ރިޕޯޓް

އެމްޑީޕީގެ ކެންޑިޑޭޓަކީ އިބޫ!؟

އެމްޑީޕީގެ އެންމެ ތާއިދު ބޮޑު ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން އެ ޕާޓީގެ ގިނަ ބަޔެއްގެ ތާއިދު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހޯއްދެވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އިދިކޮޅު އެހެން ޕާޓީތަކުގެ މެންބަރުން އިތުބާރު ހޯއްދެވީ ވެސް މަދު ދުވަސްކޮޅަކުންނެވެ. އެންމެން އެކުގައި ގޮވައިގެން އުޅޭ ލީޑަރެއްގެ ގޮތުގައި އިބޫ ފާޅުވެގެން ދިޔައީ ހަލުވިކަމާއެކު އެވެ.

އެ ހަލުވިކަމާއެކު ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެދާނެ ކަމަށް އަޑުތައް ފެތުރިގެން ދިޔަ އެވެ. އިދިކޮޅުގެ ބައެއް އިސް ބޭފުޅުން އިބޫއަށް ތާއިދުކުރައްވާކަން ފުލުފުލުގައި ހާމަ ކުރައްވަމުން ގެންދެވި އެވެ. އެކަމާ ބައެއް އާންމު މެންބަރުންގެ ނުރުހުން ވެސް އިބޫއަށް އަމާޒުވި އެވެ. އެކަމަކު މަޑުމައިތި މިޒާޖެއްގެ އިބޫ ހުންނެވީ ހަނެވެ.

ރައީސް ނަޝީދާއި އިބޫއަކީ ވަކި ނުކުރެވޭނެ ދެ އެކުވެރިންކަން އެއީ ސިޔާސީ މައިދާނުގެ ހަގީގަތެކެވެ. އިބޫގެ ނަން ކެންޑިޑޭޓެއްގެ ގޮތުގައި އަޑު ފެތުރިގެން ދިޔައީ ކީއްވެގެންކަން މިހާރު ވިސްނެވެ. އެއީ މީހުންގެ "ރިއެކްޝަން" ދެނެގަތުމަށް އެމްޑީޕީއިން ގެންގުޅުނު މޮޅު އުކުޅެއް ކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވެ އެވެ.

އިބޫ ކެންޑިޑެންސީ ހޯއްދަވަން އުޅުއްވާ ކަމަށް އަޑު ފެތުރި، ރައީސް ނަޝީދާ ހިޔާލު ތަފާތުވެފައިވާ ކަމަށް ހަބަރުތައް އަރައިގެން ދިޔައިރު ވެސް އެ ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަދު ބަހެއް ވިދާޅެއް ނުވެ އެވެ. ބަހުގެ ހަމަލާއެއް ވެސް އަމާޒެއް ނުކުރައްވަ އެވެ. އެންމެ ފަހުން ވެސް އިބޫ ވިދާޅުވީ، އޭނާ ކެންޑިޑޭޓެއްގެ ގޮތުގައި ތާއިދު ކުރައްވަނީ ރައީސް ނަޝީދަށް ކަަމަށެވެ. އެއީ އެންމެ ރަނގަޅު ކެންޑިޑޭޓް ކަމަށެވެ.

އެމްޑީޕީގެ އަދާޔާ ހިލާފު ކޮންގްރެސް އުކުޅަހުގައި ފެށުމަށް ތައްޔާރުވެފައިވަނިކޮށް ރައީސް ނަޝީދު އަންނަ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފަ އެވެ. އެ ނިންމުން އެމަނިކުފާނު ނިންމެވީ ޕާޓީގެ މެންބަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓެއް އިންތިހާބުގައި ނުހުރެދާނެ ކަމުގެ ބިރަށެވެ. އެ ނިންމެވުން ރައީސް ނަޝީދު ނިންމެވީ އިބޫއާ ބައްދަލު ކުރެއްވުމަށްފަހު އެވެ. ކޮންގްރެސް ފެށެއް ދެ ދުވަހަށްވެފައިވަނިކޮށް އިބޫ ލަންކާއަށް ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރެއްވި އެވެ. އެކުގައި ފޮޓޯ ނަންގަވައި އާންމު ކުރެއްވި އެވެ. ރައީސް ނަޝީދަށް އިންތިހާއަށް ތާއިދުކުރާ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއެކު އިބޫ ވަގުތު ހޭދަކުރެއްވި އެވެ.

މިހުރިހާ ކަމެއް ނިމިގެން ދިޔައިރު އެއް ކަމެއް ވަނީ ވަރަށް ޔަގީނާ ގާތްވެފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބޫގެ ނަން މާދަމާ އިއުލާންވެގެން ދާނެ ކެމެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރެއް ކަމަށްވާ އިބްރާހުމް ޝަރީފް މިއަދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބޫ މާދަމާ އިންތިހާބު ކުރާނެ ކަމަށެވެ. އެކަމުގައި ޝައްކެއް ނެތް ކަމަށެވެ. ރައީސް ނަޝީދު ޓިކެޓް ދޫކޮށްލެއްވީ އާ ކެންޑިޑޭޓަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފެނިދާނެ ކަމަށް ދެން އެންމެ ބޮޑަށް ބެލެވުނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެވެ. އެކަމަށް މަގު ފަހިކުރުމަށް ޝާހިދު ޕާޓީގެ ތެރެއިން މަސައްކަތެއް ކުރެއްވި ކަމަށްވެސްވެ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ނިންމެވުމާއެކު ޝާހިދު ވެސް ވަނީ ބޮޑު ނިންމެވުމެއް ނިންމަވާފަ އެވެ. ޕާޓީގެ އެއްބައިވަންތަކަން ގެއްލިގެން ގޯސްދާނެތީ އިބޫއަށް ތާއިދުކުރައްވަން ޝާހިދު ވަނީ ނިންމަވާފަ އެވެ.

އެހެންވީއިރު ދެން އިބޫ ނޫން ބޭފުޅަކު ނެތެވެ. އެމްޑީޕީގެ ކެންޑިޑޭޓަކީ އިބޫ އެވެ. ވަރަށް ސާފެވެ.

ބެލެވޭ ގޮތުގައި އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވައިދަށް ބޮޑު ބަދަލުތަކެއް ގެންނާނެ އެވެ. ޕްރައިމަރީގައި ކާމިޔާބު ހޯދާ ފަރާތަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ވެއްޖެނަމަ ހަދާނެ ގޮތެއް މިހާރު އެމްޑީޕީއަކު ނެތެވެ. އެކަމަށް ގޮތްތަކެއް ހޯދައި ގަވައިދަށް އަކުރެއް ނުތައް މާއްދާއެއް އިތުރު ކުރުމަކީ ކޮންގްރެސްގެ މަގުސަދު ކަމަށް ބެލެވެ އެވެ. އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތްނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ގައުމީ މަޖިލީހަށް ދީފާނެ ކަމަށް ވެސް ބެލެވެ އެވެ.