ހަބަރު

އިންކަމް ޓެކްސް ނަގަން ފަށާނަން: ސުއޫދު

Jun 28, 2018
12

އިންކަމް ޓެކްސް ތައާރަފު ކުރާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ، "އަހަރެމެން އެދޭ ވެރިކަމެއްގައި" ނަމުގައި ސިލްސިލާކޮށް ކުރައްވާ ޓްވީޓްތަކުން މިއަދު ކުރެއްވި ޓްވީޓްގަ އެވެ.

ސުއޫދު ވިދާޅުވީ، އިންކަމް ޓެކްސް ތައާރަފްކޮށް މަހަކު 60،000.ރ އަށްވުރެ މަތިން އާންމްދަނީ ލިބޭ މީހުންގެ އަތުން ތިން ޕަސެންޓް ދައްކަން ޖެހޭ ގޮތް ހަދާނެ ކަމަށެވެ. އަދި އާންމުދަނީ ހޯދި މިންވަރާއި އާންމުދަނީ ލިބުނު ގޮތް ހާމަކުރާ ބަޔާނެއް ކޮންމެ މީހަކު މީރާއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަން ހުއްޓުވުމަށް ބާރު އެޅިގެންދާނެ ކަމަށެވެ.

މީގެކުރިން ވެސް ސުއޫދު ވަނީ މިހާރު އަމަލުކުރަމުންދާ ގިނަ ކަންތައްތަކެއް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސިއްރުން ހެކި ބަސް ނެގުން މަނާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު އަމަލު ކުރަމުންދާ ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރުން ހުއްޓުވައި އޭގެ ދަށުން ނުހައްގުން ދައުވާ ކޮށްފައިވާ އެންމެންނަށް މާފު ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އުވާލާނެ ކަމަށެވެ.

ސުއޫދު އެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވީ "އަހަރެމެން އެދޭ ވެރިކަމެއްގައި" އަތުވެއްޖެނަމަ އެވެ. ނަމަވެސް އެ ވެރިކަމަކީ ކޮބައި ކަމެއް ސުއޫދު ވިދާޅެއް ނުވެ އެވެ. ސުއޫދު މިހާރު ހަރަކާތްތެވަމުން ދަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގަ އެވެ.