ރިޕޯޓް

ދެ "ދައުލަތެއް"ގެ ގަދަ ހިފުމުގައި ގައުމު ފިތިފައި؟

ފަރުދާގެ ފުރަގަހުން ވިޔަސް މިހާރު ކުރަމުންދާ ޒާތެއްގެ ހަނގުރާމަ ފެށިގެން އައި ހިސާބު ބެލުމަށް ޖެހިލަންޖެހޭނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށެވެ. އެ އަހަރު ފަހުކޮޅު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކުރިއަށެވެ. ވެރިކަމުގެ ހުރިހާ ބާރެއް ޖަމާކޮށް ދައުލަތުގެ ހުންގާނު ހަރުކޮށްފައި ހުންނަ މާލޭންވެސް ބޭރަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް ދޭން އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްއާ ހަމައަށެވެ. އެހާ ހިސާބަށް އޭރުގެ ސިޔާސީ މަޝްރަހު ނިއުޅެމުން އައިގޮތް އެއްވެސް ދިވެއްސަކަށް އާ ކަމަކަށް ނުވާނެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތަށް ޖެހިވަޑައިގެން ސޯލިހަށް ޓިކެޓް ދޭން ޖެހުނު ސަބަބު އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނޯންނާނެ އެވެ. އެކަމަކު އެ ދުވަހު ހިނގައިދިޔަ ކަމެއް މިހާރު ގިނަ ބައެއްގެ ހަނދާނުގައި ނެތް ނަމަވެސް، އެކަން ވެފައިވަނީ މިހާރު ފެންނަމުންދާ މަންޒަރުގެ ހުޅުކޮޅު ރޯވި ދުވަހަށެވެ.

އެ ދުވަހު އުކުޅަހުގައި ލޯންޗުކުރި އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ކޯލިޝަނާއެކު ގާއިމުކުރާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ކަމަށް ބަޔާންކުރި އެވެ. އެކަމަކު އޭރު އެކަމަށް މާ ގިނަ ބަޔެއްގެ ސަމާލު ކަމެއް ނުލިބުނެވެ. އޭގެ ފަހުން އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުން ހޯބޯ ލައްވައި ގަތުމުން އެ ވާހަކަ އިތުރަށް ކުރިއަށް ނުގޮސް އޮއްބާލީ އެވެ. އެހެނަސް، އޭރުވެސް ނަޝީދުގެ ވިސްނުންފުޅު ކޮންމެވެސް ވަރަކަށް ސިފަވި އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ކަމެވެ. ފަސް އަހަރު މަޑުކުރައްވަން ކެތްތެރިކަމެއް ނެތް ކަމެވެ.

އޭގެ ފަހުން ރިޔާސީ އިންތިހާބާ ހަމައަށް ދެ ބޭފުޅުން އެކުގައި އެއް އަޑުން ދެއްކެވީ ގާތްގަނޑަކަށް އެއް ވާހަކަ ތަކެކެވެ. ކޯލިޝަން ނުރޫޅޭނެ ވައުދެވެ. ކުޑައިރުއްސުރެ އެއްކޮށް އުޅުއްވި ނަޝީދާއި ސޯލިހުގެ މެދުގައި ކުންޏެއް ނުޖެހޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ. ރައްޔިތުންނަށް ދެއްކި އެ ހުވަފެންތަކުގެ މަތީގައި ތާރީހީ ކާމިޔާބީއެއް ހޯއްދަވައި ސޯލިހު ރާއްޖޭގެ ހަތް ވަނަ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މި ސިލްސިލާއަށް ބޮޅެއް އިތުރުވި އެވެ. ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ނަޝީދު ވާދަކުރައްވާކަން އިއުލާނުކުރެއްވުމާއެކު އެވެ. އެ ނިންމެވުމާއެކު ފެތުރިގެންދިޔައީ އާ ބަހުސެކެވެ. ވެރިކަމަށް އޮތް މަގު ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކުރުކޮށްލައި ބޮޑު ވަޒީރުކަމަށް ނަޝީދު ވަޑައިގަންނަވާނެކަމުގެ އަޑުތަކާއެކު އެވެ. އެކަހަލަ އިޝާރާތެއް ހުދު ނަޝީދުވެސް ދެއްވި އެވެ. އެކަމަކު އެކަމަށް ވެސް ބޭނުންފުޅުވި ތާއީދުނެތި ހިނދިގެން ދިޔަ ނަމަވެސް، އުކުޅަހުން އުފެދެމުން އައި ކޮޅިގަނޑު އޮތީ މަޑުގިނީގަ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގެ އަރައިރުން

ދެ ބޭފުޅުންގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަމަކީ ހަގީގަތެއް ނޫން ކަން ދައްކަން މަޖިލީސް އިންތިހާބު ތާރީހީ އަގުލަބިއްޔަތަކާއެކު އެމްޑީޕީން ކާމިޔާބުކުރުމާ ހަމައަށް އެކި ފަހަރު މަތިން ދެ ބޭފުޅުން ވެސް ވަރަށް މަސައްކަތް ކުރެއްވި އެވެ. އެހެނަސް، އެ ނުތަނަވަސްކަން އަރައިރުމަކަށް ބަދަލުވެ، ރައްޔިތުންނާ ހަމައަށް ތިލަވަގެން އައީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. މަޖިލީހުގެ ރިޔާސަތު ކަނޑައެޅުމަށް އެމްޑީޕީއިން ބޭއްވި ބައްދަލުވުން ވެގެން ދިޔައީ މުޅި ގައުމު ހައިރާންކޮށްލައި ސިޔާސީ މަސްރަހު އެހެން ގޯޅިއަކުން އަނބުރާލި ދުވަހަކަށެވެ.

އެއް ޕާޓީއަކުން ނިކުތް ވާދަވެރި ދެ ކެންޑިޑޭޓުންގެ ފަހަތުގައި ޕާޓީގެ މައި ދެ "ތަނބު" ތިއްބަވާ ބޮޑު ކޯޅުންގަނޑަކަށް ގޮސް އެމްޑީޕީ މެދުން ފަޅަފަަޅައިގެންދާ ހިސާބަށް ކަންކަން ދިޔަ އެވެ. ނަމަވެސް، ޕާޓީ ސަލަމާތްކުރުމަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސްކަން ބޭނުންފުޅުނުވި ނަޝީދު ވަނީ އެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. ނަމަވެސް، އޭރު ލަފާކުރެވުނު ގޮތަށް އެކަން ވެގެންދިޔައީ ސިޔާސީ ގޮތުން އެޅި މަލަންގަނޑަކަށެވެ. އެ އަރައިރުމުގެ ތެރެއިން އެއް ކަމެއް ސާފުވެގެން ދިޔަ އެވެ. ދެ ބޭފުޅުން ވެސް ޕާޓީގެ އެތެރިންނާއި ބޭރުން ނުފޫޒާއި ބާރު ހޯދުމުގެ ގަދަހިފުމެއްގައި އުޅޭކަމެވެ. ފަރުދާގެ ތެރެއިން ކޯޅުމުގެ ބޯ ދުންގަނޑު ރައްޔިތުންނާ ހަމައަށް ފުރޭނިގެން އައީ އެ ހިސާބުންނެވެ.

ޕޮއިންޓު ހޯދަން ދެ ބޭފުޅުން ފައި ވިއްދާފައި

މަޖިލީހުގެ ރިޔާސަތަށް ނަޝީދު ވަޑައިގެންނެވި ފަހުން މިހާރު ފެންނަމުންދަނީ މުޅީން އާ ވައްތަރެއްގެ ހަނގުރާމަ އެކެވެ. ޕޮއިންޓު ހޯދުމާއި މެޑަލް ޖެހުމުގެ ވިސްނުމެއްގައި ދައުލަތުގެ ދެ ބާރުގެ ބަދަލުގައި ވަކި ދެ ދައުލަތެއް މަސައްކަތް ކުރާ މަންޒަރެވެ. އެކަން އެންމެ ބޮޑަށް ސާފުވަނީ ނަޝީދު އިސްވެ އިންނަވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ގޮތަށް ތަންކޮޅެއް ފުންކޮށް ނަޒަރު ހިންގާލުމުންނެވެ.

ދާދި ފަހުން ހުށަހެޅިގެން ދިޔަ މަސްވެރިކަމުގެ ގަރާރުތަކުން އެކަމަށް ހެކިދެ އެވެ. ގާނޫނު އަސާސީ ބަދަލުކޮށްލުމުގެ ބާރު އޮތް އެމްޑީޕީގެ މަޖިލީހަކުން އެ ޕާޓީ އިސްވެ އޮތް ސަރުކާރަކަށް ގަރާރަކުން އެއްވެސް ކަމެއް "އިލްތިމާސް" ކުރަންޖެހޭނެ ކަމަކަށް ބުއްދިއަށް ގަބޫލެއް ނުކުރެވެ އެވެ. އެ ގަރާރުތަކުގައި ހިމަނާފައިހުރި ހުރިހާ ކަމަކީ ގާނޫނަކުން ނޫނީ ގާނޫނުތަކަކުން މަޖިލީހަށް ހުށަހަޅައި ވަގުތުން ފާސްކޮށްލެވޭނެ ކަންކަމެވެ. އެ ގަރާރުތަކުން ތަޅުމުގައި ޗަރުކޭސް ކުޅެނިކޮށް އެކަން ވާންޖެހުނު ހަގީގީ ސަބަބު ފެނުނީ އޭގެ ދުވަސްތަކެއް ފަހުން ސަރުކާރުގެ ފަރާތުން ހުށަހެޅި މަސްވެރިކަމުގެ ބިލުންނެވެ. އެ ބިލުގައި ވަނީ އެ ގަރާރުން "އިލްތިމާސް" ކުރި ކަންކަން ހިމަނާފަ އެވެ. އެނގިފައިވާ ގޮތުގައި އެ ގަރާރުތައް ކުއްލިއަކަށް ހުށަހެޅީ ބަންޑާރަ ނައިބުގެ އޮފީހުން މަސްވެރިކަމުގެ ބިލު ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅުމުގެ މަގުމަތީގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެ ގަރާރުތަކުން ސަރުކާރުގެ އިސް ނެގުމަށް ފެން އަޅާލީ އެވެ. މަސައްކަތް ކުރީ ސަރުކާރުންނެވެ. މެޑަލް ޖެހީ މަޖިލީހުންނެވެ. އެއީ ހަގީގަތުގައި ވެސް މިހާރު ފެންނަމުންދާ ސަގާފަތެވެ.

ދެން އޮތީ އެއްވެސް އޮއްޓަރެއް ނެތް ސުވާލުތަކެއްގެ ނިވަލުގައި މަޖިލީހަށް މިނިސްޓަރުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާބެވެ. ކޮންމެ ފަހަރަކު މިނިސްޓަރަކު ހާޒިރުކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރުމަށްފަހު ވިދިގެން ކުރާ ބަހުސްގައި އެ މިނިސްޓަރުން ހާޒިރުކުރަން ނުޖެހޭ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވުމަކީ ވެސް ދެކޮޅު ޖެހޭ ކަމަކަށް ނުވެ އެވެ. އެކަމަކު އެކަން ވެސް ވަރަށް ފޯރީގައި މަޖިލީހުން ދަނީ ކުރަމުންނެވެ. މިފަދަ ބޭކާރު ކަންކަމުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހުން މަސައްކަތްކުރާއިރު، އިތުރު ޖަލްސާތައް ދަނީ ތާވަލްކުރަމުންނެވެ. ރޭގަނޑުވެސް އެންމެ ދޮޅު ގަޑިއިރަށްވިޔަސް ޖަލްސާ ބާއްވާލަނީ އެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފަދަ އިސް ބޭފުޅުން ފާޅުގައި ކަންބޮޑުވުން ފާޅުކުރަންޖެހޭ މިންވަރަށް މަޖިލީހުގެ "ސްޕީޑް" އޮތް ކަން ދައްކަން ރިޔާސަތުން ވަނީ އަތުކުރި އޮޅާލައިފަ އެވެ.

މަޖިލީހުން މި ކުޅެމުންދާ ގޭމަށް ސަރުކާރުން ވެސް ހޭލައިފިކަން އީދު ބަންދު ނިމުމާއެކު ހާމަވެގެން ދިޔަ އެވެ. މިދިޔަ އާދީއްތަ ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ދިގު ލިސްޓެއް އާންމުކުރި އެވެ. މިއީ އަދި މިހާތަނަށް އެއްވެސް ސަރުކާރަކުން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. އެކަމުންވެސް ދޭހަވާ ގޮތުގައި، ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާ އޮންނާނެތީ، އާދީއްތަ ދުވަހު އަވަހަށް އެ ބިލުތަކުގެ މައުލޫމާތު އާންމުކޮށްލައި، މިފަހަރު މެޑަލް ޖެހުމުގެ ފުރުސަތު މަޖިލީހުގެ އަތުން ފޭރިގަތީ އެވެ.

އެކަކަށްވުރެ މޮޅުވާން އަނެއްކަކު

ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގެ އިއްޒަތްތެރިންގެ ދަތުރުފުޅުތައް ވެސް މިހާރު ވަނީ މެޑަލް ޖެހުމުގެ ކުލަ ޖައްސާފަ އެވެ. ބޭރުގެ އިއްޒަތްތެރިންނަށް ދެވޭ އެންމެ މަތީ އެއް ޝަރަފަކީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތެވެ. އެކަމަކު އެކަން ވެސް މިހާރު ވަނީ "ބޮޑުގުޅަވާ" ހިސާބަށް ގެންގޮސްފަ އެވެ. ރާއްޖޭގެ ތާރީހުގައި ބޭރުގެ މަދު ލީޑަރަކަށް މެނުވީ އަރުވާފައިނުވާ ޝަރަފެއް 19 ވަނަ މަޖިލީހަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވަނީ ކޮށްލައިފަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފްރެޑްރިކާ މޮގުރީނީ ވަނީ މި މަޖިލީހުގައި ތަގުރީރު ކުރައްވައިފަ އެވެ.

މޮގުރީނީ މި މަހު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާކަން ސަރުކާރަށް ހާމަނުކުރެވިގެން އުޅެނިކޮށް އެކަމުގެ މެޑަލް ވެސް ނަޝީދު އިސްވެ ވަނީ ޖައްސަވައިފަ އެވެ. އެކަމަނާ ދަތުރުފުޅެއް ކުރައްވާކަން ވެސް ތިލަވީ، މަޖިލީހުގައި ތަގުރީރު ކުރައްވާނެކަން އިއުލާނުކުރުމުންނެވެ. އިތުރު ގޮތަކަށް ބުނަނީ ނަމަ، އެކަކަށް ވުރެ މޮޅަށް އެހެން މީހަކު ކަންތައްކުރަން އުޅޭ އުސޫލަކުންނެވެ.

"ސުޕާ ކޮމިޓީ"

ދައުލަތުގެ ދެ ބާރުގެ އަޑި ނުފެންނަ މި ތަޅާފޮޅުމުގައި، ކްރެޑިޓް ނެގުމުގެ ސަގާފަތެއްގެ އިތުރުން، ބައެއް ބާރުތަކުގެ ތެރެއަށް އަތްގަދަ ކުރަން އުޅޭ މަންޒަރު ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށް އެމްޑީޕީގެ އެތެރެއިން ވެސް ބުނަން ފަށައިފި އެވެ. މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ކަނޑައެޅުމާއި ވަކިކުރުމުގެ ބާރުގެ ތެރެއަށް ސީދާ ނަޝީދުގެ ބަސްފުޅެއް އޮންނަ ގޮތަށް "ސުޕާ ކޮމިޓީ"އެއް އުފައްދަން އެމަނިކުފާނު ހުށަހެޅުއްވުމާއެކު އެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ބޭފުޅުން އައްޔަނުކުރުމާއި ވަކިކުރުމާގުޅޭ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ޒިންމާ އަދާކުރަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުންނެވެ.

ނަމަވެސް، އު އުސޫލު ބަދަލުކޮށް މަޖިލިހުގެ ގަވައިދަށް ނަޝީދު އިސްވެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ އެކަމަށް އެކުލަވާލެވޭ ސުޕަ ކޮމިޓީއަކުންނެވެ.

ނަޒާހަތްތެރި ބޭފުޅުން އެފަދަ މަގާމުތަކަށް ގެނައުމުގައި މަޖިލީސް ތަމްސީލުކުރާ ހުރިހާ ޕާޓީތަކެއްގެ ވީހާވެސް ގިނަ މެންބަރުން ޝާމިލުކުރަންޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި ސުޕާ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.

އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ. އަދި ސަރުކާރުން ފޮނުވާ ނަތްތަކާމެދު ގޮތެއް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާނީ އެ ސުޕާ ކޮމިޓީންނެވެ.

ނަމަވެސް، އެކަމަށް ވެސް ނަޝީދަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ތާއީދެއް ނުލިބުނެވެ. އެއީ ހަގީގަތުގައި މި ގަދަ ހިފުމުގައި "މޮޅުވާ" ކޮޅު ކަނޑައަޅާ ހަތިޔާރެވެ. މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު، ޕީޖީ ގުރޫޕުގެ މެޖޯރިޓީގެ ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގަ އެވެ. އެމަނިކުފާނާ ދެކޮޅަށް މަޖިލީހުގެ ގިނަ ކަންކަން ފޮރުޅިގެން ގޮސްފައި ނުވަނީ އެ ސަބަބާ ހެދި ކަމަށް ބުނުމުގެ ފުރުސަތު ލިބެނީ އެހެންވެ އެވެ. ނަމަވެސް، މި އަރައިރުމުގައި ގެއްލުން ލިބެމުން ދަނީ ރައްޔިތުންނަށެވެ.

ސަރުކާރުގެ ސްޕީޑު ލަސްވެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ ކަމަށް ބުނެ އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ އަޑު ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުންނެވެ. ދައުލަތުގެ ދެ ބާރު އެކައްޗެއް ކިޔައިގެން ރައްޔިތުން އުއްމީދުކުރި ދުވެލީގައި ސަރުކާރުގެ މަސައްކަތްތައް ނުކުރެވެނީ، ގައުމުގެ އެންމެ ބޮޑު ދެ ގެރީގެ ތަޅާފުޅުމުގެ މެދުގައި މުޅި ދައުލަތް ފިތިފައިވާތީ ކަމަށް ބުނުމުގެ ޖާގަ ހަގީގަތުގައި ވެސް އެބަ އޮތެވެ.