ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފާޅުގައި ނުކުމެވަޑައިގެން ބޮޑެތި މުޒާހަރާތަކެއް ކުރި އެވެ. އެއީ ރައީސް ޔާމީނާ ދެކޮޅަށް އުފެދުނު ފުރަތަމަ އިއްތިހާދެވެ. ނަމަވެސް އެ އިއްތިހާދަށް ރަސްމީ ސިފައެއް ނުލިބެނީސް ގާސިމް އެކަމާ ފެޔަށް ޖެހިވަޑައިގެން ދުރުގައި މަޑުކުރެއްވި އެވެ. ރައީސް ނަޝީދާއި އިމްރާން ދިގު މުއްދަތަކަށް ޖަލުގައި ބަންދުވި އެވެ.
އިދިކޮޅުގެ އެ ތިން ލީޑަރުން ބައިބައިވެފައި ތިއްބައިި ވަރުގަދަ އިއްތިހާދެއް އުފެދިގެން ދިޔައީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގަ އެވެ. ހީނުކުރާ އެތައް ބޭފުޅުންނެއް އެއް މޭޒެއް ދޮށަށް ދިޔަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން، އެމްޔޫއޯގެ ނަމުގައި އުފެއްދި އިއްތިހާދުގެ ލީޑަރަކީ ރައީސް ޔާމީންގެ ރަނިންމޭޓް އަދި ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލެވެ. ދެން އިސްކޮށް ރައީސް ނަޝީދު ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީ އެ އިއްތިހާދުގައި ބައިވެރިވި އެވެ. އިއްތިހާދުގެ މަސައްކަތްތައް އޮތީ ލަންޑަނުގަ އެވެ. އޭގެ ފަހުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން ވެސް ހަރަކާތްތައް ހިންގި އެވެ.
އެކަމަކު އެ އިއްތިހާދުވީ "ހޮޅި" އިއްތިހާދަކަށެވެ. ނަތީޖާއަކާ ގާތަށް ވެސް ނުދެވުނު އިއްތިހާދަކަށެވެ. މާލޭގައި ތިއްބެވި ޕާޓީތަކުގެ އިސް ބޭފުޅުންނާއި އިއްތިހާދުގެ އެންމެ އިސް ބޭފުޅުންނާ މާބޮޑު ގުޅުމެއް ނެތުމުގެ ސަބަބުން އިއްތިހާދުގެ ނަން ފަނޑުވެގެން ދިޔަ އެވެ. އިއްތިހާދުގެ ނަން އެއްކޮށް ފުހެވިގެން ދިޔައީ އެއަށްވުރެ ވަރުގަދަ ހަތަރު ސޮއި އެޅިގެން ދިޔުމާ ގުޅިގެންނެވެ.
އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހެވެ. ވަރަށް ތާރީހީ ދުވަހެކެވެ. ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ތާއިދު ބޮޑު ދެ ބޭފުޅުން އަދި ބޮޑު ދެ ފިކުރެއްގެ ފަހަތުގައި ތިއްބެވި ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމެއްގައި ސޮއި އެޅުއްވި ދުވަހެވެ. އެ ވަރުގަދަ އެއްބަސްވުމުގައި ގާސިމް އިބްރާހިމާއި އިމްރާން އަބްދުﷲ ވެސް ސޮއި އެޅުއްވި އެވެ. އެ ދުވަހުން ފެށިގެން ހަތަރު ލީޑަރުންގެ ބެލުމުގެ ދަށުން އިދިކޮޅުގެ ހަރަކާތްތައް ބާރަށް ފެށި އެވެ.
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ދަރިކަލުން އަހުމަދު ފާރިސް މައުމޫން އިސްވެ ގިނަ ހަރަކާތްތަކެއް ފެއްޓެވި އެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތެވެ. އޭރު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ޖަލްސާތައް ދިޔައީ ބާއްވަމުންނެވެ. ރައީސް މައުމޫނާއި ގާސިމް އެ ޖަލްސާތަކުގައި ބައިވެރިވަޑައިގެން އުއްމީދީ ވާހަކަފުޅުތައް ގެންދެވީ ދައްކަވަމުންނެވެ. އެފަދަ އެއް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނާއި ރައީސް ނަޝީދު ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މާފު ވެސް ކުރައްވާފަ އެވެ. ދެ ބޭފުޅުންގެ ހިތް ސާފުކަން ހާމަކުރައްވާފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއެކު މުޅި ދައުލަތް ހެލިގެން ދިޔަ އެވެ. ކަންކަން އެ ފުށްމިފުށަށް ޖެހިގެން ދިޔަ އެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ 12 މެންބަރަކު ކުއްލި ގޮތަކަށް ސަރުކާރާ ފެޔަށް ޖެހުނެވެ. އެވީ ވަރަށް ޅަފަތުގައި އޮތް އެ އިއްތިހާދަށް ލިބުނު ބޮޑު ކާމިޔާބަކަށެވެ. ނަމަވެސް އިއްތިހާދުގެ ކުރިއެރުމަށް އެޅުނީ ވަރުގަދަ ހުރަހެކެވެ. ތިންވަނަ ލީޑަރު ހައްޔަރުވީ އެވެ. ގާސިމް ހައްޔަރުކޮށް ރިޝްވަތުގެ ދައުވާ އުފުލައި ޖަލަށް ވެސް ލީ އެވެ. ހަމައެހެން އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރައްވާ ފާރިސް ވެސް ޖަލަށްލީ އެވެ. ދެން ހުންނެވީ ރައީސް މައުމޫން އެކަންޏެވެ. އެއަށްފަހު އިބޫ އެވެ.
އެކެއް ފެބުރުއަރީގެ އަމުރާ ހަމައަށް ވެސް ރައީސް މައުމޫން ގެންދެވީ އިދިކޮޅު އިއްތިހާދު ރޫޅުނަ ނުދީ ހިފަހައްޓަވާފަ އެވެ. އެ
އަމުރާއެކު އެމަނިކުފާނު ވެސް ހައްޔަރުވީ އެވެ. އަދިވެސް ހުންނެވީ ހައްޔަރުގަ އެވެ. އިއްތިހާދު އުފެއްދެވި ހަތަރު ލީޑަރުން ޖަލަށެވެ. ދެވަނަ ސަފުގައި ތިއްބެވި ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ޖަލަށްލީ އެވެ. އެ ސަފުގައި ދެން ހުންނެވި އިބޫއަށް ވެސް ޖަލަށް ދާން ޖެހުނެވެ. ދައުވާ ކުރާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް އެކަމުން އޭނާ ފަހުވަގުތު ސަލާމަތްވި އެވެ.
އޭރު އިންތިހާބު އައިސް އޮތީ ބޯމަތީގަ އެވެ. އިންތިހާބަށް އިދިކޮޅުން ހަދާނީ ކިހިނެއްތޯ ދިޔައީ ސުވާލު އުފެދެމުންނެވެ. އެއް ކެންޑިޑޭޓެއްގެ ވާހަކަ އަޑުއިވެން ފެށި އެވެ. ހަމައެއާއެކު ރައީސް ނަޝީދުގެ ކެމްޕެއިން ވެސް ފެއްޓެވި އެވެ. އެއް ކެންޑިޑޭޓެއްގެ މަޝްވަރާ ޕާޓީތަކުން ކުރަނިކޮށް ރައީސް ނަޝީދު ކެމްޕެއިން ކުރައްވާތީ ޖުމްހޫރީ ޕާޓީ ރުޅިގަދަވި އެވެ. ނިޒާމުން ގެއްލިފައި ތިއްބަވަނިކޮށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ކުރީގެ އިއްތިހާދުގެ ލީޑަރު މުހައްމަދު ޖަމީލު ވަނީ ރައީސް ނަޝީދަށް ފާޅުގައި ފާޑުވެސް ވިދާޅުވެފަ އެވެ. އަމިއްލަ އެދުން ބޮޑު ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގު އޮތް ގާސިމް އޭރު ވަނީ އެއީ ނުވާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާފަ އެވެ. ޖަރުމަންވިލާތުގައި އުޅުއްވާ ގާސިމް ވަނީ ތަކުރާރުކޮށް އެއް ކެންޑިޑޭޓެއް ނެރުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް ގާސިމް ވެސް ބޭނުންވީ އޭނާގެ ޕާޓީން ކެންޑިޑޭޓެއް ނެރުމެވެ. އެމްޑީޕީއިން ވެސް ބޭނުންވީ އެގޮތެވެ. އެ ވެސް ރައީސް ނަޝީދެވެ. އެކަމަކު ރައީސް ނަޝީދު އެކަނި ބައިވެރިވަޑައިގެން ޕާޓީގެ ޕްރައިމަރީ ވެސް ކޯޓުން ހުއްޓުވީ އެވެ. ކެމްޕެއިން ކުރިޔަ ވެސް ނުދެ އެވެ. ޓީވީތަކުން ރައީސް ނަޝީދުގެ މަންޒަރު ދެއްކުން ވެސް މަނާކުރީ އެވެ. އެ ހިސާބުން ރައީސް ނަޝީދަށް ގޮތް ދޫކުރައްވަން ޖެހިވަޑައިގެންނެވީ އެވެ. ޕާޓީއަކަށްޓަކައި މިފަހަރު ފަހަތަށް ފިޔަވަޅެއް އެޅުއްވީ އެވެ. އިންތިހާާބުގައި ވާދަ ނުކުރައްވަން ރައީސް ނަޝީދު މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ނިންމެވި އެވެ. އޭރު އެމްޑީޕީގެ އަދާޔާ ހިލާފު ކޮންގްރެސްއަށް އޮތީ އެއް ދުވަހަށްވެފަ އެވެ. އެ ކޮންގްރެސް އޮތީ އެމްޑީޕީގެ ތާއިދު ބޮޑު އއ. އުކުޅަހުގަ އެވެ.
ރައީސް ނަޝީދުގެ އެ ވަރުގަދަ ނިންމެވުމުގެ ހަބަރާއެކު އެންމެ ހައިރާންކަމުގެ މަތީގަ ތިއްބައި އެ ރޭ އިވިގެން ދިޔައީ ވަރަށް ގަބޫލުކުރަން ދަތިވި ހަބަރެކެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ބަދަލުކުރަމުން ދިޔަ ބަހުގެ ހަމަލާތަކާއި އުފެދިފައިވާ ރުޅިވެރިކަމުގެ ތެރޭގައި އެފަދަ ނިންމުމެއް އަންނާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުބެލެވުނުނެވެ. ނަމަވެސް ޕާޓީތައް އިސްކުރީ އަމިއްލަ އެދުމަށްވުރެ ހާލަތާއި ވަގުތަށް އެންމެ ރަނގަޅު ގޮތެވެ. ރައީސް ނަޝީދެކޭ އެއްގޮތަށް ޖުމްހޫރީ ޕާޓީން ވެސް ފަހަތަށް ފިޔަވަޅެއް އެޅި އެވެ. އަދި އިދިކޮޅު ކޯލިޝަންގެ އެއް ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ބަލައިިގަތުމަށް އެއްބަސްވި އެވެ. ހަމައެހެން އެމްޑީޕީއިން ވެސް ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވި އެވެ. އެކަމަށް އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ވެސް އާ ބަސް ދިނެވެ.
ލަންޑަނުގައި އުފެއްދި އިއްތިހާދު ރޫޅިގެން ދިޔަ ގޮތަށް ހަތަރު ލީޑަރުންގެ އިއްތިހާދު ވެސް ބައިބައިވާން ކައިރިވެފައިވަނިކޮށް އއ. އުކުޅަހުން ޕާޓީތަކުގެ ބޭފުޅުން މާލެ ވަޑައިގެންނެވިއިރު ތިއްބެވީ އިހުނަށްވުރެ ބަދަހިވެ އަމާޒު ވަރުގަދަވެފަ އެވެ. އެ އިއްތިހާދަށް ވަނީ ކެންޑިޑޭޓެއް ލިބިފަ އެވެ. އެމްޑީޕީގެ ކޮންގްރެސްގައި، ރައީސް ނަޝީދުގެ ވެސް އެދިވަޑައިގަތުމާއެކު އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް އެއްބަސްވި އެވެ. މަގު ގެއްލިފައިވާ އިއްތިހާދަށް ދާންވީ މަގު ކޮށިގެން ދިޔައީ އުކުޅަހުގައި ނިންމި ބޮޑު ނިންމުމާއެކު އެވެ. އޭގެ ފަހުން އެއްވެސް ފަނޑު ކަމެއް އިއްތިހާދެއް އައުމެއް ނެތި ކެމްޕެއިންތައް ދަނީ ވަރުގަދަ ކުރަމުންނޭ ބުނެވިދާނެ އެވެ.
ރައީސް ޔާމީންއާ ދެކޮޅު އިއްތިހާދެއް ފައްކާކުރުމަށް ލަންޑަނުން އުކުޅަހަށް އިދިކޮޅު ޕާޓީތަކުންނާއި ލީޑަރުން އަދިި މެންބަރުން ކުރައްވާފައިވަނީ އަޑިގުޑަންތަކާއި ތޫފާންތައް ގިނަ ދަތުރެކެވެ. އަދިވެސް ތޫފާންތައް އޮތީ ކުރިއަށެވެ. އަދިވެސް އޮތް ސުވާލަކީ، ކޯލިޝަންގެ ނާ ގަދަ ކަނޑުގައި އަރަގު ނުވެ ހިފެހެއްޓާލެވިދާނެ ހެއްޔެވެ؟ ކުރިއަށް މި އޮތް ހަލަބޮލި ދުވަސްތަކުގައި އެ ހުރިހާ ސުވާލަކަށް ޖަވާބުތައް ލިބިގެން އަންނާނެ އެވެ. ހަނދާން ކުރަން ޖެހޭ ކަމަކީ ކޯލިޝަން އުފެދިގެން އައީ މައްސަލަތަކުގެ ތެރެއިން އެވެ. އެ މައްސަލަތަކުގައި ތެރޭގައި ކޯލިޝަން ދަމަހައްޓާލެވިދާނެ ހެއްޔެވެ؟