ހަބަރު

މުޒާހަރާ ކުރިޔަސް ހެޔޮ، ހަމަނުޖެހުން ހިންގާނަމަ ހުއްޓުވާނަން: ރައީސް

ކިތަންމެ ވަރަށް މުޒާހަރާ ކުރި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ހަމަނުޖެހުން ހިންގައި އަމަން އަމާންކަން ނަގާ ނަމަ އެކަން ހުއްޓުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިފްރް އެއާޕޯޓް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުވާލަކު ދެ ފަހަރު މުޒާހަރާ ކުރިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކުން ހަރަކާތްތައް ހިންގާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި ޓްއަރިޒަމް ބޮއިކޮޓް ކުރަން ގޮވާ ފުލުހުންނަށް ހަމަލާދީ އާންމުންގެ މުދަލާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ ސަރުކާރުން ފުރުސަތު ދޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައ ސިޔާސީ ހަލަބޮލިކަމުގައި ޓްއަރިޒަމް ބޮޔެކޮޓް ކުރުމަށް ގޮވާލާނީ، "މި ގައުމުގެ އަދުއްވުން"ނެވެ.

"މުޒާހަރާ ކިތަންމެ ގިނައިން ކުރެއްވިޔަސް އަޅުގަނޑަށް މައްސަލައެއް ނެތް. ނަމަވެސް ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން އޮތީ ފުލުހުންގެ ގައިގާ އަތްލައި އެ މީހުންނަށް އަނިޔާކޮށް ހެދުމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ. ގައުމުގައި ހުޅުޖަހައި މުދަލަށް ގެއްލުންދީ ގައުމުގެ އަމަން ނަގާލާކަށް ފުރުސަތެއް ނެތޭ. ސިޔާސީ ހަރަކާތްތައް ވެސް ހިނަގްނ ޖެހޭނެ. އެކަމަކު އެކަމުގައި ވެސް ހައްދެއް އޮންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަސްލެއް ނެތް ދޮގުވާހަކަ ދައްކައިގެން ޓްއަރިޒަމް ބޮއިކޮޓް ކުރުމުން އެކަމުގެ އުނދަގޫ ވާނީ ސަރުކާރަށް އެކަނި ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން އަސަރު ކުރާނެ އެތައް ދިވެހި އާއިލާތަކެއް ތިބިކަމަށް ރައީސް ވިދާޅުވި އެވެ.

"ވިސްނަވާ ވަރަށް ގިނަ ރަށްރަށުގައި ރީތިގެތަށް ހަދާފައި މި ހުންނަނީ ރިސޯޓްގައި އުޅޭ ދަރިފުޅު އާއިލާއަށް ފޮނުވާ ފައިސާއިން. އެ މީހުން ކައި ބޮއިގެން އުޅެނީ އެއްކަލަ ދަރިފުޅު ނޫނީ ފިރި މީހާ ފޮނުވާ އެއްޗަކުން. ނަމަވެސް ޓޫރިޒަމަށް އަސަރުކޮށްފި ނަމަ ދެން ވާނެ ގޮތް ވިސްނަވާ. މިއީ ސިޔާސީ ވާދަވެރިކަމުގައި ވެސް ކުރަން ވާނެ ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފުދުންތެރިކަމާއި އުމްރާނީ ތަރައްގީގެ ތެރެއިން ރާއްޖެއަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި އެކަމަށް އެޅޭ ހުރަސްތައް ނައްތާލައި އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހިންނަށް ބޭނުން ވަނީ ރައްކާތެރިކަން ހަމަޖެހުން ޖިސްމާނީ އަނިޔާއިން ރައްކާތެރިކަން. މި ހުރިހާ ކަމެއް ދިވެހިންނަށް ހާސިލްކޮށް ދިނުމަށް މަސައްކަތް ކުރަމުން މި އަންނަނީ،" ރައީސް ވިދާޅުވި އެވެ.

ޓްއަރިޒަމްގެ ދާއިރާއިން ރާއްޖެ ކުރިއެރުންތައް ހޯދަމުން އަންނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރ އަތޮޅުގައި ވެސް އިތުރު ހަ ރިސޯޓެއް ކުރިއަށް އޮތް އަހަރުތަކުގައި ހުޅުވޭ ވަރަށް މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ. އެ ރިސޯޓްތައް ހުޅުވިއްޖެ ނަމަ ރ އަތޮޅުގައި އެކަނި ވެސް 15 ރިސޯޓް އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އިފުރުގައި ސިޓީ ހޮޓަލެއް ހެދުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް އެ އަންނަނީ އެއާޕޯޓްގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.