނީ "ނޮވެމްބަރު"

ރާއްޖޭގައި މިހާރު އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަންޓުން އަނެއްކާވެސް އާ ފިލްމެއް އިއުލާނުކޮށްފި އެވެ. މިފަހަރު އެ ޕްރޮޑަކްޝަނުން ގެނެސްދެނީ ސިންގަޕޫރާއި މާލޭގައި ޝޫޓުކުރާ ލޯބީގެ ފިލްމެކެވެ. ނަމަކީ "ނޮވެމްބަރު" އެވެ.

މި ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ ޑާކް ރެއިން މިހާރު ތައްޔާރުކުރަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" ގެ މަސައްކަތައްފަހުގަ އެވެ. "މާމުއި" ގެ ޝޫޓިން އޮތީ ރޯދަމަހަށް މަޑުޖައްސާލި ގޮތަށެވެ. ރޯދައިގެ ކުރިން ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވެ އެވެ.

"މާމުއި" ބޮޑު ސްކްރީނަށް ގެނައުމަށް ނިންމާފައި ވަނީ ޑާކް ރެއިންގެ ރަސްމީ ތާރީހު އޭޕްރީލް 5 ގައި އަންނަ އަހަރު އެވެ.

އަލަށް އިއުލާނުކުރި ފިލްމު "ނޮވެމްބަރު" ޑައިރެކްޓުކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކުރަނީ ޕްރޮޑިއުސަރު އަހްމަދު އަލީ (މޮގާ) ގެ އަންހެނުން، އައިޝަތު ފުއާދު ތައުފީގު އަދި މަރިޔަމް ނަދްރަތު އެވެ.

ފިލްމުގެ ޓައިޓަލް ފިޔަވާ މި ފިލްމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަންނަ އަހަރު ރޯދައިގެ ފަހުން ގެނެސްދޭނެ ކަމަށް ބުނެފައިވާ މި ފިލްމަކީ ޑާކް ރެއިން ރާއްޖެއިން ބޭރުގައި ޝޫޓުކުރާ ފުރަތަމަ ފިލްމަށް ވާނެ އެވެ.

މިދިޔަ މާޗް މަހު ޑާކް ރެއިން ގެނެސްދިން ފެމިލީ ޑްރާމާ ފިލްމު "ވަކިން ލޯބިން" އަށްފަހު އެ ޕްރޮޑަކްޝަނުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޑިސެމްބަރު މަހު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" ގެ މަސައްކަތުގަ އެވެ.