ރިޕޯޓް

އެންމެން ސެލްފީ ނަގަނީ މިއަދު އިބޫއާ އެކު

ައއ. އުކުޅަހުން: ނާޒިމް ހަސަން
Jun 30, 2018
4

އެމްޑީޕީގެ އަދާޔާ ހިލާފު ކޮންގްރެސްއަށް މުޅި އއ. އުކުޅަސް ރީނދޫވެފައިވަނިކޮށް އެންމެންގެ ލޯތައް ހުއްޓިފައިވާ އެ ޕާޓީގެ ޕީޖީ ލީޑަރު ބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިގެންނެވުމާއެކު މުޅި މާހައުލު ބަދަލުވެގެން ދިޔަ އެވެ. އެންމެންގެ މޫނު މަތިން ފެންނަމުން ދިޔަ ހިނިތުންވުން ދެގުނަވި އެވެ.

ކޮންގްރެސްއަށް އިބޫ އުކުޅަހަށް ވަޑައިގެން މިއަދު ހެނދުނުގެ ސައިފޮދުގައި ބައިވެރިވަޑައިގަތެވެ. ސައިފޮދަށް އިބޫއަށް ވަޑައިގެންނެވުނީ އެތައް ބަޔަކާ ސަލާމް ކުރައްވައި ސެލްފީ ނެގުމަށްފަހު އެވެ. ބައެއް އިސް ބޭފުޅުންނާ އެއް މޭޒެއްގައި ސައިފޮދު ހިއްޕެވުމަށްފަހު ކޮންގްރެސް ފެށުމުގެ ކުރިން ކޮޓަރިއަށް ވަޑައިގެންނެވުމަށް ހިންގަވައިގަތެވެ. ނަމަވެސް އެކަމަށް ވެސް ގިނަ ވަގުތުތަކެއް ހޭދަވި އެވެ.

އިބޫ ވަށައިލީ ސެލްފީ ނެގުމަށް ފޯނުތައް ހިފައިގެން ތިބި މީހުންނެވެ. "އަހަރެމެންގެ ކެންޑިޑޭޓް" ކަމަށް ބުނެ އެންމެން ވެސް އިބޫއާއެކު ފޮޓޯ އާއި ސެލްފީ ނެގުމަށް އަވަސްވެ ގަތެވެ. ކޮންމެ މީހަކާ ވެސް އިބޫ ބައްދަލު ކުރައްވައި ފޮޓޯ ނަންގަވަނީ ހިނިތުންވުމާއެކު އެވެ.

އުކުޅަހުގައި އިބޫއަށް ހާއްސަ ސަމާލު ކަމެއް ލިބިފައިމިވަނީ އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި އިބޫ ނެރޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައިވަނިކޮށެވެ. އެމްޑީޕީގެ ޓިކެޓް ޕްރައިމަރީގައި ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ ޓިކެޓް ދޫކޮށްލައްވާފަ އެވެ. ނަޝީދަށްފަހު އިބޫއަށް އެ ޓިކެޓް ދޭން އެއީ އެމްޑީޕީ ގިނަ މީހުން ބޭނުންވާ ގޮތެވެ.

ކޮންގްރެސްގައި އިބޫއަށް އެމްޑީޕީގެ ޓިކެޓްދީ ކެންޑިޑޭޓަކަށް ހަދާނެ ކަމަށް ބެލެވޭއިރު އެމްޑީޕީގެ ކެންޑިޑޭޓްގެ ފަހަތަށް އިދިކޮޅުގެ ހުރިހާ ޕާޓީތަކެއް އެރުމަށް ރޭ ވަނީ ޕާޓީތަކުގެ މެދުގައި އެއްބަސްވެފަ އެވެ. އެހެންވީއިރު އިބޫ ވެގެން ދާނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓަކަށް ނޫނެވެ. މުޅި އިދިކޮޅުގެ ކެންޑިޑޭޓަށެވެ.