ރިޕޯޓް

އެމްޑީޕީ ކޮންގްރެސް މިވީ ސަރުކާރަށް ޓައިމްބޮމަކަށް!

އުކުޅަސްއިން: އިބްރާހިމް
Jun 30, 2018
9

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީ އިން މި ރަށުގައި ބާއްވާ ކޮންގްރެއަސްއަކީ ހަމަ އެކަނި މިހާރު އެ ޕާޓީއާ ގުޅިފައި އޮތް ކޮންގްރެސްއެއް ނޫނެވެ. އެއީ މުޅި ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕްގެ މުސްތަގުބަލު ކަނޑައަޅާނެ ބައްދަލުވުމެކެވެ. އެންމެ ބޮޑު ސަބަބަކަށްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ރިޔާސީ ޓިކެޓް ދޫކޮށްލައްވައި، އާ ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ދެއްވުމެވެ. އެއާއެކު، އެމްޑީޕީއިން ވެސް މި ވަނީ އެ ޕާޓީ ކުރިއަށް ދާނެ އާ މަގެއް ހޯދަން ޖެހިފަ އެވެ. ގުޅިފައިވާ ޕާޓީތައް މަސައްކަތް ކުރަމުން އަންނަ އިރު ރިޔާސީ ކެންޑިޑޭޓެއްގެ މެދުގައި ހިޔާލު ތަފާތުވެ އެއްޕާޓީ އަނެއް ޕާޓީ ތިބީ ގަދަ ހިފުމަށް ބައްދާ ހިސާބުގަ އެވެ. އެކަމަކު ކޮންގްރެސްއާއެކު އެ ކަންކަމަށް ނިމުމެއް އަންނާނެ އެވެ. ނޫނީ އިތުރަށް ހުޅުފަޅައިގެން ދާނެ އެވެ. މި ހުރިހާ ސަބަބުތަކެއް އެކުވެ އެމްޑީޕީގެ ކޮންގްރެސް ވެގެން ދާނީ ރާއްޖޭގެ ސިޔާސީ މައިދާނުގެ މުސްތަގުބަލް ކަނޑައަޅާނެ ބައްދަލުވުމަކަށެވެ.

ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި ކައުންސިލަރުން އަދި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެގެން ޖުމްލަ 1،000 މީހުން ބައިވެރިވާ މި ކޮންގްރެސްއާ މެދު އެމްޑީޕީގެ އިސްވެރިން ވެސް ކުރާ އުންމީދުތައް ވަރަށް ވެސް މައްޗެވެ. އެއަށް ވުރެވެސް ބޮޑަށް އެ ޕާޓީގެ އާންމު މެންބަރުންގެ އުންމީދުތައް ހުރީ މާމަތީގަ އެވެ.

މި ރަށުގެ އެމްޑީޕީ މެންބަރެއްކަމަށްވާ، މެޑޯޒް އަބްދުﷲ އިބްރާހިމް ބުނަނީ ރިޔާސީ ކެންޑިޑޭޓެއް ނެރެސް މިހާރުވެސް އެމްޑީޕީ އިން މާ ބޮޑަށް ލަސްކޮށްފި ކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުން މާޔޫސްވާނެކަން ފާހަގަ ކުރަމުން އަބްދުﷲ ބުނީ، މާދަމާ މި ރަށުގައި ބާއްވާ ކޮންގްރެސް އިން އެ ހުރިހާ ކަމަކަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އާންމު މެންބަރުންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަށް ސާފު ޖާވާބެއް ކޮންގްރެސްގެ ނިންމުންތަކުން ލިބޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.

"ވަރަށް ބޮޑު އުންމީދެއްގައި މި ހުރީ، ރިޔާސީ ކެންޑިޑޭޓްގެ ކަންތައްތަކުގައި ވެސް ވާނުވާ އެނގި ގިނަ ސުވާލުތަކަކަށް ޖަވާބު ލިބޭނެ ހަރުދަނާ ނިންމުންތަކެއް ނިންމާނެ ބައްދަލުވުމަކަށް ވާނެ ކަމަށް އުންމީދު މި ކުރަނީ. މިއީ ގިނަ ކަންތައްތަކެއް ނިމޭނެ ބޮޑު އުންމީދެއް އަޅުގަނޑު ކުރަން މި ކޮންގްރެސްއާ މެދު،" އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

ކޮންގްރެސްގެ އެޖެންޑާ އަދި އެމްޑީޕީއިން ފައިނަލެއް ނުކުރެ އެވެ. އެހެން ނަމަވެސް، ޔަގީންވާ ކަމަކީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމެވެ. މީގެ އިތުރަށް ނަޝީދު ރިޔާސީ ޓިކެޓް ދޫކޮށްލުމުން ބަދަލުގެ ގޮތުގައި އެ ޓިކެޓް އަރުވާނޭ މީހެއް ވެސް މާދަމާގެ ކޮންގްރެސްގައި ނިންމުންގާތެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ލަފާކުރެވޭ ނިންމުންތައް:

  • ނަޝީދުގެ ބަދަލުގައި ޕާޓީއިން ނެރޭނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ކަނޑައެޅުން
  • އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް ލީޑަޝިޕަށް އިތުރު ބާރުތައް
  • ޕާޓީގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅުން
  • ޖޭޕީއަށް ރަނިންމޭޓްކަން ދިނުމާ މެދު ގޮތެއް ނިންމުން

ލަންކާގައި ދިރިއުޅުއްވާ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ކޮންގްރެސް އޭނާ ވެސް ސިފަ ކުރެއްވީ، ގެއްލިފައިވާ ޑިމޮކްރަސީ އަނބުރާ ރުޖޫއަ ކުރުމަށް ހުޅުވާލެވޭ އާ މަސައްކަތްތައް ފަށައިގަނެވޭނެ ބާބެއްގެ ގޮތުގަ އެވެ. ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި އެމަގަށް ކަންކަން ނިންމުމުގެ ހުރިހާ ފުރުސަތެއް މިހާރު އޮތީ އެމްޑީޕީގެ ކޮންގްރެސްގެ އަތް މަތީގަ އެވެ.

"އެމްޑީޕީ ކޮންގްރެސް ވެގެން ދާނީ ގެއްލިފައިވާ ޑިމޮކްރަސީ އަނބުރާ ގެނައުމުގެ އެންމެ ބޮޑު ހަރަކާތައް. މިވަގުތަކީ އެމްޑީޕީގެ ޕްރައިމަރީއަށް ބޭރުގެ ބެކިން ލިބިފައިވާ ވަގުތެއް،" ކޮންގްރެސްއާ މެދު އޭނާގެ އުންމީދުތައް ހާމިދު އަބްދުލްޣަފޫރު ފާޅުކުރެއްވި އެވެ.

އެތައް ބައެއްގެ އުންމީދުތަކާ ގުޅިފައި އޮތް މި ކޮންގްރެސް ފެށުމަށް ބޯމަތިވެފައި ވަނިކޮށް އެމްޑީޕީ ވެސް ހިމެނޭ ގޮތުން ބުނެފައި ވަނީ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީ ކެންޑިޑޭޓެއް ނެރުމަށާއި ނައިބު ރައީސްއަކަށް ޖޭޕީގެ ބޭފުޅަކު ހެދުމަށް ނިންމައި އެކަމަށް މިހާރު އިދިކޮޅު ޕާޓީތައް އެއްބަސްވެފައިވާ ކަމަށެވެ. އެއާ އެކު އެމްޑީޕީގެ ކޮންގްރެސް ވެގެން މިދަނީ ސަރުކާރަށް ވެސް ދެވޭ ވަރުގަދަ ރައްްދަކަށެވެ. ހަމައެކަނި އެމްޑީއޭއާ އެކު އިއްތިހާދުވެގެން އޮތް ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ބުނަމުން ދިޔައީ އިދިކޮޅު ފަރާތްތަކަށް އެއްގަލަކަށް ނޭރޭނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ކޮންގްރެސްގެ ކުރިން އިދިކޮޅު ޕާޓީތަކުގެ ނިންމުންތަކުން ސަރުކާރަށް މި ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ.

އިދިކޮޅު ޕާޓީތައް އެކުގައި ރިޔާސީ އިންތިހާބަށް ނިކުންނަން ރަސްމީކޮށް އެއްބަސްވެފައިވާ އިރު އެމްޑީޕީ އިން މި ރަށުގައި ފަށާ ކޮންގްރެސް ވެގެން ދާނީ އިދިކޮޅު ފަރާތްތަކުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ރަސްމީކޮށް ފަށައި ގަނެވޭނެ އެވެ. މިހާތަނަށް ބުރަކި ޖެހިފައި އޮތް މި ކެމްޕޭން ކުރިއަށް ދާނެ ސާފު މަގެއް އެމްޑީޕީގެ ކޮންގްރެސްގައި ނިމިގެން ދާނެ ކަމަށް އުންމީދު ނުކުރާ މީހަކު މިހާރަކު ނެތެވެ. ސަބަބަކަށް ވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު އެ ޕާޓީއިން ހާމަކުރާނެ ތީ އެވެ.

އުކުޅަހުގެ ޒުވާނެއް ކަމަށްވާ، މުއްލާދު އިބްރާހިމް ބުނި ގޮތުގައި، އޭނާގެ އުންމީދަކީ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އިިދިކޮޅު ޕާޓީއިން ކުރިއަށް ދާނެ ގޮތެއް ކޮންގްރެސްގެ ތެރެއިން ނިމިގެން ދިޔުމެވެ. އޭނާ ވެސް ގަބޫލު ކުރަނީ ރިޔާސީ ކެންޑިޑޭޓެއް އިދިކޮޅުން ދެއްކުން ލަސްވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ކޮންގްރެސްގެ ތެރެއިން އެ އިންތިޒާރަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދު އޭނާ މާބޮޑަށް ވެސް އާކުރެ އެވެ.

"ކެންޑިޑޭޓެއް އިދިކޮޅަށް ނުދެއްކި ދިޔުމަކީ މާޔޫސްކަމެއް. ހާއްސަކޮށް ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައި ތިބި މީހުންގެ ފެއިތް ގެއްލޭ ކަމެއް މިކަމަކީ. އެހެން ނަމަވެސް ކޮންގްރެސްގެ ތެރެއިން އެ މާޔޫސްކަމަށް ނިމުމެއް ގެނެސްދޭނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" މުއްލާދު އޭނާގެ އުންމީދުތައް އަވަސްއާ ހިއްސާކުރި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ބައިވެރިވާ އަދި އިންތިޒާމްތަކުގައި ވެސް އިސްކޮށް އުޅުއްވި، އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް މޫސާ ނައީމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް މި ކޮންގްރެސްގެ ތެރެއިން އިތުރަށް ތަފްސީލްކޮށްދޭނެ ކަމަށެވެ. އަދި ޕާޓީ ސިޔާސީ ގޮތުން ޕާޓީ ހަރަކާތްތެރި ކުރުމަށް ލީޑަޝިޕަށް މުހިންމު ބާރުތަކެއް ކޮންގްރެސްގެ ތެރެއިން ދޫކޮށްލެވޭނެކަމުގެ އުންމީދު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާއަކަށް ވާނީ މޫސާ ނައީމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ މައްސަލައަށް ހައްލުތަކެއް އައުމެވެ. އަދި އެމްޑީޕީގެ ކުރިމަގު ބައްޓަން ވެގެން ދާނީ ވެސް މި ހާއްސަ ކޮންގްރެސްއިން އެވެ.

"އަޅުގަނޑު ޔަގީންކުރަން ގިނަ ބަޔަކު އެދި އެދި ތިބި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކަންތައްތަކުގައި މި ކޮންގްރެސްގެ ތެރެއިން ހައްލު ތަކެއް ލިބޭނެ ކަމަށް. އެ ޔަގީންކަމުގައި އަޅުގަނޑުމެން މި ތިބީ،" މޫސާ ނައީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ރާއްޖޭގެ މުޅި ސިޔާސީ ލޭންޑްސްކޭޕް އެފުށް މި ފުށަށް އެނބުރޭނެ ދެ ނިންމުމެއް މި އޮތީ ފުލުފުލުގައި އައިސްފަ އެވެ. މި ދެ ނިންމުމަކީ ޔަގީނަށް ވެސް ސަރުކާރަށް ކުރިމަތިވާނެ ބޮޑު ބިރެކެވެ. އެ ބިރުގައި ސަރުކާރުން އަދި އެއްޗެއް ނުބުނެ ހިމޭނުން ތިބި އިރު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ނިންމުމުގެ ބޯޅަ މިހާރު މި އޮތީ އެމްޑީޕީގެ ކޮންގްރެސްގެ އަތް މަތީގަ އެވެ. ވަކި ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭން ވެސް ކޮންގްރެސްއިން ނިންމަފާނެ އެވެ. ނޫނީ އަލުން ޕްރައިމަރީއަކަށް ދާން ވެސް ނިންމަ ފާނެ އެވެ. މީގެން ކޮންމެ ގޮތަކަށް ނިންމިއަސް އެ ހުރިހާ ކަމެއްގެ ބާރު މިހާރު މި އޮތީ އެމްޑީޕީގެ ކޮންގްރެސްގެ އަތްމަތީގަ އެވެ. ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅައި ދޭނީ އުކުޅަހުގައި އެމްޑީޕީއިން މިއަދު ބާއްވާ ކޮންގްރެސްގެ ތެރެއިން އެވެ. އެ މަގު ޗާޓް ކުރެހުމުގެ ހުރިހާ ބާރެއް އޮތީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކޮންގްރެސްމަނުންގެ އަތުގަ އެވެ. އެބޭފުޅުން މިއަދުގެ މައްސަލަތަކުގައި ބުރަވާކޮޅަށް ރާއްޖޭގެ ސިޔާސީ ވެށި ބުރަވެގެން ދާނެ އެވެ. އެމްޑީޕީގެ ކޮންގްރެސްއަށް އެންމެ ލޯތައް މިއަދު ހުއްޓޭނެ އެވެ. ހަމަ ޔަގީނުން ވެސް ރާއްޖޭގެ ސިޔާސީ ވެށި ބަދަލުވާ ނިންމުން އަންނާނީ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެވެ. ހީކުރި ގޮތާ ހިލާފަށް އެމްޑީޕީ ކޮންގްރެސް މިވީ ސަރުކާރަށް ވަރުގަދަ ލޮޅުމެއް އަރާނެ ޓައިމް ބޮމަކަށެވެ.