މިނިވަން އިގްތިސާދަކާ އެކު އުކުޅަސް ހަމަ އިސްކޮޅުގައި

އއ. އުކުޅަހުން: މުހައްމަދު އަފްރާހު
Jun 30, 2018

ކުރިން މިއީ ކަންނެލި މަސްވެރިކަމުގައި ރާއްޖޭގައި އެންމެ މަޝްހޫރުއެއް ރަށެވެ. މި ރަށަށް އޭރު އެންމެ ބޮޑު އާމްދަނީއެއް ވައްދަނީ ކަންނެލި މަސްވެރިކަމުންނެވެ. އެކަމަކު މީގެ ހަތް އަހަރު ކުރިން މި ރަށުގައި ހުޅުވި ފުރަތަމަ ގެސްޓްހައުސްއާއެކު ރަށުގެ އިގްތިސާދަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މިހާރު މިރަށުގައި 24 ގެސްޓްހައުސް ހުންނައިރު، ރަށުގައި ހުރިހާ ޒުވާނުން ތިބީ މިރަށުގަ އެވެ. މި ރަށަކީ މިހާރު މިނިވަން އިގްތިސާދެއް އޮތް ތަނަވަސް ރަށެކެވެ. އުކުޅަސް މިއޮތީ ހަމަ އިސްކޮޅަށް ތެދުވެފަ އެވެ.

"މި ރަށުގެ ޒުވާނުން އެއް ގޮތަކަށްވެސް ބޭނުމެއް ނުވޭ ރަށުން ބޭރުގެ ވަޒީފާތަކުގައި އުޅޭކަށް. ކުރިން ވެސް. ހާއްސަކޮށް މިހާރު ގެސްޓްހައުސްގެ ވިޔަފާރި ފެށުނު ފަހުން މިރަށުގައި ހުރިހާ ރައްޔިތުން މަސައްކަތް ކުރަނީ،" އުކުޅަހު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ފިރާގު ވިދާޅުވި އެވެ.

އުކުޅަހުގައި 24 ގެސްޓްހައުސްއެއް ހިންގަ އެވެ. މި ތަންތަނުގައި 340 އެނދު މިހާރުވެސް އެބަހުއްޓެވެ. އަދި މި އަހަރުގެ ޓޫރިޒަމްގެ މައި ސީޒަން ފެށެންވާއިރަށް އިތުރު 50 ކޮޓަރި އިތުރުވެ ކޮޓަރީގެ އަދަދު 450 އަށް އަރާނެ އެވެ. ގެސްޓްހައުސް ވިޔަފާރިއާ އިންވެގެން މިރަށުގައި އިތުރު ގިނަ ވިޔަފާރިތަކެއްވެސް ވަނީ އުފެދިފަ އެވެ. ހަ ސްޕީޑް ލޯންޗާއި ހަ ރެސްޓޯރެންޓެއް އެބަހުއްޓެވެ. މި ރަށު ޓޫރިޒަމްގެ މައި ހިއްސާއެއް ވަނީ ރަޝިއާ އާއި އިޓަލީ އަދި އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންނަށެވެ. މި ވިޔަފާރިއާއެކު މުޅި
ރަށަށް ވަނީ ތަނަވަސްކަން ލިބިފަ އެވެ.

މި ރަށުގެ ރެސްޓޯރެންޓްތަކަށް އާއްމު ގޮތެއްގައި ދުވާލަކަށް 6،000ރ. އާއި 7،000ރ. ގެ އާމްދަނީއެއް ލިބެ އެވެ. އަދި ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރު އެވްރެޖު ގޮތެއްގައި 13،000ރ. އާއި 18،000ރ. ގެ އާމްދަނީއެއް ލިބެ އެވެ.

ގެސްޓްހައުސް ވިޔަފާރީގައި އުޅޭ ފަރާތަކުން ބުނި ގޮތުގައި މި ވަގުތު ރަށުގެ އޮކިޕެންސީ 30 ޕަސެންޓުގައި ހުރިނަމަވެސް އަހަރުގެ ފަހުކޮޅު ރަށް އެއްކޮށް ފުރޭނެ އެވެ.

"މިހާރު ކޮޓަރި ލިބޭނެ. އެކަމަކު ޑިސެމްބަރު މަހާއި ޖެނުއަރީ މަހު މުޅި ރަށް އެއްކޮށް ފުލްވެގެންދާނެ. މި ކަމަށް މިހާރުވެސް ރަށް މި ދަނީ ތައްޔާރު ވަމުން،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

އުމްރާނީ ގިނަ ކަންތައް ފުދިފައި

މި ރަށުގައި ފެނުގެ ހިދުމަތް ދީފައިވަނީ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަމިއްލަ ކުންފުންޏަކާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުން މިހާރު މި ރަށަށް ސާފު ބޯފެން ލިބެ އެވެ. ފެނުގެ މައްސަލައެއް ނެތެވެ. ދެންއޮތީ، ނަރުދަމާ އެވެ. ނަރުދަމާގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ވަނީ ނިމިފަ އެވެ. ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި މި ހިދުމަތް ވެސް ނިމި،
އެކަމުގެ ފަސޭހަ އާންމުންނަށް ފޯރާނެ އެވެ.

މި ރަށު މީހުން ބުނާ ގޮތުގައި ދެން ރަށަށް އެންމެ ބޭނުންވަނީ މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. ރަށުގައި ކޮންމެވެސް ވަރަކަށް ވެރިކަލް ދުއްވާތީ މަގުތަކުގައި ވަޅުގަނޑުތައް ދަނީ ހެދެމުންނެވެ. އަދި ވިއްސާރަ މޫސުންތަކުގައި މިކަމުގެ އުނދަގޫ ރަށުގެ
ރައްޔިތުންނަށް ބޮޑެވެ.

"ވިއްސާރަވީމަ ވަރަށް ދަތި. އެހެންވެ މިކަން ބޭނުންވަނީ. އެކަށް ކޮށްދެނިކޮށް ދެން އެ ނިމުނީ. އޭރުން ސަރުކާރަށް ޝުކުރުވެރިވާނަން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

މަސައްކަތްތެރި އުފެއްދުންތެރި އުކުޅަހުގެ ރައްޔިތުން އަބަދުވެސް ތިބޭނީ މިގޮތުގަ އެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގަ އެވެ. މިރަށުގެ ޒުވާނުންގެ އަޒުމަކީވެސް މިއީ އެވެ. މިރަށް މިނިވަން އިގްތިސާދެއްގެ ގޮތުގައި ފެންނަ އެއް ސަބަބަކީ މި އެވެ.