ރިޕޯޓް

ބޮޑު އާބާދީއެއް ގެނެސް މެނޭޖުކޮށްލި ގޮތް މޮޅު!

އއ. އުކުޅަހުން: ނާޒިމް ހަސަން
Jun 30, 2018
12

މި ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 1،500 އެވެ. އެކަމަކު މިހާރު މިރަށުގައި އިތުރު ބާރަ ސަތޭކަ މީހުން އެބަތިއްބެވެ. މި މީހުން މި ރަށަށް ޖަމާވެގެން އެތިބީ އެމްޑީޕީއިން މިއަދު ކުރާ "އަދަޔާ ހިލާފު ކޮންގްރެސް" އަށެވެ. މި މީހުންގެ ކެއުމާއި ތިބުން އޮތީ ވަރަށް ފުރިހަމަ އަށް އިންތިޒާމު ވެފަ އެވެ. އެއްވެސް މީހަކަށް ޝަކުވާއެއް ކުރާނެ ޖާގައެއް މިކަން އިންތިޒާމު ކުރި އެމްޑީޕީގެ އިންތިޒާމު ކޮމެޓީއަކުން ނުދެ އެވެ.

"މި ރަށުގައި މިހާރު ތިޔަކުރާ މަސައްކަތްތަކުގެ ހުރިހާ ކަމެއް އެ ކުރަނީ ހިލޭ ސާބަހަށް. ހަމަ ކުރާ ހިތުން ނުކުމެ. އެއްވެސް ފައިސާއެއް ހިފުމެއް ނެތި،" ކޮންގްރެސްގެ ކަންކަން ރޭވުމުގައި އިސްކޮށް އުޅުއްވާ، އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސްގެ ނައިބު ރައީސް މޫސާ ނައީމް "އަވަސް" އަށް ވިދާޅުވި އެވެ.

މީހުން އުފުލުގެ ބޮޑު އޮޕަރޭޝަން

ސިޔާސީ ގޮތުން މި ޖޯޝު ހުއްޓަސް 1200 އެއްހާ މީހުން އެއް ފަހަރާ އެއް ރަށުން އަނެއް ރަށަށް ގެންގޮސް އެ މީހުން ބޭނުންވާނެ ހުރިހާކަމެއް ފުރިހަމަ ކޮށްދިނުން ވާނީ ގޮން ޖެހުމަކަށެވެ. މީގައި އެންމެ ބޮޑު ގޮންޖެހުމަކަށްވެގެންދާނީ ލޮޖިސްޓިކް އެވެ. މި ކޮންގްރެސްއަށް މީހުން އުފުލުމުގައި ހަ ލޯންޗެއް ވަނީ ހާއްސަކޮށްފަ އެވެ. މީގެ އިތުރުން 250 މީހުންގެ ޖާގައިގެ ބޮޑު ލޯންޗެއް ވެސް ހިމެނެ އެވެ.

މި ރަށުގައި މިހާރު ތިޔަކުރާ މަސައްކަތްތަކުގެ ހުރިހާ ކަމެއް އެ ކުރަނީ ހިލޭ ސާބަހަށް. ހަމަ ކުރާ ހިތުން ނުކުމެ. އެއްވެސް ފައިސާއެއް ހިފުމެއް ނެތި
އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސްގެ ނައިބު ރައީސް މޫސާ ނައީމް

ނައީމް ވިދާޅުވީ މި މަސައްކަތަކީ ގޮން ޖެހުންތައް ބޮޑު، އަދި ބުރަ މަސައްކަތެއް ކަމަށެވެ.

އެކަމަކު މިކަން ވެސް ވަނީ ފުރިހަމަ އިންތިޒާމެއްގެ ދަށަށް ގެނެސްފަ އެވެ. ދަތުރުފަތުރާއި އުކުޅަހަށް މީހުން ގެނައުމަށްފަހު އެމީހުން ތިބޭ ތަންތަނަށް ގެންގޮސް ދިނުމުގެ އިންތިޒާމު ވެސް އޮތީ ފުރިހަމައަށް ކޮށްފަ އެވެ. މީގެ ދެ ދުވަސްކުރިން ފެށިގެން އުކުޅަހާއި ކައިރި ރަށްރަށަށްވެސް ދިޔައީ މީހުން ގެންދަމުންނެވެ.

ކާން ދިއުމާއި އެކޮމޮޑޭޝަން

ކޮންގްރެސްއަށް ގެނެސްފައިވާ 1200 މީހުންގެ އެކޮމޮޑޭޝަން ހާއްސަކޮށްފައި ވަނީ މިރަށުގެ 24 ގެސްޓްހައުސްގަ އެވެ. އަދި ކޮންގްރެސް ކަވަރު ކުރުމަށް އައި މީޑިޔާތަކާއި އެމްޑީޕީ ޑެލިގޭޝަންގެ ކެއިން ބުއިމުގެ ހުރިހާކަމެއް އިންތިޒާމު ކޮށްދެނީ ރެސްޓޯރެންޓް ތަކުންނެވެ. އެކަމުގައި މި ރަށުގެ ހަ ރެސްޓޯރެންޓެއް ހަރަކާތްތެރިވެ އެވެ. ކޮންމެ ރެސްޓޯރެންޓަކުން 200 މީހުންގެ މީލް "ހިލޭ" ތައްޔާރު ކޮށްދީފައިވެ އެވެ.

ކޮންގްރެސް ފެށުމުން، ތިން އިރުގެ ކޮއްތުގެ ދިނުމަށް 1200 މީހުންނަށް އެއްފަހަރާ ކެއުމަށް އިންސާފު ކުރެވޭނެ ބޮޑު ޓެންޓެއް މިރަށު ބަނދަރު ސަރަހައްދުގައި ވަނީ ޖަހާފަ އެވެ. މި ހުރިހާ ކަމެއްވެސް ކޮންގްރެސް އިންތިޒާމު ކޮމެޓީއިން ވަނީ ފުރިހަމައަށް މެނޭޖުކޮށްފަ އެވެ. މިހާރު މިރަށުގެ އާބާދީއާ އެއްވަރުގެ އާބާދީއެއް ގެނެސް ބަލަހައްޓައިލާ ގޮތް އެއީ ލާމަސީލު މިސާލެކެވެ.