ރިޕޯޓް

އުކުޅަސް "ރަންރީނދޫ" ވަނީ ފޮނި އުއްމީދާއެކު!

އއ. އުކުޅަހުން: ނާޒިމް ހަސަން
Jun 29, 2018
5

އެންމެ ނަޒަރު މިހާރު ހުއްޓިފައިވަނީ، ސިޔާސީ ގޮތުން ބޮޑެތި ނިންމުންތަކެއް ނިމިގެން ދާނެ ކަމަށް ބެލެވޭ އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާ އއ. އުކުޅަހަށެވެ. މާލެއާ ގާތްގަނޑަކަށް ދޮޅުގަޑިއިރުގެ ދުރު ރާސްތާއެއްގައި އޮތް މި ރީތި ރަށުގެ މަލަ މަތި ވަނީ "ރަންރީނދޫ"އިން ޖަރީކޮށް، މާދަމާ ފަށާ ކޮންގްރެސްއަށް ތައްޔާރުވެފަ އެވެ. މި ކޮންގްރެސް އެންމެ ފުރިހަމަޔަށް ގެންގޮސް ނިންމާލުމަށް މި ރަށު މީހުން ތިބީ ވަރުގަދަ އަޒުމާއި އަދާޔާ ހިލާފު ޖޯޝެއްގަ އެވެ.

ސާފުތާހިރުކަމަށް މާ ގަޔާވާ ރައްޔިތަކު އުޅޭ މި ރަށަކީ އެއްބަޔަކަށް އެމްޑީޕީގެ ރަށެކެވެ. ރަށުގައި 1200 އެއްހާ މީހުންގެ އާބަދީއެއް އޮންނައިރު 90 ޕަސެންޓް މީހުންގެ ތާއިދު އޮތީ އިދިކޮޅުގެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ. އެހެންވެ ކޮންގްރެސްގެ ތައްޔާރީތަކުގައި މި ރަށުން މި ފެންނަނީ އާދާޔާ ހިލާފު ޖޯޝާ ފޯރި އެވެ. މިއީ ވަކި ޕާޓީއެއްގެ ކަމެއްގެ ބަދަލުގައި މި ރަށުގެ ރައްޔިތުން ދެކެނީ މިއީ ރަށަށް އަންނަ ބޮޑު ފަހުރެއް ކަމަށެވެ.

ރަށުގެ އަންހެވެރިން ނުކުމެ ރަށު ތެރެ ކުނި ކަހައި، ކޮންގްރެސް ބާއްވާ ސަރަހައްދު ސާފުކުރަނީ އެވެ. ފިރިހެންވެރިންނާއި ޒުވާނުންގެ މަސައްކަތަކީ ރަށު ތެރެ ރަންރީނދޫ ކުރުމަށް ކުލަ ލުމެވެ. މާދަމާއިން ފެށިގެން މިރަށަށް އަންނަ ހާހެއްހާ މެހެމާނުންނަށް މަރުހަބާ ކިޔަން، ދިދަ އާއި ބެނާތަކުން މުޅި ރަށް މިއޮތް ދަނީ ޒީނަތްކުރަމުންނެވެ. އެމީހުންގެ ވަގުތުތައް ހުސްކޮށްފައިވަނީ ލިބޭ އުޖޫރައަކަށް ނޫނެވެ. ހާއްސަކޮށް އެމްޑީޕީއަށް ހިތުގައި އޮތް ހާއްސަ ލޯތްބެއްގެ ސަބަބުންނެވެ.

މި ރަށު މެޑޯޒް އަބްދުﷲ އިބްރާހިމް، 57 އަށް މިއީ ލިބުނު ބޮޑު ފަހުރެކެވެ. ރަށަށް ލިބުނު ބޮޑު ފަހުރުގައި ބައިވެރިވުމަކީ އޭނާއަށް ލިބުނު ހާއްސަ އުފަލެކެވެ. ޕާޓީއެއްގެ ކޮންގްރެސް ރާއްޖެތެރޭ ރަށެއްގައި ބާއްވާ ފުރަތަމަ ފަހަރު އޭގެ މިސްރާބު އުކުޅަހަށް ހުރުމަކީ އޭނާ ދެކޭ ގޮތުގައި އެ ރަށަށް ލިބުނު އަގު ނުކުރެވޭވަރުގެ ފަހުރެކެވެ.

"އަޅުގަނޑުމެން އެމްޑީޕީއަށް ތާއިދުކުރަނީ އެ ޕާޓީގެ މެނިފެސްޓޯގައި އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި ކަންކަން ހިމަނާތީ، އެފަދަ ޕާޓީއެއްގެ ކޮންގްރެސް އަޅުގަނޑުމެންގެ ރަށުގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް،" އޭނާ އުފަލާއެކު ބުންޏެވެ.

އަޅުގަނޑުމެން އެމްޑީޕީއަށް ތާއިދުކުރަނީ އެ ޕާޓީގެ މެނިފެސްޓޯގައި އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި ކަންކަން ހިމަނާތީ، އެފަދަ ޕާޓީއެއްގެ ކޮންގްރެސް އަޅުގަނޑުމެންގެ ރަށުގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް.
އަބްދުﷲ އިބްރާހިމް -- އުކުޅަސް ރައްޔިތެއް

އަބްދުﷲ އިބްރާހިމެކޭ އެއްފަދައިން މި ރަށު ކެޑްބަރީސް، މުހައްމަދު ނައީމް، 49، ވެސް ހުރީ މި ފަހުރެއް ކަމަށް ދެކެ ވަރަށް އުފަލުންނެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހާއްސަ ނަޒަރެއް ހުއްޓިފައިވާ ކޮންގްރެސް އުކުޅަހުގައި ބޭއްވުމަކީ އެ ރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނައީމް ބުންޏެވެ.

"މި ރަށަކީ އަމިއްލަ މަސައްކަތުން އުޅެމުން ގެންދާ ރައްޔިތަކު އުޅޭ ރަށެއް، އަޅުގަނޑު ދެކޭ ގޮތުގައި މި ރަށަށް މިއީ ވަރަށް ބޮޑު ޝަރަފެއް، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް، މި ރަށް ވަރަށް ބޮޑަށް އިސްތިހާރުވެގެން ދާނެ، މުޅި ދުނިޔެއަށް އިސްތިހާރުވެގެން ދާނެ ރަށުގެ ފޮޓޯތަކާއި ކަންތައްތައް އާންމުވެގެންދާއިރުގަ،" ނައީމް ދެކޭ ގޮތް ހިއްސާކުރި އެވެ.

އުކުޅަހުގެ ޒުވާނުން ވެސް ތިބީ ނިކަން އުފުލާއެކު އެވެ. ރަށުގައި މަހަށްދާ ޒުވާނެއް ކަމަށްވާ މުއްލާދު އިބްރާހިމް ބުނީ، އެމްޑީޕީގެ ކޮންގްރެސްގެ ސަބަބުން ރަށަށް އުޖާލާ ކަމެއް ލިބިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ރަށަށް އެތައް ފައިދާތަކެއްކޮށް އިތުރަށް ރަށް ކުރިއަރައިގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރަށުގައި ޒުވާން އެތައް ވިޔަފާރިވެރިންނެއް ތިބިއިރު މިކަމުގެ ސަބަބުން ވިޔާފަރިތަކަށް ވަރަށް ބޮޑު ފައިދާއެއް ވަނީ ވެފަ އެވެ. ރަށުގެ ކަންމަތީ ފިހާރަތަކަށް ވަންނަ އާމްދަނީ މި ދެ ދުވަހު ވެސް ވަނީ އެނގުންވާ ވަރަށް މަތިވެފަ އެވެ. ކެޕޭތަކާއި ރެސްޓޯރެންޓްތަކަށް ވަންނަ މީހުން އިތުރުވެ ވެރިން ތިބީ އުފަލުންނެވެ. ގެސްޓް ހައުސްތައް ވަނީ އެކީ ބުކްވެފަ އެވެ. މި ރަށަށް ޗުއްޓީވަރެއްގައި އަންނަން ވެސް ޖާގައެއް ލިބޭނީ މި ހަފްތާ ބަންދަށް ފަހު އެވެ. އެއީ ހަމަ ޔަގީންވާ ކަމެކެވެ.

ކޮންގްރެސްގެ ކަންކަން ރޭވުމުގައި އިސްކޮށް އުޅުއްވާ، އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސްގެ ނައިބު ރައީސް މޫސާ ނައީމް ވިދާޅުވީ ކޮންގްރެސްގެ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އެ ރަށް އޮތީ ކޮންގްރެސްގެ މެހެމާނުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. މޫސާ ނައީމް ވިދާޅުވި ގޮތުގައި، މުޅި ރަށުގެ ކުދިބޮޑު އެންމެންގެ ކިބައިން ކޮންގްރެސްއަށް ކޮންމެވެސް ހައިސިއްޔަތަކުން އަންނަނީ އެއްބާރުލުން ލިބެމުން އެވެ. ކޮންގްރެސްގެ ކެއުމުގެ ކަންކަން ހަމަޖައްސަނީ، ގެސްޓް ހައުސްތަކުން ހިލޭ ސާބަހަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ހުރިހާ ތައްޔާރީތައް މި ވަނީ އެއްގޮތަކަށް ވެސް އަގެއް ދީގެނެއް ނޫން. ހަމަ ހިލޭ ސާބަހަށް ލޯބިން މި ރަށުގެ ރައްޔިތުން ކޮންގްރެސްއަށް މި އެހީތެރިވެދެނީ. މިއީ އަޅުގަނޑު ދަންނަވާނީ މި ރަށުގެ ރައްޔިތުން މި ރަށަށް ލިބޭ ރީތި ނަމެއްގެ ގޮތުގައި ދެކިގެން ކުރާ ކަމެކޭ،" މޫސާ ނައީމް ވިދާޅުވި އެވެ.

މި ހުރިހާ ތައްޔާރީތައް މި ވަނީ އެއްގޮތަކަށް ވެސް އަގެއް ދީގެނެއް ނޫން. ހަމަ ހިލޭ ސާބަހަށް ލޯބިން މި ރަށުގެ ރައްޔިތުން ކޮންގްރެސްއަށް މި އެހީތެރިވެދެނީ. މިއީ އަޅުގަނޑު ދަންނަވާނީ މި ރަށުގެ ރައްޔިތުން މި ރަށަށް ލިބޭ ރީތި ނަމެއްގެ ގޮތުގައި ދެކިގެން ކުރާ ކަމެކޭ.
މޫސާ ނައީމް - އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް

ކޮންގްރެސް ބޭއްވުމަށް މިރަށުގެ ބަނދަރު ސަރަހައްދުގައި 110 ފޫޓްގެ ލަގްޒަރީ ޓެންޓެއް ޖަހައިފައިވެ އެވެ. އަދި ކެއުމުގެ އިންތިޒާމްތަކަށް އިތުރު ޓެންޓެއް ޖަހާފައިވެ އެވެ. އެ ހުރިހާ މަސައްކަތްތަކުގައި ވެސް މި ރަށުގެ ފިރިހެނުންނާއި އަންހެނުން އެއް ހަމައެއްގައި ބައިވެރިވާ މަންޒަރަކީ މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. މިއީ އެއް ބަޔަކަށް ސިޔާސީ ކަމެކެވެ. އެކަމަކު އުކުޅަހުގެ ރައްޔިތުން ބުނަނީ، މިއީ އެ ރަށަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

އެމްޑީޕީގެ އެތައް އިސް ބޭފުޅުންނެއް މާދަމާ ރަށަށް އަރާއިރު ރަށުން މި ފެންނަނީ އުއްމީދާއި އުޖާލާ ކަމެވެ. އަދާޔާ ހިލާފު ކޮންގްރެސްއަށް މިއޮތީ އަދާޔާ ހިލާފު ފޯރިއަކާއި އަޒުމެކެވެ. ރައީސް މުހައްމަދު ނަޝީދު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ނިންމި ނިންމުމާ އެކު، ކުރިއަށް މި އޮތް ކޮންގްރެސް ވެގެންދާނީ އަދާޔާ ހިލާފު ބޮޑެތި ނިންމުންތަކެއް ނިންމާނެ ޝައުގުވެރި ކޮންގްރެސްއަކަށެވެ. މުޅި ރާއްޖެ މި އޮތީ މި ކޮންގްރެސްގެ ނަތީޖާތަކަށް ބަލަބަލަ އެވެ.